އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކަންކަމަށް ދެވޭ އިނާމު (2)

ވިޔަފާރިކުރާ ތަންތަނުން ދޭ އިނާމުތައް

އިނާމަކީ ބާޒާރުގެ ދުނިޔޭގައި މިއަދު ވަރަށް މުހިއްމު އެއްޗެކެވެ. ކަސްޓަމަރުން ގިނައިން ގެނެއުމަށް ޓަކައި އަދި ވަކި ބާވަތެއްގެ މުދަލެއް އަވަހަށް ވިއްކައިލުމަށް ޓަކައި ފިހާރަތަކުން ވިޔަފާރި ކުރާ މީހުންނަށް އިނާމުތައް ދެއެވެ.

މިއަދުގެ ބާޒާރުގައި އިނާމަކީވެސް ވަރަށް ބޮޑު ފަންނެކެވެ.މިކަމާ ބެހޭގޮތުން ވަރަށް ގިނަ ފޮތްތައް ވަނީ އެކުލަވައިލެވިފައެވެ. މިހެންވެ މި ކަމުގައި މިއަދު ވަނީ ޝަރްޢީ ޙުކުމަކަށް ބޭނުންވެފައެވެ. ނަވާޒިލު މަސްއަލަތަކަކީ ކަނޑައެޅިގެންވާ ނައްޞެއް ނެތުމުގެ ސަބަބުން ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތުވެފައިވާ މަސްއަލަތަކެކެވެ. ވިޔަފާރި ކުރާ ތަންތަނުން ހުށައަޅައި އިނާމުތަކާ ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔު ދެ ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމަ ރައުޔު : އެއީ ހުއްދަ ކަމެއް ނޫނެވެ. މި ގޮތަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި އައްޝައިޚު އިބްނު ބާޒާއި ޑރ. ޤަރްޟާވީ ފަދަ ބޮޑެތި ޢިލްމުވެރިންތަކެއް ހިމެނިވަޑައިގަންނަވައެވެ.

ދެވަނަ ރައުޔު : އައްޝައިޚު އައްޒަރްޤާ އާއި ޝައިޚު ޢުޘައިމީން ފަދަ ބޭކަލުން ވިދާޅުވާ ގޮތުގައި ވިޔަފާރި ކުރާ ތަންތަނުން ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ޙުކުން ޢާއްމެއް ނުކުރެވޭނެއެވެ. އެ ފަދަ އިނާމުތަކުގެ ޙުކްމެއް ނެރެވޭނީ އެކަމުގެ ތަފްޞީލުތަކަށް ބަލައިގެންނެވެ.

ވިޔަފާރި ކުރާ ތަންތަނުން ދޭ އިނާމުތައް ޙަރާމު ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް

އައްޝައިޚު ބިން ބާޒު ވިދާޅުވާ ގޮތުގައި ބައެއް ފިހާރަތަކުން ކަސްޓަމަރުންނަށް އިނާމުތައް ދޭނޭކަން ނޫސްތަކުގައްޔާއި މީޑިޔާގެ ތަފާތު ވަސީލަތްތަކުގައި އިޢުލާނު ކުރެއެވެ. މިއީ އެ ފިހާރަތަކުން ވިޔަފާރި ކުރުމަށް ހިތްވަރުދޭނެ ކަމެކެވެ. މިކަމުގެ ސަބަބުން އެހެން ފިހާރަތަކަށް ގެއްލުން ލިބެއެވެ. މީހުން އިނާމުދޭ ފިހާރަތަކުން އެއްޗެހި ގަންނަނީ އިނާމު ހޯދުމުގެ ގަސްތުގައެވެ. އޭތި އޭނާއަށް ބޭނުންވާ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. މިއީ ޤުމާރުގެ ( ޖުވާ)ގެ ބާވަތެކެވެ.އެއީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާ ކެއުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ގޮތުން ލިބޭ އިނާމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ މައިސިރުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ޑރ. އަލްޤަރްޟާވީ ލެބިވަޑައިގަންނަވަނީ މި ރައުޔަށެވެ. އެކަމަކު އޭނާ ކަނޑައެޅިގެން އެ ފަދަ އިނާމުތައް ޙަރާމް ވާނެ ކަމަކަށް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވަނީ ހުޅަނގުގެ ވިޔަފާރި މުއައްސަސާތަކުން ކަސްޓަމަރުން ހޯދުމަށް މި ގެންގުޅޭ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރި ކުރުމަށް އޭނާ ހިތްވަރެއް ނުދެއްވައެވެ. މި ގޮތަށް ފިހާރަތަކުން ދޭ އިނާމުތަކަކީ ޙަޤީޤަތުގައި ކަސްޓަމަރުން އަތުން ވިޔަފާރިވެރިޔާ ނަގައި އެއްޗަކުން ދޭ އެއްޗެކެވެ. އެއީ ގަންނަމީހުންގެ ތެރެއިން ނަސީބުވެރިންނަށް ލިބޭ އެއްޗެކެވެ.މިކަމުގައި ޝުބްހާއެއް އެބަ އޮތެވެ. މިއީ މިކަމާމެދު ތަފްޞީލުކޮށް ބަހުސް ކުރަންޖެހިފައިވާ ކަމެކެވެ.

