މި ޒަމާނަކީ އިނާމުތައް ހުށައަޅައިގެން އެއްޗެހި ވިއްކުމާއި މުބަރާތްތައް ބޭއްވުން އާދަޔަކަށް ވެފައިވާ ޒަމާނެކެވެ.ރަމަޟާން މަސްފަދަ ހެޔޮކަމުގެ ފޯވަހިތަކާއި ޙައްޖުފަދަ ހެޔޮކަމުގެ މޫސުންތަކުގައި މުބާރާތްތައް ބޭއްވުން ގިނަވެއެވެ. މުދާ ވިއްކުމަށް ބާޒާރުތައް ހުޅުވެއެވެ. މި ފަދަ މުބާރާތްތަކުންނާއި ގަނެވިއްކުންތަކުގެ ސަބަބުން ވަރަށް އަގު ބޮޑު އިނާމުތައް ލިބޭ ތަން ފެނެއެވެ.މިކަންކަމުގައި އަވަދިނެތި ވަނީ ހަމައެކަނި މަރްކަޒުތަކާއި ޖަމްޢިއްޔާތަކެއް ނޫނެވެ. ފިހާރަތަކާއި ޚަބަރު ފެތުރުމުގެ ތަފާތު ވަސީލަތްތައް ވެސް މި ކަމުގެ ތެރޭގައި ގެބިގެންވާ ތަން ފެނެއެވެ.
މި ޒަމާނުގައި އިނާމު ދެވޭ މުބާރާތްތަކަށާއި ވާދަކުރުންތަކަށް ބަލައިއިރު ބޭއްވޭ މުބަރާތް ތަފާތު ގިންތިތަކަކަށް ބަހައި ލެވިދާނެއެވެ.
ޢިލްމީ ނުވަތަ ސަޤާފީ އިނާމުތައް
ޢިލްމީ މުއައްސަސާތަކާއި ރިސަރޗް މަރްކަޒުތަކުންނާއި ޚައިރާތު ޖަމްޢިއްޔާތަކުން (ޚާއްޞަކޮށް ރަމަޟާން މަހާ ދިމާކޮށް) ޢިލްމީ ސަޤާފީ އަދި ދީނީ މުބާރާތްތައް ބާއްވައެވެ. މި މުބާރާތްތަކުގެ ރަންވަނަތަކަށް އިނާމު ދެއެވެ.މި ފަދަ މުބާރާތްތަކުގެ ތެރޭގައި ޤުރްއާން މުބާރާތްތަކާއި ދީނީ ސުވާލު މުބާރާތްތައް ހިމެނެއެވެ.މިއީ މި ޒަމާނުގައި ވަރަށް ޢާއްމު ކަމެކެވެ. މީގެ އިތުރަށް ނޫސް މަޖައްލާތަކާއި ޓީވީއާއި ރޭޑިޔޯއިން ވެސް މުބާރާތްތައް ބާއްވައެވެ. ނޫސް މަޖައްލާތަކުން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެވޭނީ ނޫހުގައި ޝާއިޢު ކުރާ ސުވާލާއެކުގައި ވާ ކޫޕަނެއްގެ ޒަރީޢާއިންނެވެ.މި މުބާރާތުގައި ބައިވެރިވެވޭނީ މި ކޫޕަނުގެ އަޞްލު މެދުވެރިކޮށެވެ. އޭގެ ފޮޓޯ ކޮޕީއެއް ބޭނުމެއް ނުކުރެވޭނެއެވެ. ޓީވީން މި ކަހަލަ މުބާރާތްތައް ބާއްވަނީ އެސްއެމްއެސް މެދުވެރިކޮންނާއި ސީދާ ޓީވީއަށް ގޮސް ބައިވެރިވެގެންނާއި އެ ސުވާލުތަކުގެ ޖަވާބު ޓީވީއަށް ފޮނުވައިގެންނެވެ.
