
ޓިވެޓް އޮތޯރިޓީން އިންތިޒާމުކޮށްގެން ބާއްވާ "ހުނަރުވެނި 2019" ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް މިއަދު ހުޅުއްވައި ދެއްވަވައިފިއެވެ. ދަރުބާރުގޭގައި މިއަދު ފެށި މި ހަރަކާތަކީ ދިވެހިންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ ޚާއްސަ ޙަރަކާތެކެވެ.
ހުނަރުވެނި 2019 ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުނަރުވެރިން ބިނާކޮށް، ފަންނުވެރިން އުފައްދައި އަތޮޅުތަކުގެ ތަރައްޤީގައި އެފަދަ މަސައްކަތްތެރިންގެ ބައިވެރިވުން ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ޤައުމެއް ކުރިއަރައިދަނީ ހުރިހާ ވައްތަރެއްގެ މަސައްކަތާއި، މަސައްކަތްތެރީން ހިމެނިގެންކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ. ކޮންމެ މަސައްކަތަކީވެސް މުހިއްމު މަސައްކަތެއް ކަމަށް ވެސް އެމަނިކުފަނު ވިދާޅުވިއެވެ. އެހެންކަމުން ދަރިންގެކިބައިގައި ހުންނަ ޤާބިލުކަމާއި ހުނަރު ފާހަގަކޮށް އެ ދާއިރާތަކުން ދަރިން ކުރިއަށް ދިޔުމުގެ ފުރުޞަތުދީ ހިތްވަރުދިނުމަށް މައިންބައިފައިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މި ހަރަކާތުގެ ސަބަބުން ތަފާތު ގިނަ ކަންތައްތައް ދަސްވެ، ޒުވާނުންގެ ހިތުގައި އެކަންކަމަށް ޝައުޤުވެރިކަން އުފެދި، ކުރިއަށް އޮތް ތަނުގައި، ޤައުމުގެ ތަރައްޤީގައި ކުރިއަށްވުރެ ބޮޑަށް ޒުވާނުން ޝާމިލުވެ އުޅެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ ހިތްހަމަޖެހޭ، އެންމެ އުފާވެރި މީހަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައިގެން، ލިބޭ އެއްޗަކުން ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ހަމަޖައްސައިގެން އުޅޭ މީހާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.