މި ދެބޭކަލުންނަށް ރައްދު ދެއްވައި ޢިލްމުވެރިން ވިދާޅުވަނީ

1- ވިޔަފާރި ކުރާ ތަންތަނުން ދޭ އިނާމަކީ އެކި ގޮތްގޮތަށް އެކިސިފަސިފައިގައި ދޭ އެއްޗެކެވެ. އޭގެ ތެރެއިން ބައެއް އެއްޗެހީގައި ޤުމާރެއް ނުހިމެނެއެވެ. އެހެންކަމުން އެ ކަމުގެ ޙުކުމް ޢާޢްމެއް ނުކުރެވޭނެއެވެ. ކޮންމެ އިނާމަކަށް ބަލައިގެން މެނުވީ އެ އިނާމުގެ ޙުކުމެއް ނުނެރެވޭނެއެވެ.މީގެ އިތުރަށް އެކަމެއްގައި ނަސީބު ހިމެނޭ ކޮންމެ ކަމަކީ ޤުމާރެކޭވެސް ނުބުނެވޭނެއެވެ. އިސްލާމީ ފިޤްހުގައި ޤުމާރަކީ އެކަމެއްގެ ތެރޭގައި ފައިދާއާއި ގެއްލުން ހިމެނި ، ވާނެ ގޮތެއް ނޭނގި ތަރައްދުދުވާ ކަންތަކެވެ. މި ގޮތަށް ނުވާ ކަމެއްގެ މައްޗަށް ޤުމާރުގެ ޙުކްމެއް ނީއްވޭނެއެވެ.

2- އެއީ ހުޅަނގުގެ ކަންތައްތައް ކޮޕީ ކުރުމޭ ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވައި ވިދާޅުވަނީ : ހުޅަނގުގެ ތަޖްރިބާތަކުން ފައިދާ ލިބިގަތުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. ވިޔަފާރި ކުރާ ތަންތަނުން އިނާމު ހުށައެޅުމަކީ ހުޅަނގުގެ ޚިޔާލަކަށް ވިޔަސް އެއީ އަޅުގަނޑުމެންގެ ޝަރީޢަތާ ތަޢާރުޟުވާ ކަމެއް އެކަމުގައި ނުހިމެނޭ ކަމެއްނަމަ އެމީހުންނާ އެއް ބީދައިން މުޢާމަލާތުކޮށް ވިޔަފާރި ކުރުމަކީ ދީން މަނާކުރާނެ ކަމެއް ނޫނެވެ.

3- އެއީ ވަކި ވިޔަފާރި މުދަލެއް އެހެން މުދަލަކަށް ވުރެ ބޮޑަށް އިޝްތިހާރުވެގެންދާނެ ކަމެކެވެ. މިކަމުގެ ސަބަބުން އެހެން މުދާތައް ވިކުން ހުއްޓި ދާނެއެވެ.މިބަހަށް ރައްދުދެއްވާ ބޭކަލުން ވިދާޅުވަނީ ވިޔަފާރިއަކީ ތަޖްރިބައަށާއި އުކުޅަށާއި ފަންނުވެރިކަމަށާއި ޙަރަކާތަށް ބޭނުންވާ ކަމެކެވެ.ވިޔަފާރިވެރިއަކު އިސްލާމީ ޝަރީޢަތުގައި މަނާނޫން ކޮންމެ މަގަކުން އޭނާގެ މުދާތައް ވިއްކުމަށް އޭނާއަށް ލިބިފައިވާ ހުނަރުގެ ބޭނުން ކުރެވިދާނެއެވެ. އެހެން މީހެއްގެ މުދާ ނުވިކުނަސް އެއީ މަސްއަލައެއް ނޫނެވެ.މިސާލަކަށް ވިޔަފާރިވެރިއަކު އޭނާގެ ފިހާރައަށް ކަސްޓަމަރުން އިތުރަށް ގެނައުމަށް ޓަކައި ފިހާރައިގެ މޫނުމަތި ރީތިކޮށް އެތެރެ ތަރްތީބުކޮށް އަވަހަށް ޚިދްމަތް ލިބޭނެ މަގު ތަނަވަސް ކުރުމަށް ޓަކައި މުވައްޒަފުން ގިނަކޮށް ފައިސާ ހޭދަކުރިއިރު އެ ފިހަރައާ ޖެހިގެން ހުރި ފިހާރައިގެ ވެރިޔާ މިފަދަ ކަމަކަށް ލޯ ލާރިއެއްވެސް ހޭދަ ނުކުރުމުން އެފިހަރައަށް ވަންނަ މީހުން މަދުވުމަކީ ކާކުގެ ކުށެއް ހެއްޔެވެ؟ ފައިސާ ހޭދަކޮށް ތަން ރަނގަޅު ކުރިމީހާ އެކަކުވެސް ކުށްވެރިއެއް ނުކުރާނެއެވެ. ފިހާރައިން މި ދޭ އިނާމަކީވެސް މިފަދަ ކަމެއް ނޫންބާވައެވެ!