މިކަހަލަ މުބާރާތްތަކާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވަނީ އެއީ ޖުމްލަ ގޮތެއްގައި ހުއްދަކަމެކެވެ. މި ފަދަ ޢިލްމީ މުބާރާތެއް ފުރަތަމަ ބާއްވަވާފައި ވަނީ ރަސޫލުﷲ އެވެ. މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އެއްދުވަހަކު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ . إِنَّ مِنْ الشَّجَرِ شَجَرَةً لَا يَسْقُطُ وَرَقُهَا وَإِنَّهَا مَثَلُ الْمُسْلِمِ فَحَدِّثُونِي مَا هِيَ فَوَقَعَ النَّاسُ فِي شَجَرِ الْبَوَادِي قَالَ عَبْدُ اللَّهِ وَوَقَعَ فِي نَفْسِي أَنَّهَا النَّخْلَةُ فَاسْتَحْيَيْتُ ثُمَّ قَالُوا حَدِّثْنَا مَا هِيَ يَا رَسُولَ اللَّهِ قَالَ هِيَ النَّخْلَةُ މާނައީ "ހަމަކަށަވަރުން ގަސްތަކުގެ ތެރޭގައި އޭގެ ފަތްތައް ނުވެރޭ ގަހެއް ވެއެވެ. އަދި ހަމަކަށަވަރުން އެ ގަސް މުސްލިމަކާ އެއްފަދައެވެ.ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް އެ ގަހުގެ ޚަބަރުދީބަލާށެވެ! އެހިނދު މީސްތަކުން ރަށްފުށުގެ ގަސްތަކާމެދު ވިސްނިއެވެ. ޢަބްދުﷲ ވިދާޅުވިއެވެ. އެކަމަކު އަހުރެންގެ ހިތަށް އެއީ ކަދުރު ރުއް ކަމަށް އެރިއެވެ. އެކަމަކު އަހުރެން ލަދުން އެއްޗެއް ނުބުނެ އިނީއެވެ. ދެން އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކޮން ގަހެއްކަން ވިދާޅުވެ ދެއްވާށެވެ! ޙަދީސް ކުރެއްވިއެވެ. އެއީ ކަދުރު ރުކެވެ." އަލްއިމާމުލް ބުޚާރީ މި ޙަދީސް ގެންނަވައިފައިވަނީ ޚާއްޞަ ބާބެއްގައެވެ. އެއީ باب طرح الإمام المسألة على أصحابه ليختبر ما عندهم من العلم މި ޙަދީސް ޝަރަޙަ ކުރައްވަމުން އަލްއިމާމުއްނަވަވީ ވިދާޅުވިއެވެ. މި ޙަދީސުން ލިބިގަނެވޭ ފައިދާތަކުގެ ތެރޭގައި ޢިލްމުވެރިން އެބޭކަލުންގެ ދަރިވަރުން އިމްތިޙާނު ކުރެއްވުމަށް ޓަކައި ސުވާލުތަކާއި މަސްއަލަތައް ހުށައެޅުމަކީ ލޮބުވެތިކަމެއްކަން އެނގެއެވެ. އަދި މި ޙަދީސުން އެނގޭގޮތުގައި މިސާލު ޖެހުމަކީ ވެސް ރަނގަޅު ކަމެއްކަން އެނގެއެވެ.އަލްއިމާމުއްޝާފިޢީ އެކަލޭގެފާނުގެ ދަރިކަލުން އަބޫ ޢުޘްމާނަށާއި ދަރިވަރު އަލްޙުމައިދީއަށް އެކުދީން އިމްތިޙާނު ކުރެއްވުމަށް ޓަކައި ދީނީ ސުވާލުތައް ހުށައެޅުއްވިއެވެ.އަދި ރަނގަޅު ޖަވާބު ދޭ ކުއްޖަކަށް ދީނާރެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން މި ފަދަ ޢިލްމީ އަދި ސަޤާފީ މުބާރާތްތަކުގެ ޙުކްމަކީ އެއީ ހުއްދަކަމެކެވެ. އަދި މުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަކީ ވެސް ހުއްދަކަމެކެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. ޝައިޚުލްއިސްލާމު އިބްނު ތައިމިއްޔާއާއި އެކަލޭގެފާނުގެ ދަރިވަރު އިބްނުލްޤައްޔިމުވެސް ފަތުވާ ދެއްވައިފައިވަނީ މި ގޮތަށެވެ. އެކަމަކު މުބާރާތްތައް ބާއްވަން ވާނީ މިއަންނަ މިންގަނޑުތަކާ އެއްގޮތަށެވެ.
