21 ވަނަ ސައްތައިގެ ބިޔަ ކޮންޕިޔުޓަރުތަކުން ކުރަހާފައިވާ މި ކައުނުގެ ފޮޓޯތައް ދައްކާގޮތުގައި ކައުނުގައި ވާ ގުރަހާނާތަކަކީ (ގެލެކްސީތަކަކީ) މުތީތަކުން ޒީނަތްތެރިވެފައިވާ ފަދަ ހާރެކެވެ. މިހެންވެ މިއަދު ސައެންޓިސްޓުން މި ގުރަހާނާތަކުން އުޑު ޒީނަތްތެރިވެފައިވާ ވާހަކަ ދައްކައެވެ. ސައެންޓިސްޓުން މިހާރު ބުނާގޮތުގައި ކައުނީ ވިޔުމުގެ ތެރޭގައި ގުރަހާނާތައް އަތުރާލެވިފައި ވަނީ އޭގެ ރޮދިތައް ފަދަ ގޮތަކަށެވެ. މިއަދުގެ ހޯދުންތައް ބުނާގޮތުގައި ކައުނަކީ އެއްވެސް ހުސްތަންކޮޅެއް ނެތް ވަރުގަދަ ބިނާއެކެވެ. މިހެންވެ މިއަދު ހަވާ (ސްޕޭސް) ނުކިޔާ އެތަނަށް ބިނާ ކިޔުމަށް ވަނީ ނިންމައިފައެވެ. އެމީހުންނަށް އިތުރު އެތައް އެއްޗެހިތަކަކާއި ކަންތައްތަކެއް ދަނީ ފެންނަމުންނެވެ. މިކަމަށް ޓަކައި ބިލިޔަނުންބިލިޔަނުން ދަނީ ހޭދަކޮށް ދިރާސާތައް ކުރަމުންނެވެ. ޢިލްމީ ދިރާސަތަކުން މި ޙަޤީޤަތްތައް އަންނަނީ ކަށަވަރުވަމުންނެވެ.
މި ކަމުގައި އަޖައިބުވެ އަންތަރީސްވާން ޖެހޭކަމަކީ މި ހުރިހާ ކަންތައްތަކަކާ ބެހޭ ވާހަކަތައް ވަރަށް ސާފުކޮށް ކީރިތި ޤުރްއާނުގައި އައިސްފައިވާ ކަމެވެ. އަޅުގަނޑު މިތާނގައި ބަޔާންކުރެވޭތޯ ބަލާނީ ޢިލްމުވެރީންގެ މި ވާހަކަތަކަކީ ކީރިތި ޤުރްއާނުގައި ހުރި ވާހަކަތަކެއް ކަމެވެ. އެ ޢިލްމުވެރީންގެ ވާހަކަތަކާ ދިރާސާތައް ނެޓުގައި ފެންނާން އެބަހުށްޓެވެ. ﷲ ތަޢާލަގެ ބަސްފުޅުތަކާ އަޅައިބެލިދާނެއެވެ. މީގެ ފަނަރަ ސައްތަ އަހަރު ކުރިން ﷲގެ ކަލާންފުޅުގައި އައިސްފައިވާ ބަސްފުޅުތައް އެ ޢިލްމުވެރިންގެ މިއަދުގެ ހޯދުންތަކާ އެއްގޮތްވުމަކީ ހަމަ އެހެން އޮވެފައި އިއްތިފާޤުން ދިމާވި ކަމެއް ނޫނެވެ. ޢިލްމުވެރީންގެ މި ހޯދުންތަކުން ސާބިތުވެ ކަށަވަރުވަނީ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރްއާނަކީ ﷲގެ ބަސްވަޙީފުޅު ކަމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. أَفَلَا يَتَدَبَّرُونَ الْقُرْآَنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا [1] - "ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."