1- އެއީ އިނާމު ހޯދުމަށް ޓަކައި ބޭނުން ނުވާ އެއްޗެހި ގަންނަން ޖައްސުވާފާނެ ކަމެކެވެ. މި ބަހަށް ރައްދު ދެއްވަމުން ޢިލްމުވެރިން ވިދާޅުވަނީ މިކަން އޮންނާނީ ނިޔަތުގެ މަތީގައެވެ. އެއީ ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެވެ. އޭނާގެ ބޭނުމަކަށް އެއްޗެއް ގަން ތަނާ ނަސީބުން އިނާމެއް ލިބުނުނަމަ އެކަމުގައި އެއްވެސް ނުބައި ކަމެއް ނެތެވެ. އެކަމަކު އެ ގަތީ އިނާމު ހޯދުމުގެ ގަސްތުގައިނަމަ އެ ކަން ވާނީ ޖުވާއަށެވެ.

2- ވިޔަފާރިވެރިޔާ މި ދޭ އިނާމަކީ އަސްލުގައި ވިއްކާ އެތީގެ އަގުގައި ހިމަނާފައިވާ އެއްޗެކެވެ. އެހެންކަމުން އެއީ ކަސްޓަމަރުންގެ ފައިސާއިން ދެވޭ އިނާމެކެވެ. އެ ކަމުގައި ޖުވާއާ ވައްތަރު ކަމެއް ވެއެވެ. އެއީ މުދަލަށް ޓަކައި ދެއްކި އަގެކެވެ.މި ބަހަށް ރައްދު ދެއްވައި ބޭކަލުން ވިދާޅުވާ ގޮތުގައި، މުދަލާއި އެއިން ލިބޭ ފައިދާއަކީ ވިޔަފާރިވެރިޔާގެ މިލްކެކެވެ. އޭނާގެ މުދަލުން އިނާމެއް ދިނުމަކީ މަނާކަމެއް ނޫނެވެ.އެކަމުގައި ޖުވާއާ ވައްތަރު ކަމެއް ނެތެވެ. އެހެނީ އެއީ އެއްފަރާތެއްގެ ޢަމަލެކެވެ.ގަންނަ މީހާ ދޭ ފައިސާއަކީ ގަތް އެތީގެ އަގެވެ. އެކަމަކު ވިޔަފާރިވެރިޔާ މި އިނާމު ދިނުމަށް ޓަކައި އޭނާގެ މުދަލުގެ އަގު ބޮޑުކޮށްފައިވާކަން އެނގޭނަމަ އެ މުދާ ގަތުންވެސް އަދި އެ އިނާމުގައި ހިފުންވެސް ޙަރާމްވާނެއެވެ. އެއީ މި ޙާލަތުގައި އެކަމުގައި ޖުވާކުޅުން ހިމެނޭތީއެވެ.

ބުރަވެވޭ ރައުޔު

މަތީގައި ބަޔާން ކުރެވުނު ދަލީލުތަކަށް ބަލައިއިރު ފިހާރަތަކުން އިނާމަށް ވިއްކާ މުދާ ގަތުމާއި އެ އިނާމުގައި ހިފުމަކީ މުޠުލަޤަށް ޙަރާމް ކަމެކޭ ބުނެވޭކަށް ނެތެވެ. ތަފާތު ގޮތްގޮތަށް މި ފަދަ މުދާތައް އިނާމު ހުށައަޅައިގެން ވިއްކެއެވެ. މި ޙާލަތްތައް ދިރާސާކޮށް ޙުކުމެއް ކަނޑައަޅަން ވަނީ ޖެހިފައެވެ. ތިރީގައި މި ގެނެސް ދެނީ އިނާމަށް މުދާ ވިއްކުމުގައި ބޭނުންކުރާ ތަފާތު ގޮތްތަކާއި އޭގެ ޙުކްންތަކެވެ.