މުބާރާތުގެ ސުވާލުތަކަކީ ފައިދާއާއި ލާބަ ހުރި ސވާލުތަކެއް ކަމުގައި ވުން
މުބާރާތުގެ އިނާމުތަކަކީ މުބާރާތުގެ ބައިވެރިން ހުށައަޅައި އެއްޗެއް ކަމުގައި ނުވުން.
މިހެންވެ ނޫސް މަޖައްލާތަކުން ބާއްވާ މުބާރާތްތަކުގެ ޙުކްމުގައި ޢިލްމުވެރިންގެ ރައުޔު ވަނީ ތަފާތު ވެފައެވެ. ނޫސްތަކުން ބާއްވާ މުބާރާތްތަކުގައި ބައިވެރި ވެވެނީ ނޫސް ގަނެގެން ކަމުގައި ވާތީއެވެ. މުބާރާތުގައި ބައިވެރިވާ މީހުން ފައިސާ ބަހައްޓައިގެން މުބާރާތް ބާއްވާނަމަ އެކަން ވާނީ ޖުވާ ކުޅުމަށެވެ. ނޫސްތަކުން ބާއްވާ މުބާރާތްތައް ޖުވާއަށް ވާނެ ހެއްޔެވެ؟ ޢިލްމުވެރިން ވިދާޅުވަނީ ނޫސް ގަންނަނީ މުބާރާތުގައި ބައިވެރި ވުމަށް ޓަކައި ނަމަ އެއީ ޖުވާއެވެ.މި ޙާލަތުގައި ލިބޭ އިނާމު ޙަލާލު އެއްޗަކަށް ނުވާނެއެވެ.އެކަމަކު އޭނާއަކީ ނޫހުން މަޢުލޫމާތާއި ޚަބަރުތައް ކިޔުމަށް ޓަކައި އާދަކޮށް ނޫސް ގަންނަ މީހެއްނަމަ ޖުވާއަކަށް ނުވާނެއެވެ. ޖުވާ ކުޅުމަށް ޓަކައި ނޫސް ގަން ކަމަކަށް ނުވާނެއެވެ.
މި މިންގަނޑުން ޓީވީ މުބާރާތްތަކާމެދުގައި ވެސް ބެލިދާނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް ޓަކައި ޓީވީއާ ގުޅުމަށް ހޭދަކުރަން ޖެހެނީ ހަމަ އާދައިގެ ކޯލްތަކަށް ކުރަން ޖެހޭ ޚަރަދުނަމަ މުބާރާތުގައި ބައިވެރިވެ ލިބޭ އިނާމުގެ މަސްއަލައެއް ނެތެވެ. އެއީ މުބާރާތުގައި ބައިވެރިވުމަށް ޓަކައި މުބާރާތް އޮންނަ ތަނަށް ދިޔުމަށް ކުރަން ޖެހޭ ޚަރަދާ އެއްފަދަ ކަމެކެވެ. އެކަމަކު ޓީވީއާ ގުޅުމަށް ނަގާ އަގު ޢާއްމު ކޯލްތަކުގެ އަގަށް ވުރެ ބޮޑުނަމަ (ގިނަ ފަހަރަށް މި ކަން ހިނގަނީ މި ގޮތަށެވެ.) އެއީ އެއްވެސް މަސްއަލައެއް ނެތްގޮތުގައި ޖުވާއެވެ. އެ ފަދަ މުބާރާތެއްގައި ބައިވެރިވުން ހުއްދަވެގެން ނުވެއެވެ.