ﷲއަށް އީމާންވާ މުއުމިނަކަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ އޭނާ އީމާންވާ އީމަންވުމާ އޭނާ ޤަބޫލުކުރާ ދީނަކީ ތެދު ދީންކަމުގައި ކަށަވަރުވުމެވެ. އޭނާ ޤަބޫލުކުރާ ޚާލިޤުވަންތަ ﷲގެ ފޮތުން އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި ދަލީލުތައް ފެނުމެވެ.ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَقُلِ الْحَمْدُ لِلَّهِ سَيُرِيكُمْ آيَاتِهِ فَتَعْرِفُونَهَا وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ [2]- "އަދި ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ތިޔަބައިމީހުންނަށް ނިކަންހުރެ އެކަލާނގެ ދައްކަވާހުށްޓެވެ. ދެން އެކަންތައްތައް ތިޔަބައިމީހުންނަށް އެނގޭނެތެވެ." މި މަޒްމޫނުގައި ބަލައިލާނީ ކީރިތި ޤުރްއާނުގެ އާޔަތަކާ ބެހޭގޮތުންނެވެ. މި އާޔަތުގައި ހިމެނޭ މުޢުޖިޒާތާއި ޙަޤީޤަތްތަކާ ބެހޭގޮތުންނެވެ.
ހުޅަނގުގެ ސައެންޓިސްޓުން 21 ވަނަ ސައްތައިގައި މި ދައްކަވާ ވާހަކަތަކަކީ މީގެ ފަނަރަ ސައްތަ އަހަރު ކުރިން މުޙައްމަދު ނަބިއްޔާގެ މައްޗަށް ބަވައިލެއްވި ފޮތުގައި އައިސްފައިވާ ވާހަކަތަކެކެވެ. މިއަދު މި ޢިލްމުވެރިން އެމީހުންގެ ޢިލްމީ ދިރާސާތަކުގައި ކީރިތި ޤުރްއާނުގެ މުޞްޠަލަޙުތައް އަންނަނީ ބޭނުންކުރަމުންނެވެ. އެމީހުންގެ ޢިލްމުވެރީންގެ ކުރީގެ މުޞްޠަލަޙުތައް އެއްކިބާކުރުމަށް ފަހުގައެވެ. (ތިބާގެ އަނގައިން ތިބާ ކުށްވެރިކުރާ) ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ޤުރްއާނަކީ މުޢުޖިޒާތެއް ނޫނޭ ބުނާ މީހުންނަށް މިއަދު މިވަނީ އެއީ މުޢުޖިޒާތެއް ކަމަށް އިޢުތިރާފުވާން ޖެހިފައެވެ. ސައެންޓިސްޓުން ކައުނުގެ އުފެދުމާއި މި ކައުނު އެއިން އުފެދިފައިވާ އުފެދުމުގައި ހިމެނޭ އެއްޗެއްސާއި ގޮތާ ބެހޭގޮތުން ވާހަކަ ދައްކާއިރު މިއަދު ފަލަކީ އިލްމުވެރިން އައު ބަހެއް ބޭނުންކުރަން ވަނީ ފަށައިފައެވެ. އެއީ (بناء) އެވެ. ކައުނާއި ކައުނާ ބެހޭ ދިރާސާތައް ފުރަތަމަ ފެށުނުއިރު ބޭނުންކުރެވުނު ލަފްޒަކީ (فضاء) ނުވަތަ space އެވެ. އޭރު އެމީހުންނަށް ހީކުރެވުނީ ކައުނު ފުރިފައިވަނީ ހުސްތަނުން ކަމަށެވެ. ސައެންސަށާއި ޓެކްނޮލޮޖީއަށް އައި ކުރިއެރުމާ ވިދިގެން އެމީހުންނަށް ކައުނު ބިނާވެފައިވާ ގޮތް އެނގިގެން ދިޔައެވެ. މި ހޯދުންތަކުގެ ތެރެއިން އެއީ ވަރަށް ގަދަފަދަ ކައުނީ ގެތުމަކުން (cosmic web) ގެތިފައިވާ ފޭރާމެއްކަން އެނގުނެވެ .އެ ހިސާބުން ސްޕޭސް ނުކިޔާ ބިނާ (building) ކިޔަން ފެށީއެވެ.