1- ގަންނަ ކޮންމެ މީހަކަށް އިނާމެއް ދިނުން
މި ޙާލަތުގައި އެ ފިހާރައިން އެއްޗެހި ގަންނަ ކޮންމެ މީހަކަށް އިނާމެއް ލިބޭނެއެވެ. މި އިނާމު ތަފާތު ގޮތްގޮތަށް ދެވެއެވެ. އެއީ ގަންނަ އެއްޗާ އެއްކޮށް ނުވަތަ ވަކިން އޮންނަ އެއްޗަކަށް ވެދާނެއެވެ. އެއީ ކަނޑައެޅިގެން އެނގޭ އެއްޗަކަށްވެސް އަދި ނޭނގޭ އެއްޗަކަށްވެސް ވެދާނެއެވެ.

އެއީ ކަނޑައެޅިގެން އެނގޭ އެއްޗެއްނަމަ ( މިސާލަކަށް ގަންނަ މީހާއަށް އިތުރު މުދަލެއް ދިނުން ނުވަތަ ބަދިގެއަށް ބޭނުންވާ ސެޓެއް ދިނުން ނުވަތަ އެހެންވެސް އެއްޗެއް ދިނުން) އޭތީގެ އަސްލު އަގަށް ވުރެ ބޮޑު އަގެއްގައި ވިއްކިޔަސް ، އަދި ގަތް މީހާ އޭތި ގަތީ އިނާމު ހޯދުމުގެ ގަސްތުގައި ކަމުގައި ވިޔަސް އެ ފަދަ އެއްޗެއް ގަތުމުގައި ވެސް އަދި ލިބޭ އިނާމުގައި ހިފުމުގައި ވެސް މަސްއަލައެއް ނެތެވެ. އެހެނީ އެ މުދަލާއި އެ މުދާ ގަތުމުން ލިބޭ އިނާމަކީ ގަންނަ މީހާއަށް ކަނޑައެޅި އެނގިފައިވާ އެއްޗެކެވެ.

އެކަމަކު އިނާމަކީ ކޮން އެއްޗެއްކަން ނޭނގޭ އެއްޗެއްނަމަ ( މިސާލަކަށް ގަންނަ ބައެއް މުދަލުގެ ތެރޭގައި ފޮރުވައިފައިވާ އެއްޗެއްނަމަ ، މިއީ އަގުހުރި އިނާމަކަށް ވެސް ނުވަތަ ރަމްޒި އިނާމަކަށް ވެސް ވެދާނެއެވެ. ) މި ޙާލަތުގައި ގަންނަ އެތީގެ އަގު ބޮޑުކޮށްފައި ނުވާނަމަ އަދި ގަތްމީހާ އެ މުދާ ގަތީ އިނާމު ހޯދުމުގެ ބޭނުމުގައި ނޫންނަމަ މި އިނާމުގައި ހިފުމުގައި މަސްއަލައެއް ނެތެވެ. މި ޙާލަތުގައި އެއީ ވިޔަފާރިވެރިޔާ ކުރި ހިބައެކެވެ. ތަބައްރުޢެކެވެ. ތަބައްރުޢުގައި ދެނީ ކޮން އެއްޗެއްކަން ނޭނގުނަސް ޞައްޙަ ވާނެއެވެ.

މިޞްރުގެ ފަތުވާ ކޮމެޓީ (لجنة الإفتاء المصرية) ން ނިންމަވާފައިވާ ގޮތުގައި މި ފަދަ އިނާމުތައް ހުއްދަ ވާނެއެވެ.އެހެނީ އެއީ ތަބައްރުޢެކެވެ. ހަދިޔާއަށް ދޭ އެއްޗެއް އެނގުން ޝަރްޠުވެގެން ނުވެއެވެ. އެކަމަކު އެއީ ވިއްކާ މީހާ މުދަލުގެ އަގު އަސްލު އަގަށް ވުރެ ބޮޑު ނުކުރާނަމައެވެ. މުދަލާއެކު އިނާމު ބަދެފައި އޮތަސް ވަކިން އޮތަސް އެއީ މަސްއަލައެއް ނޫނެވެ. އެއީ އިނާމު ޙަވާލު ކުރުމުގެ ވަސީލަތުގެ ތެރޭގައި އޮތް ކަމެކެވެ.

2- ކަނޑައަޅައިފައިވާ ވަކި މިންވަރަކަށް އެއްޗެހި ގަތުމުން ލިބޭ އިނާމު
ކުރިން ބުނި ޙާލަތާ މި ޙާލަތުގެ ތަފާތަކީ އިނާމު ލިބުމަށް ޝަރްޠެއް ކަނޑައަޅައިފައި އޮތުމެވެ.މިސާލަކަށް އެ ފިހާރައިން ބުނާނީ 100 ރުފިޔާގެ މުދާ ގަންނަ މީހާކަށް އިނާމެއް ދެވޭނެއެވެ.

މި ޙާލަތުގައި ޢިލްމުވެރިންގެ ތިން ރައުޔެއް ވެއެވެ.