ސުވާލުތައް ދިގު އުނދަގޫ ސުވާލުތައް ކަމުގައި ނުވުމާއި ޢިލްމުވެރިންގެ ރައުޔު ތަފާތު ޖަވާބުތައް ހުންނަ ސުވާލުތައް ނުހިމެނުން ވެސް ޝަރްޠު ކުރައްވައެވެ. މިއީ ރަސޫލާ ނަހީ ކުރައްވައިފައިވާ ކަމެކެވެ. މުޢާވިޔަތުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَهَى عَنِ الْغُلُوطَاتِ މާނައީ "ނަބިއްޔާ ޣުލޫޠާތު މަނާކުރެއްވިއެވެ." އަލްއަވްޒާޢީ ވިދާޅުވާ ގޮތުގައި ޣުލޫޠާތަކީ ބުރަ އުނދަގޫ މަސްއަލަތަކެވެ. އެއީ ތިމާގެ މޮޅުކަން ދެއްކުމަށް ޓަކައި ކުރިމަތި ކުރުވާ ސުވާލުތަކެވެ. މި ފަދަ ސުވާލުތައް ކުރުން މަނާކުރެއްވީ އެކަމުގެ ސަބަބުން ފިތުނަފަސާދަ ފެތުރިދާނެތީއެވެ. އިބްނު ޙަޖަރު ވިދާޅުވިއެވެ. މި ފަދަ މަސްއަލަތަކާ ބެހޭގޮތުން ސުވާލުކުރުން ނަހީ ކުރެއްވީ އެކަމުގައި ފައިދާއެއް ނެތުމާއި އެކަމުގެ ސަބަބުން ދެބަސްވުން އިތުރު ވެދާނެތީއެވެ.
ބޭންކުތަކުންދޭ އިނާމުތައް
ކަސްޓަމަރުންގެ ޢަދަދު ގިނަ ކުރުމަށް ޓަކައި ބޭންކްތަކުން ވެސް މިއަދު ދަނީ ( ނޫސް މަޖައްލާތަކާއި ޓީވީ ޗެނެލްތައް ފަދައިން) އިނާމުތައް ހުށައަޅަމުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމީ ބޭންކްތަކާއެކުގައި މެނުވީ އެއްވެސް ބާވަތެއްގެ މުޢާމަލާތެއް ކޮށްގެން ނުވާނެއެވެ. އެހެނީ މާތް ﷲ ވަޙީ ކުރައްވަނީ وَلا تَعَاوَنُوا عَلَى الإثْمِ وَالْعُدْوَانِ މާނައީ "އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"
ޢާއްމު ގޮތެއްގައި އިސްލާމީ ބޭންކްތަކުން ދޭ އިނާމުގައި ހިމެނެނީ ޙައްޖު ދަތުރާއި ޢުމްރާ ދަތުރާއި ފައިސާގެ އިނާމާއި ތަކެތީގެ އިނާމެވެ. މި ފަދަ އިނާމުތައް ދިނުމުގައި ޢިލްމުވެރީންގެ ރައުޔު ދެ ބަޔަކަށް ބެހިގެންވެއެވެ.
ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ބޭންކަށް ގިނަ ކްލެއެންޓުން ގެނައުމަށް ޓަކައި ހިތްވަރު ދިނުމުގެ ގޮތުން މި ފަދަ އިނާމުތައް ދިނުން ހުއްދަވާނެއެވެ.
އަނެއް ބައި ބޭކަލުން ވިދާޅޫވާ ގޮތުގައި މިއީ ރިބަވީ ބޭންކްތަކާއި ހުޅަނގުގެ ވިޔަފާރި ބޭންކުތައް ކޮޕީކުރުމެކެވެ. މި ފަދަ އިނާމުތަކުގެ ސަބަބުން މީހުން އިތުރަށް ވާނީ ކަންނެތެވެ. އިސްލާމްދީން ގޮވައިލަނީ ތިމާގެ އަތުން މަސައްކަތްކޮށްގެން ތަނަވަސްކަން ހޯދުމަށެވެ.
