ސޯމާލިޔާގެ ހޮޓަލަކަށް ހަމަލާދީ އެތައް ބަޔަކު މަރާލައިފި

ސޯމާލިޔާގެ ދެކުނުގައި އޮންނަ ބަނދަރު ރަށް ކިސްމާޔޫ

ސޯމާލިޔާގެ ދެކުނުގައި އޮންނަ ބަނދަރު ރަށެއް ކަމުގައިވާ ކިސްމާޔޫގެ ހޮޓަކަލަކަށް އަމާޒުކޮށް ޖާނުން ކާރު ބޮމެއް ގޮއްވާލުމަށް ފަހު ބަޑިން ދިން ހަމަލާއެއްގައި 10 މީހުން މަރުވެ 50 މީހުން ޒަޚަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ނޫސްވެރިންނާއި ސިޔާސީ މީހުންވެސް ހިމެނެއެވެ.

ސޯމާލިޔާގެ ނޫސްވެރިންގެ ޖަމާއަތް، ސޯމާލީ ޖާނަލިސްޓްސް ސިންޑިކެޓްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަރުވި 7 މީހުންގެ ތެރޭގައި ދެ ނޫސްވެރިން ހިމެނެއެވެ. އެތަނުން އެކަކީ ސޯމާލިޔާއަށް އުފަން ކެނެޑާގެ ޓީވީ ނޫސްވެރިޔާ ހުދާން ނަލާޔާއެވެ. ދެން މަރުވީ ހަމަލާގެ މަންޒަރުތައް ނަގަން މަސައްކަތްކުރި ސޯމާލިޔާ ޓީވީގެ ނޫސްވެރިޔާ މުޙައްމަދު ޢުމަރު ސަޙަލްއެވެ.

މަރުވި މީހުންގެ ތެރޭގައި އެ ސަރަހައްދުގެ ރައީސުކަމަށް ވާދަކުރާ ކެންޑިޑޭޓަކާ، ގަބީލާއެއްގެ އިސްވެރިން ހިމެނޭ ކަމަށްވެސް ޚަބަރުލިބެއެވެ.

ސޯމާލިޔާގެ ސަރުކާރު ވައްޓާލަން ހަނގުރާމަކުރާ ހަތިޔާރުއެޅި ޖަމާއަތް އައްޝަބާބުން ވަނީ މިހަމަލާގެ ޒިންމާ އުފުލާފައެވެ. އެޖަމާއަތުގެ ބަޔާނެއްގައި ވާގޮތުން އެޖަމާއަތުގެ ހަނގުރާވެރިން ވަނީ ޖާނުންފިދާވެގެން ކާރެއް ގޮއްވާލުމަށްފަހު، ބަޑީގެ ހަމަލާއާއެކު ހޮޓަލުގެ ތެރެއަށް ވަދެގެންފައެވެ.

"އަހަރުމެން ފުރަތަމަ (ހޮޓަލަށް) އަމާޒުކުރީ ޖާނުނުފިދާވެގެން ދިން ކާރުބޮމުގެ ހަމަލާއެއް. ދެން ހަތިޔާރުއެޅި މުޖާހިދުން ހޮޓަލަށް ވަދެގަތީ. އަހަރުމެންގެ ހަނގުރާމަވެރިން އަދިވެސް ހޮޓަލުގައި އެބަތިބި." އައްޝަބާބުގެ ބަޔާނުގައި ވެއެވެ.

"މަރުވެފައި ތިބި ވަރަށް ގިނަ މީހުން ހަށިތައް ހޮޓަލުގެ ތެރޭގައި އެބަހުރި. އޭގެ ތެރޭގައި ދޮން މީހެއްގެ ހަށިގަނޑުވެސް ވޭ. ހޮޓަލް މިހާރު ވަނީ އަހަރުމެންގެ ކޮންޓުރޯލުގެ ދަށުގައި" އެ ޖަމާއަތުގެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

ކިސްމާޔޫގެ މަދީނާ ހޮޓަލަށް ދިން ހަމަލާގައި މަރުވި ނޫސްވެރިޔާ ހުދާން ނަލާޔާ

ފުލުހުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ކާރުބޮން ގޮވުމުގެ ދޮޅު ގަޑިއެއްހާއިރު ފަހުން ބަޑީގެ އަޑުވެސް ވަނީ ކަނޑައިގެން ގޮސްފައެވެ. އެހެންނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނިގޮތުގައި ރޭ  11 ޖެހިއިރު (ރާއްޖޭގަޑިން ދަންވަރު 1 ޖެހިއިރު) ވެސް ބަޑީގެ އަޑު ކަނޑައިގެން ނުދެއެވެ.

ސޯމާލިޔާ ސަރުކާރުގެ އޮފިޝަލުން ހާމަކުރި ގޮތުގައި ކިސްމާޔޫގެ މަގްބޫލު ހޮޓަލެއް ކަމުގައިވާ މަދީނާ ހޮޓަލަށް ހަމަލާދިނީ ޖާނުންފިދާވި މީހަކު ހޮޓަލުގައި ކާރަކުން ޖެއްސައި ގޮއްވާލުމަށް ފަހުއެވެ. ދެން ބަޔަކު ބަޑީގެ ހަމަލާއާއެކު ހޮޓަލުގެ ތެރެއަށް ވަނީއެވެ.

އޮފިޝަލުން އިތުރަށް ހާމަކުރި ގޮތުގައި، ހަމަލާދިން ވަގުތަކީ އަންނަ އޮގަސްޓުމަހު ކިސްމާޔޫގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް އިންތިޚާބާ ބެހޭ މަޝްވަރާތަކަކަށް ގާނޫނުހަދާ މަޖިލީހުގެ އެ ސަރަހައްދަށް ނިސްބަތްވާ މެންބަރުންނާއި، ސަރަހައްދުގެ ކަމުވޮށިވެގެންވާ މީހުންގެ ބައްދަލުވުމެއް ހޮޓަލުގައި ކުރިއަށް ދިޔަ ވަގުތެކެވެ.

އިސްލާމީ ހަރުކަށި ޖަމާއަތް އައްޝަބާބު ވަނީ 2011 ވަނަ އަހަރު ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫއިން ބޭރުކޮށްލެވިފައެވެ. އަދި 2012 ވަނަ އަހަރު ކިސްމާޔޫއިންވެސް ބޭރުކޮށްލެވުނެވެ. އެހެންނަމަވެސް، ދެކުނުގެ ސަރަހެއްދެއް ކަމުގައިވާ ޖުއްބާލޭންޑްގައި އެޖަމާއަތް މިހާރުވެސް ހަރަކާތްތެރިވަމުން ދެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.