ހ- ފުރަތަމަ ރައުޔު : މި އިނާމު ޙަރާމު ވާނެއެވެ. އެހެނީ މި އިނާމު މި ލިބުނީ ﷲ ޙަރާމް ކުރައްވައިފައިވާ މައިސިރުގެ ( ޖުވާގެ) މަގުންނެވެ. މިއީ ޝއިޚު ބިން ބާޒުގެ ރައުޔެވެ.

ށ- އެ ފިހާރައިން މުދާ ވިއްކީ ބާޒާރުގެ އެހެންވެސް ފިހާރަތަކުން އެ މުދާ ވިއްކާ އަގަށްނަމަ މި އިނާމުގައި ހިފުމުގައި މަސްއަލައެއް ނެތެވެ. މިއީ ޝައިޚު މުޙައްމަދުއް ޞާލިޙުލް ޢުޘައިމީނުގެ ރައުޔެވެ. ޑރ. މުޙައްމަދު ޢުޘްމާން ޝަބީރުވެސް ތާއީދު ކުރައްވަނީ މި ރައުޔަށެވެ. މި ބޭކަލުން ވިދާޅުވާ ގޮތުގައި މުޢާމަލާތުގައި އަޞްލަކީ ޙައްލެވެ. މި ތާނގައި އެކަން މަނާކުރާނެ އެއްވެސް ކަމެއް ނެތެވެ.

ނ- މި ރައުޔުގެ ބޭކަލުން ވިދާޅުވާ ގޮތުގައި އަގު ބޮޑު އިނާމާއި އާދައިގެ އިނާމުގެ ޙުކުން ތަފާތު ވާނެއެވެ. އާދައިގެ އިނާމު ހުއްދަ ވާނެއެވެ. އެކަމަކު އަގު ބޮޑު އިނާމު ހުއްދައެއް ނުވާނެއެވެ. އެހެނީ އެއީ މައިސަރަށް ހުޅުވިގެން ވާ ދޮރެކެވެ. މި ގޮތަށް ވިދާޅުވާ ބޭކަލުންގެ ތެރޭގައި ޝައިޚު މުޞްޠަފާ އައްޒަރްޤާ ހިމެނިވަޑައިގަންނަވައެވެ. އޭނާ ވިދާޅުވާ ގޮތުގައި " ކުދި ހަދިޔާއަކީ ވިޔަފާރިވެރިން އަބަދުވެސް ކަސްޓަމަރުންނަށް ދީ އުޅޭ އެއްޗެކެވެ. ބޮޑު ޢަދަދެއްގެ އެއްޗެހި ގަނެފިނަމަ ވިޔާފާރިވެރިން ކުދިކުދި ހަދިޔާ އަބަދުވެސް ދީ އުޅެތެވެ. އެއީ ކަސްޓަމަރުގެ ހިތަށް އުފާވެރިކަން ވެއްދުމުގެ ބޭނުމުގައި ދޭ އެއްޗެކެވެ. އެކަމަކު ބޮޑެތި ( މިސާލަކަށް އައިސްއަލަމާރިއެއް، ނުވަތަ ކާރެއް ) ހަދިޔާއަށް ދެނީ ގަންނަ މީހާއަށް ދޭ ކޫޕަނަކުން ގުރުއަތުލައިގެން ހޮވޭ މީހަކަށެވެ. މިއީ ލަކީ ޑްރޯ ( يانصيب ) ފަދަ ކަމެކެވެ. އެއީ ޖުވާގެ ބާވަތެކެވެ. މި ގޮތަށް ލިބޭ އިނާމު ޙަލާލެއް ނުވާނެއެވެ. މިކަމުގެ ސަބަބުން ކުދި ވިޔަފާރި ވެރިންނަށް ގެއްލުން ލިބެއެވެ. އެމީހުންނަށް އެ ފަދަ ބޮޑެތި އިނާމު ދިނުމުގެ ޤާބިލުކަން ނެތީތީއެވެ. والله سبحانه أعلم "

ޑރ، ޔޫސުފުލް ޤަރްޟާވީވެސް ތާއީދު ކުރައްވަނީ މި ރައުޔަށެވެ. " އެއީ މިކަމުގެ ސަބަބުން މުދަލުގެ އަގު ބޮޑުވެގެންދާތީއެވެ. އިސްލާމް ދީން ގޮވައިލަނީ މެދުމިނަށެވެ."