ފަހުގެ ހޯދުންތަކުން އެއީ ވަރަށް ހަރުދަނާ މޭސްތިރިކަމެއްގެ ބިނާއެއްކަން ކަށަވަރު ވިއެވެ.ގުރަހާނާތަކާއި ގުރަހާނާތަކުގެ ބިސީތަކަކީ މި ބިނާގެ އަސާސީ ފުރަ ގައުބުރިތަކެވެ. މި ކައުނުގެ ބިނާގެ މޭސްތިރިކަމާ ބެހޭގޮތުން ވާހަކަދައްކަމުންދާއިރު މުޅިން އައު މުޞްޠަލަޙާތުތަކެއް ބޭނުން ކުރަމުންދާ ތަން ވެސް ފެނެއެވެ. މިސާލަކަށް ކައުނީ ފާލަން.... ކައުނީ ބިތްތައް.. މި ދިރާސާތައް ބުނާގޮތުގައި ކައުނުގައި ނުފެންނަ މައްދާއެއް ވެއެވެ. މި މާއްދާއަށް ދީފައިވާ ނަމަކީ dark matter[ 3] ( ނުވަތަ އަނދިރި މާއްދާ ) އެވެ.
ބިލާހީ ފާޑުކިޔުންތައް
މުސްލިމުން މި ޢިލްމީ ޙަޤީޤަތްތައް އެމީހުންނަށް ބާވައިލެއްވި ﷲގެ ފޮތް ކީރިތި ޤުރްއާނުގައި ހުރި ވާހަކަތައް ދައްކަން ފެށުމުން އިސްލާމްދީނުގެ ދުޝްމަނުން މުސްލިމުންނާ ޖަދަލުކުރުމުގެ ގޮތުން ބިލާހީ ފާޑުކިޔުންތަކަކުން އެމީހުންގެ މީސްމީޑިޔާއާއި ޚަބަރުފަތުރާ ވަސީލަތްތަކުގައި މުސްލިމުންނާ ދެކޮޅަށް ފާޑު ކިޔަން ފެށްޓެވެ. އެ މީހުން ބުނާގޮތިގައި " ކަލޭމެން ތިޔަ ބުނާ ވާހަކަތައް ކަލޭމެންގެ ފޮތުގައި ހުރިއިރު އެ ކަންކަން ނުހޯދާ ކަލޭމެން ނިދާފައި ތިބީ ކީއްވެ ހެއްޔެވެ؟ އަހަރެމެން އެ ޙަޤީޤަތްތައް ހޯދީމާ، އެއީ ކަލޭމެންގެ ފޮތުގައި ހުރި ވާހަކަތަކެކޭ ތިޔަ ބުނަނީ ކީއްވެ ހެއްޔެވެ؟ " އެމީހުންގެ މި ސުވާލަށް ކީރިތި ޤުރްއާނުން ޖަވާބު ވެސް ލިބެއެވެ. ޤުރްއާނާ ސައެންސް އެއްފަސްވެގެންވާ ކަން ހާމަކޮށްދޭ އާޔަތްތަކުގައި އެމީހުންނަށް މާތް ﷲ އެ ސުވާލުތަކަށް ރައްދު ވަނީ ދެއްވައިފައެވެ. ޙަޤީޤަތަށް ބަލައިއިރު މި އާޔަތްތަކުގެ އަމާޒަކީ ﷲއަށާއި ކީރިތި ޤުރްއާނަށް އީމާން ނުވާ މީހުންނެވެ.މި އާޔަތްތައް ބުނާގޮތުގައި މާތް ﷲ އެބައިމީހުންނަށް ކައުނީ މި ޙަޤީޤަތްތައް ދައްކަވާނެއެވެ. އަދި މި ޙަޤީޤަތްތައް ހޯދާނީ އެ މީހުންނެވެ. އަރަހުށި މާތް ﷲ ވަޙީ ކުރެއްވިއެވެ. سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَى كُلِّ شَيْءٍ شَهِيدٌ [4] - "އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ نفس ތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ حق ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟" މި އާޔަތުގައި މި މުޚާޠަބު ކުރައްވަނީ ޤުރްއާނާމެދު ޝައްކުކުރާ މީހުންނާ ނޫންތޯއެވެ؟ މާތް ﷲ މި އަންގަވަނީ އެކަލާނގެ އެބައިމީހުންނަށް އެކަލާނގެ ކުޅަދުންވަންތަކަމަށް ހެކިދޭ މުޢުޖިޒާތްތައް ދައްކަވާނެ ވާހަކައެވެ. އެއީ އެ ޤުރްއާނަކީ ޙައްޤު ތެދުކަން ބަޔާންކޮށް ދެއްވުމަށް ޓަކައެވެ.
