މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ސިއްހީގޮތުން ދިމާވާ އުނދަގޫތައް ދުނިޔޭގެ ކަންކޮޅުތަކުގައި 35 މިލިއަން މީހުން ތަހައްމަކުރަމުން ދާކަމަށް އދ. ގެ ރިޕޯޓެއްގައި ބުނެފިއެވެ. މި އަނދަގޫތަކަށް ފަރުވާ ހޯދަނީ އޭގެ ހަތް މީހުންކުރެ އެކަކެވެ.
އިއްޔެ ފާހަގަކުރި މަސްތުވާތަކެތީގެ ބައިނަލްއަގްވާމީ ދުވަހާ (އިންޓަނޭޝަނަލް ޑޭ އެގޭންސްޓް ޑްރަގް އެބިއުޒް އެންޑް އިލިސިޓް ޓްރެފިކިންގ) ގުޅިގެން އދ. ގެ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ނެރުނު ރިޕޯޓުގައި އިތުރަށް ފާހަކޮށްފައިވާ ގޮތުގައި އޯޕިއޮއިޑް ބޭނުންކުރާ މިންވަރު ދަނީ ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުންނެވެ.
އޯޕިއޮއިޑް ބޭނުންކުރާ 53 މިލިއަން މީހުން ދުނިޔޭގައި ތިބިއިރު، އެއީ ކުރިން ލަފާކުރެވިފައިވާ ވަރަށްވުރެ %56 އިތުރު އަދަދެކެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ދުނިޔޭގައި 2017 ވަނަ އަހަރު މަރުވި 585000 މީހުންގެ ތިންބައިކުޅަ ދެބަޔަކީ އޯޕިއޮއިޑް ބޭނުންކުރި މީހުންނެވެ.
މަސްތުވާތަކެތި ބޭނުންކުރާ 11 މިލިއަން މީހުން ވަނީ އިންޖެކްޝަން ބޭނުންކޮށްފައެވެ. އޭގެތެރެއިން 1.4 މިލިއަން މީހުންނަކީ އެޗްއަވީއަށް ޕޮރިޓިވް ވެފައި ތިބި މީހުންނެވެ. އަދި 5.6 މިލިއަން މީހުންނަކީ ހެޕަޓައިޓިސް ސީ ޖެހިފައި ތިބި މީހުންނެވެ.
2017 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 271 މިލިއަން މީހުން ވަނީ އޭގެ ކުރީ އަހަރު މަސްތުވާތަކެތި ބޭނުންކޮށްފައެވެ. އެއީ ދުނިޔޭގެ 15 އަހަރާއި 64 އަހަރާ ދެމެދުގެ އާބާދީގެ %5.5 އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބާވަތަކީ ކެނެބިސްއެވެ. ދުނިޔޭގެ 188 މިލިއަން މީހުން 2017 ވަނަ އަހަރު ކެނެބިސް ބޭނުންކޮށްފައި ވެއެވެ. 2017 ވަނަ އަހަރު އަތުލައިގަނެވުނު ކެނަބިސްގެ އަދަދު 1275 ޓަނަށް އަރައެވެ.
އޯވަޑޯޒްވެގެން މަރުވާ މީހުންގެ އަދަދުވެސް އިތުރުވެފައި ވާއިރު، 2017 ވަނަ އަހަރު އެމެރިކާގައި އެކަނިވެސް އޯވަޑޯޒްވެގެން 47 ހާސް މީހުން މަރުވެފައި ވެއެވެ.
ބައިނަލްއަގްވާމީ މަސްތުވާތަކެތީގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.