ގިނަ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ ތިންވަނަ ރައުޔަށެވެ. އެހެނީ ކުދިކުދި އިނާމުން މީހުން ހައްލައެއް ނުލެވޭނެއެވެ. އެކަމަކު އިނާމުތައް ބޮޑުވުމަކީ އެ އިނާމު ލިބޭތޯ ގިނަ ބަޔަކު މަސައްކަތް ކުރާނެ ކަމެކެވެ. އަދި ބައެއް މީހުން އެމީހުންގެ ކިބައިގައި އެފަދަ ތަނަވަސްކަން ނެތް އިރުގައވެސް އިނާމު ލިބޭތޯ ބޮޑެތި ހޭދަތައް ކުރާނެއެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި މުދާގަތް މީހާ އެ މުދާ ގަތީ އިނާމު ހޯދުމުގެ ގަސްތުގައި ނަމަ އެކަން ވާނީ ޤުމާރު ( ޖުވާ) ކުޅުމަށެވެ. ނުވަތަ ޤުމާރު ކުޅުމާ އެއްވައްތަރު އެކަމުގައި ޝުބްހާ އޮތް ކަމަކަށެވެ. އެހެންކަމުން އެއީ ޝަރްޢުގައި ޙަރާމްކަމެކެވެ. والله أعلم

3- ކުރިމަގުގެ ކަމަކަށް ޝަރްޠުކޮށް އިނާމު ދިނުން
މިއީ މަތީގައި އިސްވެ ބުނެވުނު ގޮތާ އެއްވައްތަރުގެ ކަމެކެވެ. ތަފާތަކީ މި ވައްތަރުގައި މުދާ ގަތުމަށް ހެއްލުންތެރިކުރުވުން މާ ބޮޑު ކަމެވެ.

މިކަން ކުރަނީ މި އަންނަ ގޮތަށެވެ. އީމޭލް މެދުވެރިކޮށް ނުވަތަ އެސްއެމްއެސްގެ ޒަރީޢާއިން ނުވަތަ މީހަކު ގޭގެއަށް ފޮނުވައިގެން ސިޓީއެއް ފޮނުވަނީއެވެ. މި ސިޓީގައި ބުނާނީ : ކޮންގްރެޖްލޭޝަން! ތިޔަ ބޭފުޅާއަށް މިތައް ލައްކަ ރުފިޔާއެއްގެ އިނާމެއް ލިބިވަޑައިގެންފި! މި އިނާމު ލިބިވަޑައިގަންނަވާނީ މިވެނި ފިހާރައަކުން މިވެނި ވަރަކަށް ވުރެ ބޮޑު ޢަދަދަކަށް އެއްޗެހި ބައްލަވައިގަތީމާ! "
މިއީ މަކަރުވެރި ގޮތަކަށް ޖުވާ ކުޅުމެވެ. އެހެންކަމުން މިއީ ޙަރާމް ކަމެކެވެ.

4- ވަކި މިންވަރަކަށް އެއްޗެހި ގަތުމުން މީހުންނަށް ލިބޭ ކޫޕަންތައް ގުރުއަތުލައިގެން އިނާމު ދިނުން
މިއީ ދެވަނަ ޙާލަތާ އެއްވައްތަރު ކަމެކެވެ.ތަފާތަކީ އިނާމު ލިބޭ ފަރާތް ކަނޑައެޅުމުގައި ގުރުއަތު ނެގުމެވެ. މިތާނގައި ގުރުއަތުގައި ބައިވެރި ވެވޭނީ ވަކި ވަރަކަށް ހޭދަކުރި މީހުންނަށެވެ. މި އިނާމުގެ ޙުކްމަކީ ހަމަ ދެވަނަ ބާވަތުގެ ޙުކްމެވެ. ތަފާތަކީ އިނާމު ލިބޭ ފަރާތް ކަނޑައެޅުމުގައި ގުރުއަތުލުމެވެ.

ގުރުއަތުލުމަކީ މޮޅުވާ ފަރާތެއް ހޯދުމަށް ޓަކައި ބޭނުންކުރުން ހުއްދަ ވަސީލަތެކެވެ.އިސްލާމްދީނުގައި ކަންކަން ސާބިތުކުރުމަށް ޓަކައި ގުރުއަތުލެވިދާނެއެވެ. އައްސައްޔިދާ ޢާއިޝާތުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ރަސޫލުﷲ صلى الله عليه وسلم ދަތުރުފުޅެއް ކުރައްވާނަމަ އަނބިއަނބިކަނބަލުންގެ މެދުގައި ގުރުއަތުލައްވައިގެން އެ ދަތުރުފުޅުގައި ގެންދަވާނެ އަނބިކަނބަލަކު ހަމަޖައްސަވައެވެ. "

އިބްނު ޙަޖަރު މި ޙަދީސުގެ ޝަރަޙައިގައި ވިދާޅުވަނީ " މި ބަސްފުޅުން ގުރުއަތުލުމަކީ ޝަރްޢު ހުއްދަކުރާ ކަމެއްކަން އެނގެއެވެ. އަދި މި ބަސްފުޅަކީ އެކަން މަނާކުރާ މީހުންނަށް އޮތް ރައްދެކެވެ."

