ޙަފްތަރުގެ އަސްކަރީ މަރުކަޒުގައި އެމެރިކާގެ ހަތިޔާރު

ޙަފްތަރުގެ ހަނގުރާމަވެރިން އަތުން ފެނުނު އެމެރިކާގެ އެންޓި-ޓޭންކް ޖެވަލިން މިސައިލް

ލީބިޔާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަވެރިންގެ ލަޝްކަރެއް އުފައްދައި، ވެރިރަށް ޓްރިޕްލީ ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދެމުންދިޔަ ހަނގުރާވެރި ލީޑަރު ފީލްޑް މާޝަލް (ރިޓާޔަޑް) ޚަލީފާ ޙަފްތަރުގެ އަސްކަރީ މަރުކަޒުން އެމެރިކާގެ ހަތިޔާރުތަކެއ ފެނިއްޖެއެވެ.

އދ.ން  ގަބޫލުކުރާ ލީބިޔާ ސަރުކާރު، ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އިން ބުނި ގޮތުގައި ޓްރިޕޮލީގެ ހުޅަނގު ދެކުނުން 100 ކިލޯމީޓަރު ދުރުގައި އޮންނަ ޣަރްޔާންގައި ހުރި ޙަފްތަރުގެ އަސްކަރީ މަރުކަޒުން އެމެރިކާގައި އުފައްދާފައިވާ ހަތިޔާރު ވަނީ ފެނިފައެވެ. ޙަފްތަރުގެ ލީބިއަން ނޭޝަނަލް އާމީ (އެލްއެންއޭ) އިން ކުރި ހަނގުރާމައިގައި ފާއިތުވި އެޕްރީލު މަހުގެ 29 ވަނަ ދުވަހު ޣަރްޔާން ހިފައި އެރަށް ހުޅަނގު ލީބިޔާގައި އެމީހުންގެ މަރުކަޒަކަށް ހެދިއެވެ.

ޖީއެންއޭގެ ސިފައިން ވަނީ ފާއިތުވި ބުދަ ދުވަހު (26 ޖޫން) ޣަރްޔާން ހިފައި، ޙަފްތަރުގެ ހަނގުރާމަވެރިން އެރަށުން ބޭރުކޮށްފައެވެ.

ޖީއެންއޭއިން ބުނި ގޮތުގައި ޙަފްތަރުގެ އަސްކަރީ މަރުކަޒުން ފެނުނު ހަތިޔާރުގެ ތެރޭގައި "އާމްޑް ފޯސަސް އޮފް ދަ ޔުނައިޓެޑް އަރަބް އެމިރޭޓްސް" (ޔޫއޭއއީ) ޖަހާފައި ހުރި މިސައިލްތަކެއް ފެނިފައި ވެއެވެ. އެއީ ޓޭންކްތަކަށް ހަމަލާދިނުމަށް އެމެރިކާއިން އުފައްދާފައިވާ 'ޖެވަލިން' މަރުކާގެ މިސައިލްތަކެކެވެ.

އޭގައި ހުރި ލޭބަލުން އެނގޭ ގޮތުގައި އެއީ 2008 ވަނަ އަހަރު އެމެރިކާއިން ޔޫއޭއީއަށް ވިއްކާފައި ހުރި ހަތިޔާރެވެ. ޔޫއޭއީ އަކީ ޙަފްތަރަށް ތާއީދުކުރާ ގައުމެކެވެ. ޔޫއޭއީގެ އިތުރަށް ސައޫދީއަރަބިއްޔާއާއި، ލިބިޔާގެ އަވަށްޓެރި މިސްރުވެސް ދަނީ ޙަފްތަރުގެ ހަނގުރާމަވެރި ލަޝްކަރަށް އެހީތެރިވެދީގެން ލީބިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރަމުންނެވެ.

"އަތުލައިގަނެވުނު ހަތިޔާރާއި، ގޮވާތަކެތި ވަނީ ޑޮކިއުމެންޓުކުރުމަށް އެކަމުގެ ތަޖުރިބާކާރުންނާ ހަވާލުކުރެވިފައި" ޖީއެންއޭގެ އަސްކަރީ އޮޕަރޭޝަންތަކުގެ ތަރުޖަމާނު މުޙައްމަދު ޤުނޫން ވިދާޅުވިއެވެ.

މި ހަތިޔާރު ފެނުމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އިން ބުނެފައި ވަނީ އެ ހަތިޔާރު ޙަފްތަރުގެ ހަނގުރާމަވެރިންނާ ހަމަޔަށް ދިޔަ ގޮތެއް ތަހުގީގުކުރަމުންދާ ކަމުގައެވެ. އެ ޑިޕާޓްމަންޓުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުގައި ތަހުގީގު ކުރަމުންދަނީ ޒަމާނީ އެ މިސައިލްތައް ޙަފްތަރަށް ލިބުމުގައި އެމެރިކާގެ ގާނޫނުތަކާއި، ލީބިޔާގެ ހަނގުރާމަވެރި ފަރާތްތަކަށް ހަތިޔާރު ވިއްކުން މަނާކުރާ އދ.ގެ ގަރާރުތަކާ ޚިލާފުވީ ކޮން ފަރާތެއްތޯ ބެލުމަށެވެ.

ޓްރިޕޮލީ ހިފަން ޙަފްތަރު ކުރި ހަނގުރާމައިން މި ވަގުތަށް ބަލިވެ ފަހަތަށް ޖެހިފައި ވާއިރު އެ ހަނގުރާމާއިގައި 379 މީހުން މަރުވެ 4 ހާސް މީހުން ޒަޚަމްވެފައި ވެއެވެ. އަދި ހަނގުރާމަ ހިނގި ސަރަހައްދު ދޫކޮށް 94 ހާސް މީހުން ގޮސްފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.