
ޑިއުޓީ އުނިކޮށްފައިވާ ޑީސަލް ވިއްކާނީ މަސްވެރިކަމުގެ ލައިސަންސް އޮންނަ އުޅަނދު ފަހަރަށް އެކަނި ކަމަށް މިނިސްޓްރީއޮފް ފިޝަރީޒުން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށެވެ. އެ އެޕްލިކޭޝަން ޓެސްޓް ކުރުމުގެ މަސައްކަތް މިފްކޯއާ ގުޅިިގެން މިމަހު ކުރިއަށްދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޑިއުޓީ އުނިކޮށްފައިވާ ޑީސަލް މަސްދޯނިފަހަރަށް ވިއްކުމަށް ހަމަޖެހިފައިވަނީ މި އެޕްލިކޭޝަން ޓެސްޓް ކުރުމަށްފަހުއެވެ.
މިނިސްޓްރީން ވަނީ ޑިއުޓީ އުނިކޮށްފައިވާ ޑީސެލް މަސްވެރިންނަށް ފޯރުކޮށްދިނުމަށް ހިންގާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ޑީސެލް ސަޕްލައި ކުރާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުއްވުމަށް އެދިވަޑައިގެންފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ މަސްދޯނިފަހަރުން ވެސް ލައިސަންސް ނެތް ކަމަށްވާނަމަ ލައިސަންސް ނެންގެވުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
މި ޕްރޮގްރާމަކީ މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ސަރުކާރުން މަސްވެރިންނަށް ޚާއްސަކޮށްގެން ފަށައިވާ ޕްރޮގްރާމެކެވެ. މިކަން ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލު މިހާރުވަނީ ގެޒެޓުގައި ޝާޢިއުވެސް ކޮށްފައެވެ.