އައްޝައިޚް އައްޒަރްޤާއާއި ޑރ. އަލްޤަރްޟާވީ ވިދާޅުވާ ގޮތުގައި ވިޔަފާރި ކުރާ ތަންތަނުން ދޭ އިނާމުގެ ވެރިން ޢައްޔަން ކުރުމަށް ޓަކައި ގުރުއަތުލުން ހުއްދަވާނެއެވެ.

އެހެންކަމުން އިނާމު ލިބޭ މީހާ ކަނޑައެޅުމަށް ޓަކައި ގުރުއަތުލުމަކީ ހުއްދަ ކަމެކެވެ. މިކަމުގައި ޖުވާއެއް ނުހިމެނެއެވެ. އެހެނީ ގުރުއަތުން ނުހޮވުވުނު މީހާއަށް ލިބުނު ގެއްލުމެއް ނެތެވެ. އޭނާ ފިހާރައަށް ދެއްކި ފައިސާއަކީ އޭނާ ގަތް އެއްޗެހީގެ އަގެވެ.އެކަމަކު އޭނާ އެ މުދާތައް ގަތީ ގުރުއަތަށް ވަނުމުގެ ގަސްތުގައިނަމަ ނުވަތަ ވިޔަފާރިވެރިޔާ އެ މުދާތައް ވިއްކީ ބާޒާރުގެ ޢާއްމު އަގަށް ވުރެ ބޮޑުކޮށްނަމަ އެ އިނާމު ހުއްދައެއް ނުވާނެއެވެ. މި ދެ ޙާލަތުގައިވެސް އެކަމުގައި ޤުމާރު ހިމެނޭތީއެވެ.

5- ވަކި ބާވަތެއްގެ މުދަލެއް ގަތުމުން ލިބޭ ބައިތަކެއް އެއްކުރުމުން ލިބޭ އިނާމު
މި ޙާލަތުގައި އިނާމު ލިބޭނީ ފިހާރައަކުން ގަންނަ ވަކިބާވަތެއްގެ މުދަލުން ލިބޭ އެތިކޮޅުތަކެއް އެއްކޮށް ޖަމާކުރުމުންނެވެ. މި ގޮތަށް މުދާ ވިއްކާއިރު ލިބޭ އެތިކޮޅުތައް ދެ ގޮތަކަށް ޖަމާކުރެވިދާނެއެވެ.

ހ- އެ މުދާ ގަންނައިރު ލިބޭ އެތިކޮޅުތައް ވަކި ޢަދަދަކަށް ޖަމާކުރުމެވެ. މިސާލަކަށް ކޯކްފުޅިފަދަ ބޯއެއްޗެއް ވިއްކާއިރު އޭގެ މިތައް މަތިގަނޑު ގެންނަ މީހަކަށް މިވެނި ބާވަތެއްގެ އިނާމެއް ދިނުން. ގިނަ މަތީ ޖަމާކުރާ މީހަކަށް ބޮޑު އިނާމެއް ލިބޭނެއެވެ.

ށ- ކާރެއް ނުވަތަ އައިސްއަލާމާރިއެއް ނުވަތަ ދޮންނަމެޝިނެއްފަދަ ބޮޑެތި އިނާމުތަކެއް ހުށައެޅުން. މި އިނާމު ލިބޭނީ ގަންނަ މުދަލުގެ ތެރެއިން ލިބޭ ބައިތަކެއް އެއްކޮށްގެން ވަކި ކުރެހުމެއް ކުރަހާލުމުންނެވެ. މި ކުރެހުން ފުރިހަމަ ކުރެވުނު މީހާއަށް އެ އިނާމު ލިބޭ ގޮތަށެވެ.

މި ގޮތަށް ލިބޭ އިނާމުގެ ޙުކުމް

ފުރަތަމަ ބާވަތަކީ ގަންނަ ކޮންމެ މީހަކަށް އިނާމު ދިނުމާ އެއްވައްތަރުގެ ކަމެކެވެ. މި ބާވަތުގައި އިނާމަކީ ކުޑަކުޑަ އެއްޗެކެވެ. މިސާލަކަށް އަވި އައިނެއް، ސައިކުރައެއް. މިކަމުގެ ޙުކްމަކީ އެއީ ހުއްދަ ކަމެކެވެ. އެ މީހާ އޭއްޗެހި ގަންނަން ވާނީ އިނާމު ހޯދުމުގެ ގަސްތަކާ ނުލައެވެ. އިފްތާއާ ބެހޭ ޔޫރަޕްގެ މަޖިލީހުގެ ފަތުވާގައި ވެއެވެ." ބައެއް ކުންފުނިތަކުން އެ ތަންތާނގެ ބައެއް މުދާތައް ވިއްކާއިރު ބައެއް ފޮޓޯތައް އެ މުދަލުގެ ތެރެއަށް ލައިގެން ވިއްކައެވެ. މި ފޮޓޯތައް އެއްކޮށް އެ ކުންފުންޏަށް ފޮނުވުމުން ކުންފުނިން އެކަމަށް ކަނޑައަޅައިފައިވާ އިނާމު ދެއެވެ. މި އިނާމުގައި ހިފުމުގެ ޙުކްމަކީ ކޮބައިހެއްޔެވެ؟ ޖަވާބުގައި މަޖިލީހުން ވިދާޅުވިއެވެ. އެ ކުންފުނިން އުފައްދާ ތަކެތި އޭގެ ޢަޞްލު އަގުގައި ވިއްކާތީ އެކަމުގައި މަސްއަލައެއް ނެތެވެ.މިކަން ކުރަނީ ކުންފުނި އިޝްތިހާރު ކުރުމުގެ ބޭނުމުގައެވެ.މިކަމުގައި ބައިވެރިވާ ކަސްޓަމަރަށް އެއްވެސް ގެއްލުމެއް ތަޙައްމުލު ކުރާކަށް ނުޖެހެއެވެ. އެހެންކަމުން މިކަމުގައި މަނާކަމެއް ނެތެވެ. އެ ކަން މަނާ ވާނީ އޭނާ އިނާމު ހޯދަން ވެގެން އެ މުދާ ގަތްނަމައެވެ.

