އުތުރު ކޮރެޔާގެ ސަރަހައްދުގެ ތެރޭގައި ފައިންޕުޅު އަޅުއްވައި ރައީސު ޓްރަމްޕް ތާރީޚުގެ ތެރެއަށް

ދެ ކޮރެޔާ ވަކިކުރާ ސަރަހައްދީ ރޮނގު ހުރަސްކުރައްވައި އުތުރުކޮރެޔާ ފަޅީގައި ރައީސު ޓްރަމްޕް ފައިންޕުޅު އަޅުއްވަނީ

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕާއި އުތުރު ކުރެޔާގެ ޒައީމު ކިމް ޖޮންގ-އުން ބައްދަލުކުރައްވައިފިއެވެ. 50 މިނެޓަށް ދެމިގެން ދިޔަ މި ބައްދަކުރެއްވުމަކީ ކުރިން އިއުލާންކުރެވިފައިނުވާ އަދި ކުއްލި ގޮތަކަށް ހަމަޖެހުނު ބައްދަލުވުމެކެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ އުތުރު ކޮރެޔާއާ ދެކުނު ކޮރެޔާއާ ދެމެދުގައި އޮންނަ އަސްކަރީ ހަރަކާތް ނުހިނގާ ސަރަހައްދު (ޑީމިލިޓަރައިޒް ޒޯނު) ގައެވެ. މި ބައްދަލުވުމަށް ވަޑައިގެން ސަލާންކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ސަރަހައްދީ ރޮނގު ދެފަރާތަށް ހުރަސްކުރެއްވިއެވެ.

އެއާއެކު، ރައީސު ޓްރަމްޕް ވެވަޑައިގެންފައި ވަނީ ރައީސުކަމުގައި ހުންނަވައިގެން އުތުރުކޮރެޔާގެ ފަސްގަނޑުގައި ފައިންޕުޅު ބިއްސަވާލެއްވި އެމެރިކާގެ ފުރަތަމަ ރައީސު ކަމުގައެވެ.

"އެ ރޮނގު ހުރަސްކުރުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް." ސަރަހައްދީ ރޮނގު ހުރަސްކުރައްވައި އުތުރުކޮރެޔާ ފަޅިއަށް ވަދެވަޑައިގަތުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސު ޓްރަމްޕް ވިދާޅުވިއެވެ.

ރައީސު ޓްރަމްޕްގެ އެ ގޮތަށް ސަރަހައްދީ ރޮނގު ހުރަސްކުރެއްވުން ޒައީމު ކިމް ސިފަކުރެއްވީ "ވަރުގަދަ އަޒުމަކާއެކު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅެއް"ގެ ގޮތުގައެވެ.

"އަދި އެހެން ކަމަކަށްޓަކައި ޗެއާމަން ކިމްއަށް ޝުކުރު އަދާކުރަން އަހަރެން ބޭނުން. ސޯޝަލް މީޑިޔާއިން އަހަރެން މިކަން އެންގުމަށްފަހު އޭނާ (ކިމް) ވަޑައިނުގަތްނަމަ، ޚަބަރުފަތުރާ ވަސީލަތްތަކުން އަހަރެން ގޯސްކަމަށް ދައްކަން އުޅުނީސް." ޓްރަމްޕް ވިދާޅުވިއެވެ.

ޖަޕާނުގެ އޮސާކާއި އޮތް ޖީ-20 ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ދެކުނު ކޮރެޔާއަށް ވަޑައިންނަމަވަމުން، ރައީސު ޓްރަމްޕް ކިމްއަށް ދައުވަތުދެއްވީ ޓްވީޓަކުންނެވެ. އެއީ ބައްދަލުވެލާ 'ހަލޯއޭ' ބުނެލާ ސަލާންގަލާންކޮށްލުމަށެވެ.

"އަހަރުމެން މިވަނީ ވަރަށް ރަނގަޅު ގުޅުމެއް އުފައްދާފަ. ދޭއްބައި އަހަރު ފަހަތަށް ގޮސް ބަލައިފިނަމަ އަހަރެން ރައީސަކަށް ވުމުގެ ކުރިން ކަން ހިނގަމުން ދިޔަ ގޮތް އެނގޭނެ. ވަރަށް، ވަރަށް ގޯސް ހާލަތެއް އޮތީ. ދެކުނު ކޮރެޔާއަށާއި، އުތުރު ކޮރެޔާއަށާއި ދުނިޔެއަށް ވެސް ގޯސް ހާލަތެއް އޮތީ." ޓްރަމްޕް ވިދާޅުވިއެވެ.

ދެ ބޭފުޅުން ބައްދަލުކޮށްލައްވާ ސަލާންގަލާންކޮށްލެއްވުމަށް ރޭވުން ކަމެއް ފަހުން 50 މިނިޓްގެ ބައްދަލުވުމަކަށް ބަދަލުވެގެން ދިޔައީއެވެ. މިއަދުގެ ބައްދަލުވުމަކީވެސް ރަސްމީކޮށް އަދިވެސް ހަނގުރާމައިގެ ހާލަތުގައި އޮތް ދެގައުމުގެ ގުޅުމުގައި ފާހަގަކޮށްލެވޭ ބައްދަލުވުމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.