އެހެން އާޔަތެއްގައި މާތް ﷲ އެކަލާނގެ ކަލާންފުޅު ޤަބޫލުނުކުރާމީހުންނާ މުޚާޠަބު ކުރައްވާ ގޮވައިލައްވަނީ މި އަންނަ ބަސްފުޅުންނެވެ. أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللّهِ لَوَجَدُواْ فِيهِ اخْتِلاَفاً كَثِيرا [5] - ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ.) މި ބަސްފުޅުން އެނގެނީ ޤުރްއާނަކީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކުން އައިސްފައިވާ ފޮތެއްނަމަ އެ ފޮތުގައި ވަރަށް ގިނަ އަރާރުންތަކާއި ހަމަނުޖެހޭ ކަންތައްތައް ހުންނާނެތެވެ. މި ފޮތުން ޢިލްމާއި ސައެންސާ އަރާރުންވާ އެއްޗެއް ނުފެނުމުން އޭގެ މާނައަކީ އެ ފޮތަކީ ކައުނުގެ ޚާލިޤު ބާވައިލެއްވި ފޮތެއް ކަމެވެ.
ޢިލްމީ މި ހޯދުންތައް މުސްލިމުންގެ ބަޔަކު ހޯދިނަމަ މުލްޙިދުން އެކަމާމެދު ޝައްކު އުފައްދާނެތެވެ. އެއީ ޞައްޙަ ވާހަކައެއް ނޫންކަމަށް ވެސް ބުނާނެތެވެ. އެހެނަސް މި ކަން މުޢުޖިޒާތަކަށް ވަނީ އެކަމާ ދެކޮޅު ހަދާ ބައެއްގެ އަތްމަތިން އެ ކަންތައްތައް ފާޅުވީމައެވެ. ކީރިތި ޤުރްއާނުގައި ހުރި މި ފަދަ ޙަޤީޤަތްތައް އެމީހުންގެ އަނގައިން ފާޅުވީމައެވެ. ކީރިތި ޤުރްއާނާމެދު އިންކާރުކުރާ މީހާގެ އަނގައިން ބޭއިޚްތިޔާރުގައި ޤުރްއާނުގެ ބަސްތައް ނުކުންނަ ތަން މުސްލިމުންނަށް ފެނުމުން މުސްލިމުން އުފާވާނެއެވެ. އެމީހުންނަށް އެމީހުން ތިބީ ޞައްޙަ މަގުގައިކަން ކަށަވަރުވާނެއެވެ.
ކީރިތި ޤުރްއާނުގައި އައިސްފައިވާ ކައުނީ އާޔަތްތަކަށް ބަލާއިރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމަކީ މި އާޔަތްތައް ބޮޑަށް އަމާޒުކުރެވިފައި ވަނީ މުލްޙިދުންނާ ކަމެވެ. ދީން ޤަބޫލުނުކުރާ ލާދީނީންނާ ކަމެވެ. މުއުމިނާއަކީ މި ބަސްފުޅު ޤަބޫލު ކުރާ މީހެކެވެ. އެކަމަކު މުލލްޙިދުންނަށް އީމާންކަމާ ހަމައަށް ވާޞިލު ވުމަށް ޓަކައި ހެކިތަކަކަށް ، ދަލީލުތަކަކަށް ބޭނުންވާނެއެވެ. މާތް ﷲ މި އާޔަތްތައް އެމީހުންނަށް އަމާޒު ކުރައްވާފައި ވަނީ މިހެންވެގެންނެވެ. (ނުނިމޭ)
[1] - النساء: 82
[2] - النمل: 93
[3] - ކައުނުގެ 95 % ފުރިފައި ވަނީ މި އަނދިރި މާއްދާއިންނެވެ. މިއީ ފެންނަ މާއްދާއެއް ނޫނެވެ. އެކަމަކު މި މާއްދާ ހުރިކަން ވަރަށް ގިނަގުނަ ހެކިތަކުން ވަނީ ކަށަވަރުވެފައެވެ.
[4] - فصلت: 53
[5] - النساء: 82