ދެވަނަ ގޮތަށް ބަލައިއިރު މަސްއަލަ އުފެދެނީ އެކަމަށް ކަނޑައަޅައިފައިވާ އިނާމުގައެވެ. އެއީ ވަރަށް އަގު ބޮޑު އިނާމުތަކެކެވެ. މި އިނާމު ހޯދުމަށް މަސައްކަތް ކުރާގޮތަށް ބަލައިއިރު އެކަމުގައި ޖުވާގެ ޝުބްހަތު އެބައޮތެވެ. އޭނާ އޭތި ގަތުމުން ލިބުނު އެތިކޮޅު ފުރިހަމަކޮށްދޭ އެތިކޮޅު ހޯދުމަށް ޓަކައި އޭނާއަށް އެތައް މުދާތަކެއް ގަންނަން ޖެހިދާނެއެވެ. އޭނާ އޭއްޗަށް ބޭނުން ނުވާއިރުގައިވެސް އޭތި ގަންނަނީ ހަމަ އިނާމު ހޯދުމަށެވެ. ޝައިޚު ޢުޘައިމީން ވިދާޅުވިއެވެ. " ކާރެއްގެ ފޮޓޯގެ އެއްބައި ކާޑެއްގައި ކުރަހައިފައި އެ ކާރުގެ އަނެއްބައި ކުރަހައިފައި އޮންނާނީ އެހެން ކާޑެއްގައެވެ. އެ ފޮޓޯގެ އަނެއް ބައި އޮންނާނެ ކަމެއް ނޯންނާނެ ކަމެއް އަހުރެމެންނަކަށް ނޭނގެއެވެ.އަނެއްބައި އޮތްކަމުގައި ބެއްޔަސް އެއީ ޙަރާމް ކަމެކެވެ. މީހަކު މިސާލަކަށް ނޫޑްލުސް ފޮށިގަނޑެއް ގަތްއިރު އޭގައި އިނާމަށް ލިބޭ ކާރުގެ ފޮޓޯގެ އެއްބައި . މި ލިބުނު ކާޑުގައި ކުރަހައިފައި އޮތެވެ. މި ފޮށިގަނޑުގައިވާ ނޫޑްސް ޕެކެޓްތައް އޭނާއަށާއި އޭނާގެ ޢާއިލާއަށް ދެތިން ހަފުތާއަށް ފުދޭނެއެވެ.އެ ކާރުގެ ފޮޓޯގެ އަނެއްބައި ހޯދުމަށް ޓަކައި ނޫޑްލުސްގެ އެތައް ފޮށިގަނޑުތަކެއް ގަތުމަކީ އިސްރާފެކެވެ. އޭނާއަށް އިނާމު ނުލިބިއްޖެނަމަ އެތައް ފައިސާތަކެއް ގެއްލުނީއެވެ. އެ އިނާމު ލިބުނީ އެހެން މީހަކަށެވެ. އެހެންކަމުން މިއީ މުދާތަކެއް ނަގައިލުމެވެ. މިއީ އެކަމުގައި ހިރާސް ވެސް އޮތް ކަމެކެވެ.އެހެންކަމުން މިއީ ހުއްދަވާނެ ކަމެއް ނޫނެވެ. "

ފިހާރަތަކުން އިނާމު ހުށައަޅައިގެން މުދާ ވިއްކަނީ މިފަދަ ގޮތްގޮތަށެވެ. ދުވަސްދުވަސްކޮޅުން އައު ވަސީލަތްތައް އީޖާދު ކުރާނެއެވެ. ނަމަވެސް މަތީގައި މި ބަޔާންކުރި ޙާލަތްތަކުން ބޭރުވެގެން ނުދާނެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.