ޕާކިސްތާނުގެ އަވަށެއްގައި އެޗްއައިވީ ޕޮޒިޓިވް ކުދިންގެ އަދަދު 600 އަށްވުރެ މައްޗަށް

އޭނާގެ އިހުމާލުން އެތައް ސަތޭކަ ކުޑަކުދިންގެ ގަޔަށް އެޗްއައިވީ ވައިރަސް އެރި، ޑޮކްޓަރ މުޒައްފަރު ގަންގްރޯ

ޕާކިސްތާނުގެ ސިންދް ޕްރޮވިންސުގެ ޑިސްޓްރިކްޓެއް ކަމުގައިވާ ލާޅްކާނާގެ ރާތޯދޭރޯ އަވަށުގެ 27 ހާސް 300 މީހުން މިހާތަނަށް އެޗްއައިވީއަށް ޓެސްޓުކުރެވިފައިވާއިރު، 803 މީހަކު ވަނީ އެޗްއައީވީއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 661 ކުޑަކުދިން ހިމެނެއެވެ.

ރާތޯދޭރޯގެ ރައްޔިތުން އެޗްއައިވީއަށް ޓެސްޓުކުރަން ފެށީ ފާއިތުވި އެޕްރީލްމަހު އެރަށުން އެޗްއައިވީ ޕޮޒިޓިވް ގިނަ ކުދިންތަކެއް ފެނުމާ ގުޅިގެންނެވެ.

މިކަމުގެ ހަގީގަށް ހޯދުމަށް ހިންގުނު ތަހުގީގަށް ފަހު އެޕްރީލް 30 ވަނަ ދުވަހު އެރަށުގެ ޑޮކްޓަރަކު ހައްޔަރުކުރެވުނެވެ. ޑޮކްޓަރ މުޒައްފަރު ގަންގްރޯ އަކީ އެރަށުގެ ހޮސްޕިޓަލުއްގައި މަސައްކަތްކުރުމުގެ އިތުރަށް އަމިއްލަ ކްލިނިކެއްވެސް ހިންގާ ކުޑަދިންގެ ޚާއްސަ ޑޮކްޓަރެކެވެ. އޭނާ މޭ މަހުގެ 1 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށް ކޯޓުން އަމުރުކުރިއެވެ.

5 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ، އާއްމުކޮށް ފަގީރުން ގިނަ އެ އަވަށުގެ ކުދިންގެ މެދުގައި އެޗްއައިވީ ވައިރަސް ފުޅާ ދާއިރާއެއްގައި ފެތުރިފައި ވަނީ ޑރ. މުޒައްފަރުގެ އިހުމާލުންކަން ސަރުކާރުން ކުރި ތަހުގީގަށް ވަނީ އެނިގަފައެވެ. އޭނާ އެ ކުދިންގެ ގަޔަށް އިންޖެކްޝަން ޖެހުމަށް ބޭނުންކޮށްފައިވަނީ ކުރިން ބޭނުންކޮށްފައިވާ ކަށްޓެވެ.

ޚުދް ޑރ. މުޒައްފަރަކީ ވެސް އެޗްއައިވީ ޕޮޒިޓިވް މީހެއްކަން އޭނާ ޓެސްޓުކުރުމުން އެނގިފައި ވިޔަސް، ފުލުހުންގެ ތަހުގީގަށް ފަހު ބުނެފައި ވަނީ އޭނާ ގަސްތުގައި އެހެން މީހުންނަށް އެޗްއައިވީ ޖައްސަން މަސައްކަތް ކޮށްފައި ނުވާކަމުގައެވެ. އެކަން ހިނގާފައިވަނީ އޭނާގެ އިހުމާލުން ކަމުގައެވެ.

ޕާކިސްތާނުގެ މަޝްހޫރު ސިޔާސީ އާއިލާ، ބުއްޓޫ އާއިލާ އެ އަވަށަކަށް ނިސްބަތްވާ ރާތޯދޭރޯއަށް އެންމެ ޑޮކްޓަރެއްގެ އިހުމާލުން ދިމާވެފައިވާ މި 'ސިއްހީ ކާރިސާއިން' އަރައިގަތުމަށް އެހީތެރިވާނެކަމުގައި އދ.ގެ އޭޑްސް ބައްޔާބެހޭ އިދާރާ ޔޫއެންއެއިޑްސްއިން ވަނީ ބުނެފައެވެ.

ޔޫއެންއެއިޑްސްއިން އޭޝިޔާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރު އޭމޮން މާފީ ވިދާޅުވީ ރާތޯދޭރޯއަށް ދިމާވެފައިވަނީ މަރުކަޒީ ސަރުކާރުން ނުވަތަ ޕްރޮވިންސުގެ ސަރުކާރުން އެކަނި ހައްލުކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެކެވެ. އެހެންކަމުން، އެކަމުގެ އަސަރު ބޮޑަށް ކޮށްފައިވާ އާއިލާތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް އދ.ގެ އެހެން އިދާރާތަކާ ގުޅިގެން ޔޫއެންއެއިޑްސްއިން ކުރާނެއެވެ.

އދ. ގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ތަޖުރިބާކާރުންގެ ޓީމެއް މިހާރުވެސް ދަނީ ރާތޯދޭރޯގައި މަސައްކަތްކުރަމުންނެވެ.

1980 ގެ އަހަރުތަކުގެ ކުރީކޮޅު ދުނިޔޭން އެޗްއައިވީ ފުރަތަމަ ފެނުނު ފަހުން 76.1 މިލިއަން މީހުންނަށް އެޗްއައިވީ ޖެހި، 35 މިލިއަން މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.