ކީރިތި ޤުރްއާނުގެ ޢިލްމީ މުޢުޖިޒާތުގެ ހިޔާވަހިކަމުގެ ދަށުގައި: ކައުނާބެހޭ ބަހުރުވަ ޤުރްއާނާ އެއްގޮތްވަމުން އައުން (3)

(28 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ހުޅަނގުގެ އިޞްޠިލާޙުތަކުގައި ޤުރްއާނުގެ ކަލިމަތައް

ޤުރްއާން ބާވައިލެއްވި ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ! އަރަހުށި ﷲ އަޅަމެންނަށް އަންގަވަނީ އަޅުގަނޑުމެންގެ މަތީގައިވާ އުޑަށް ބެލުމަށެވެ. އެކަލާނގެ އެ އުޑު ހައްދަވާފައި ވަނީ ކިހިނެއްތޯ ދެނެގަތުމަށް ޓަކައެވެ. އެކަލާނގެ އެ އުޑު ޒީނަތްތެރި ކުރައްއްވާފައި ވަނީ ކިހިނެއްތޯ އުނގެނުމަށެވެ. އެބޭފުޅުން ބޭނުންފުޅު ކުރައްވަމުންދަނީ ކީރިތި ޤުރްއާނުގައި ހުރި ހަމަ އެ ބަސްތަކެވެ. އެބޭފުޅުން ހުށައެޅުއްވި ސުވާލުވެސް ފަށްޓަވަފައި ވަނީ ހަމަ އެ ކަލިމަ (كَيْفَ) އިންނެވެ. އެބޭފުޅުން ލިޔުއްވި މަޒްމޫނުގެ ސުރްޚީގައި ވަނީ

How Did Structure Form in the Universe

މި މަޒްމޫނުގައި ވާހަކަފުޅު ދައްކަވާފައި ވަނީ ކައުނު ބިނާވި ގޮތާ ބެހޭގޮތުންނެވެ. މަތް ﷲ ކީރިތި ޤުރްއާނުގައި ހުށައަޅުއްވާފައިވާ ސުވާލުގައި އޮތީ ހަމަ އެ ޢިބާރާތެވެ. ((كَيْفَ بَنَيْنَاهَا)) އެވެ.

ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ބަލައިއިރު އިލާހީ ބަޔާންފުޅުތަކުގައި  މި ބިނާކުރުން ކަށަވަރުކޮށް ދެއްވައިފައިވެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((أَأَنْتُمْ أَشَدُّ خَلْقًا أَمِ السَّمَاءُ بَنَاهَا رَفَعَ سَمْكَهَا فَسَوَّىٰهَا [1] - ހެއްދެވުމުގައި އުނދަގޫކަން ބޮޑީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އުޑު ހެއްޔެވެ؟ އެ އުޑު ބިނާކުރެއްވީ އެކަލާނގެއެވެ.އެކަލާނގެ އެ އުޑުގެ ބިނާ އުފުއްލެވިއެވެ. ދެން އެ އުޑު ފުރިހަމަކުރެއްވިއެވެ.))

ޢިލްމުވެރިން ކަށާވަރުކޮށް ދެއްވާގޮތުގައި މި ބިނާ ވަރުގަދަ ބިނާއަކަށް ހަދައިދޭ ބާރަކީ ޚިޔާލަށް ވެސް ނުގެނެވޭނެވަރުގެ ވަރުގަދަ ބާރެކެވެ. މި ބާރުތަކުގެ ތެރޭގައި ކަރަންޓް ބާރާއި  ދަގަތްފާނަ ބާރު ހިމެނެއެވެ. މީގެ އިތުރަށް އައު ބާރެއް ވާ ކަމަށް ވެސް ޢިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. އެއީ އަދިރި ބާރެވެ. މިއީ ވަރަށް ބިޔަ ވަރަށް ވަރުގަދަ ބާރެކެވެ. މި ވަރުގަދަ ބިނާ  ގަންދެއްވައި މާތް ﷲ ބަސް ވަޙީ ކުރައްވާފައި ވެއެވެ. ((وَالسَّمَاءِ وَمَا بَنَاهَا - އަދި އުޑާއި، އެ އުޑު ބިނާކުރެއްވި ކަލާނގެ ގަންދެއްވަމެވެ.)) މާތް ﷲ  މަތިވެރި ވަރުގަދަ ބިޔަ މުހިއްމު އެއްޗެއް ގަންދެއްވާ މެނުވީ ހުވާ ނުކުރައްވާނެތެވެ.

