ފަނޑިޔާރަކު ނިންމާ ނިންމުމެއް ގޯސްކަމަށް ބުނެ ސުލޫކީ ގޮތުން އެފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރުޤާނޫނީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން އަންގަވައިފިއެވެ.
ސުޕްރޯމްކޯޓުން މިއަމުރު ނެރުއްވާފައިވަނީ އެކޯތުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށްއެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން ނިންމެވި ނިންމެވުމަށް ޢަމަލުކުރުން ފަސްކުރުމަށް ސުޕްރީމްކޯޓުން ކުރެއްވި އަމުރު ޤާނޫނާ ޚިލާފު ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމަވައިފައިވަނިކޮށްނެވެ.
"ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުޢީ އަދި ޤާނޫނީ ޢަސާސްތަކާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ ސުލޫކީ ގޮތުން އެ ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ ފިޔަވަޅެއް އެޅުމަކީ ޣައިރު ދުސްތޫރީ އަދި ޣައިރު ޤާނޫނީ ކަމެއްކަމަށް ކަނޑައަޅައި މިކަން ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގަމެވެ،" އަމުރުގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓުން އެއަމުރު އެގޮތަށް ނެރުއްވީ އެމައްސަލަ ބައްލަވައި ދެއްވުމަށްއަދި ވަޑައިގެން ފަނޑިޔާރު ދީދީ ސުޕްރީމްކޯޓަށް ހުށަހެޅުއްވުން އެކަން ބެއްލެވުމަށްފަހުގައެވެ.
މިއަދުގެ އަމުރުގައި ސުޕްރީމްކޯޓުން ވިދާޅުވެފައިވަނީ ޢަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސްޕްރީމް ކޯޓަށް ކަމަށެވެ. ޤާނޫނުތަކާ ޙަވާލާ ދެއްވައި ސުޕްރމްކޯޓުން ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބުނެފައިވާ ސުލޫކީ މައްސަލަ ބެލުމުގެ އުސޫލުން ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
ކޯޓުތަކުގެ ޤާނޫނާ ޙަވާލާ ދެއްވައި ސްޕްރީމް ކޯޓުން ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމެވުމެއް ބަދަލުކުރުމާއި، ބާތިލްކުރުމާއި، އެއާ ދުރަށް ދިއުމަށް ނުވަތަ އެ ނިންމުމެއް ފަހުގެ ނިންމުންތަކާ ތަފާތުކުރުމަށް އެ ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.