ޖަލުތަކުގެ ފެންވަރު މިސަރުކާރަށް ރަނގަޅު ކުރެވިދާނެ، ބޭނުމީ އިޚްލާސްތެރިކަން: ސަލީމް

ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ސަރުކާރަށް ރަނގަޅު ކުރެވިދާނެ ކަމަށާއި އެކަމުގައި ބޭނުންވަނީ ހަމައެކަނި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ހޯމް މިނިސްޓްރީން ޚާއްސަ ކޮމިޓީއެއް ނަގައިގެން ޖަލުތަކާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ރިޕޯޓާމެދު މިއަދު ކުރިޔަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ ޖަލުތަކާބެހޭ ރިޕޯޓެއް މިސަރުކާރުން ހައްދަވާފައިވާއިރު ވަރަށްގިނަ މައްސަލަތައް ފެންނަން އެބަހުރި ކަމަށާއި ޖަލުތަކުގެ ޙާލަތު ގޯސްވާހަކައަކީ ވަރަށްކުރިއްސުރެވެސް ރައްޔިތުން ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ. ޚާއްސަކޮށް ޖަލަށް ލެވިފައިވާ މީހުން އެނބުރި އައިސް އެވާހަކަތައް ވަރަށްގިނައިން ދައްކަމުން އަންނަ ކަމަށެވެ.

ރިޕޯޓުގެ ބަހުސްގައި ސަލީމް ވިދާޅުވީ މިހާރު މިއޮތް ސަރުކާރަށް ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރެވިދާނެއެވެ. އެހެންކަމުން މިކަން ކުރުމަށް ބޭނުން ވަނީ ހަމައެކަނި އިޚްލާސްތެރިކަމާއެކު އެމަސައްކަތް ކުރުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިޚްލާސްތެރިކަމެއް ނެތިއްޔާ މިދެކެވޭ ހުރިހާ ވާހަކައެއްވެސް ވެގެންދާނީ ހަމައެކަނި ރައްޔިތުންނަށް ދައްކާ ދަޅައަކަށެވެ.

ސަލީމް ވިދާޅުވީ ޖަލުތަކުގައި ވައި ނުލިބޭ ހޫނު އަށިތަކެއްވެސް އެބަހުރި ކަމަށާއި މިސަރުކާރުން އެފަދަ އަށިތައްވެސް ފިނި ލިބޭ އަށިތަކަށް ހައްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސަލީމްގެ އިތުރުންވެސް މިރިޕޯޓަށް ވަރަށްގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. ރިޕޯޓުގެ ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ ޖަލުތަކުގެ ޙަލަތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ސަރުކާރުން ކޮމިޓީއެއް ހަދައިގެން ހެދި ޖަލުތަކުގެ ރިޕޯޓަކީ ވަރަށް މުހިންމު އަދި ފުރިހަމަ މަސައްކަތެއްކަން ގިނަމެމްބަރުން ފާހަގަ ކުރެއްވިއެވެ.

ރިޕޯޓަށް ބަހުސް ކުރެއްވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޖަލުތަކާބެހޭ ރިޕޯޓު ކޮމިޓީއަކަށް ފޮނުވައިގެން ޖަލުތަކުގެ ކަންކަމުގައި ރަނގަޅު ކުރަންހުރި ކަންކަން ފާހަގަކޮށް ސަރުކާރަށް ފޮނުވުން ވަރަށް މުހިންމު ކަމަށެވެ. އެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ތާއީދުވެސް ކުރައްވާފައެވެ. ނަމަވެސް ޖަލުތަކާބެހޭ ރިޕޯޓުގެ ބަހުސް މިއަދު ނުނިމޭތީ އެރިޕޯޓާމެދު އަދި ވަކިގޮތެއް ނުނިންމެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.