One of the most obvious facts about the Universe is that it shows a wealth of structure on all scales from planets, stars and galaxies up to clusters of galaxies and super-clusters extending over several hundred million light years"

ފޮޓޯ (3) 1500 އަލި އަހަރުގެ ދިގުމިނުގެ ބިތްގަނޑެއް . މި ބިތްގަނޑު ބިނާކުރެވިގެން ވަނީ ތަރިތަކާއި ކައުނީ ދުމުންނެވެ. މިފަދަ އެތައް މިލިޔަން ބިތްގަނޑުތަކެއް ކައުނުގައި ބިނާކުރެވިފައި ވެއެވެ. ސައެންޓިސްޓުން ވިދާޅުވާ ގޮތުގައި ކައުނުގައި ހުރި ބިތްގަނޑުތަކާއި ފާލަންތައް ބިނާކުރެވިފައިވާ ގޮތަށާއި މި ފަދަ ބައިތައް އެކަތި އަނެކައްޗާ ގުޅިފައިވާ ބަދަހި ގުޅުމަށް ބަލާއިއިރު އެނގެނީ ކައުނަކީ ވަރުގަދަ ބިޔަ މޭސްތިރިކަމެއް ކަމެވެ. ހުޅަނގުގެ ސައެންޓިސްޓުން މި ޢިލްމީ ޙަޤީޤަތްތައް ހޯއްދެވުމުގެ އެތައް ސައްތަ އަހަރެއް ކުރިން މި ވަހަކަތައް ބާވައިލެއްވި ރަސްކަލާނގެ ހުސްތާހިރުވަންތަކަމާއެވެ! އެކަލާނގެ ވަޙީ ކުރައްވަނީ  (والسماءَ بناءً) އެވެ. ސައެންޓިސްޓުން މިއަދު އެ ބޭނުންކުރައްވަނީ building އެވެ. ހަމަ ބިނާއެވެ. سبحان الله

 

ވިސްނައިލަން ޖެހޭ ވަގުތުކޮޅެއް

މި ސައެންޓިސްޓުންނަކީ ﷲގެ ކަލާންފުޅާ އިންކާރު ކުރާ ބައެކެވެ. އެމީހުން ދަޢުވާ ކުރާ ގޮތުގައި އެއީ މުޙައްމަދުގެފާނު ހައްދަވާފައިވާ ފޮތެކެވެ. އޭގެ ތެރެއިން ބައެއް މީހުން މި ކައުނަށް ޚާލިޤަކު ވާ ކަން ވެސް ޤަބޫލެއް ނުކުރެއެވެ. އެމީހުން ބުނާގޮތުގައި އެއީ އެއްވެސް މޭސްތެރިއަކު އަދި ޚާލިޤަކު ނެތި އެހެން އޮވެފައި އަމިއްލައަށް އުފެދުނު ތަނެކެވެ. އެބައިމީހުން ވަނީ ބޮޑުވެގެންވާ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. ((بَلْ كَذَّبُوا بِالْحَقِّ لَمَّا جَاءَهُمْ فَهُمْ فِي أَمْرٍ مَرِيجٍ [2] - އަދި ކިއެއްތަ! އެއުރެންގެ ގާތަށް حق އައިހިނދު، އެއުރެން އެ ދޮގުކުރޫއެވެ. ފަހެ، އެއުރެންވަނީ، ހަމަޖެހުމެއްނެތް حالة އެއްގެ ތެރޭގައެވެ.)) މި އާޔަތާ ވިދިގެން އައި އާޔަތުގައި މާތް ﷲ އެބައިމީހުންނަށް ގޮވައިލައްވާފައި ވަނީ އެ އުޑު ބިނާކުރައްވާފައިވާ ގޮތަށާއި އ އުޑު ޒީނަތްތެރި ކުރައްވާފައިވާ ގޮތަށް ބެލުމަށެވެ. މާތް ﷲ އެމީހުންނަށް މި ބިނާއަށް ބެލޭނެ ވަސީލަތްތައް  ތަނަވަސްކޮށްދެއްވިއެވެ. މިއީ މި މަތިވެރި ޚާލިޤަށް އީމާންވުމަށް މާތް ﷲ ގޮވައިލެއްވުން ނޫންތޯއެވެ.

މި ޢިލްމީ މަންހަޖުން ޣައިރު މުސްލިމުންނާއެކު މުޢާމަލާތު ކުރުމަށް ގޮވައިލާ ދީނަކީ ނާތަހްޒީބު ދީނެކޭ  ބުނެވޭނީ ކިހިނަކުންތޯއެވެ؟ މި ފަދަ ސުލްޙަވެރިގޮތަކަށް ދީނަށް ގޮވައިލާ ދީނަކީ ނިރުބަވެރިކަމަށް ހިތްވަރުދޭ ދީނެކޭ ބުނެވޭނީ ކިހިނަކުންތޯއެވެ؟ ޢިލްމީ އިޢުޖާޒަކީ ﷲގެ މަގަށް ގޮވައިލާ ތަހްޒީބީ ވަސީލަތެއް ނޫންތޯއެވެ؟

(ނިމުނީ)

[1]  -  النازعات : 27  - 28

[2]  ق : 5

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.