ބުރަވެވޭ ރައުޔު
މި ދެ ރައުޔަށް ބަލައިއިރު ބުރަވެވެން އޮތީ ފުރަތަމަ ރައުޔަށެވެ. އެއީ އެކަމުގައި ޝަރްޢު މަނާ ކުރާ ކަމެއް ނެތީތީއެވެ. ހުޅަނގުގެ ކޮންމެ ޢަމަލަކީ މަނާ ކަމެއް ނޫނެވެ.މުޢާމަލާތަށް ބަލައިއިރު އަޞްލުގައި އެއީ ހުއްދަ ކަމެކެވެ. އިސްލާމީ ބޭންކްތަކުންވެސް މިފަދަ ކަންކަން ނުކޮށް ކްލެއެންޓުން އިތުރެއް ނުކުރެވޭނެއެވެ. އެހެންވީމާ އިސްލާމީ ބޭންކްތަކުންވެސް އައު ގޮތްތަކާމެދު ވިސްނަން ޖެހޭނެއެވެ.
އިސްލާމީ ބޭންކްތަކުން ދޭ އިނާމުތަކަށް ބަލައިއިރު އެކަން އޮންނާނީ ބޭންކުގެ އެކައުންޓްތަކުންނެވެ. ނުވަތަ އޭޓީއެމް މެޝިނުންނެވެ.
އެކައުންޓްތަކަށް ބަލައިއިރު ހިސާބުތައް ވާނީ ކަރަންޓް އެކައުންޓަށެވެ. ނުވަތަ ސޭވިންގް އެކައުންޓަށެވެ.
ކަރަންޓް އެކައުންޓްތައް
ކަރަންޓް އެކައުންޓްގެ ފިޤްހީ ތަކައްޔުފަށް ބަލައިއިރު އެއީ ޖާމިނުވުމާއެކު ބޭންކަށް ދީފައިވާ ދަރަންޏެކެވެ. އެކައުންޓްގެ ވެރިފަރާތުން އެ ފައިސާ ނަގަން އެދޭ އިރަށް އެ ދަރަނި ރައްދު ކުރަން ޖެހޭނެއެވެ. އެހެންކަމުން ކަރަންޓް އެކައުންޓަކީ ހެޔޮވެގެންވާ ދަރަންޏެކެވެ. (ނުވަތަ " ޤަރްޟު ޙަސަން " އެކެވެ.) އެއީ ފައިދާއަކާ ނުލައި އެކައުންޓްގެ ވެރިޔާ ބޭންކްގައި ބަހައްޓާ ފައިސާތަކެކެވެ. ވީމާ މި ފަދަ އެކައުންޓްތަކަށް އިނާމު ދިނުމަކީ ޝަރްޢީގޮތުން ޙަރާމް ކަމެކެވެ. އެކައުންޓް ހުޅުވާ އިރު އެ އިނާމުދޭން ޝަރްޠު ކުރިނަމަ ނުވަތަ އެ އެކައުންޓް ބޭންކްގައި ހުޅުވާފައި އޮތްވާ އެ އިނާމު ދޭނެކަން ބޭންކުން އިޢުލާނު ކުރިނަމަ ނުވަތަ އެއީ ބޭންކުން އާދަކޮށް ކުރަމުންދާ ކަމެއްކަމުގައިވާނަމަ އެ ކަން ޙަރާމް ވާނެއެވެ. އެހެނީ އެއީ އޭނާ ބޭންކަށް ލީ ފައިސާއަށް ވުރެ އިތުރު މިންވަރެކެވެ. މި ޙުކުން ބިނާވެގެން ވަނީ ޝަރްޢީ ޤާޢިދާއެއް ކަމުގައިވަ كل قرض جر نفعاً فهو ربا - "އެއިން ފައިދާއެއް ލިބޭ ކޮންމެ ދަރަންޏަކީ ރިބާއެކެވެ." އިބްނުލް މުންޛިރު ވިދާޅުވަނީ ދަރަނި ދޭ މީހާ ދަރަނި ނަގާ ފަރާތުގެ އަތުން އެއްވެސް މިންވަރެއް އިތުރުކުރަން ނުވަތަ ހަދިޔާއެއް ދިނުމަށް ޝަރްޠުކޮށްފިނަމަ އެ އިތުރުވާ މިންވަރަކީ ރިބާއެވެ." ފަހަރެއްގައި އެއީ ދަރަނި އަދާކުރުމުގައި ހެޔޮކޮށް ހިތުމޭ މީހަކު ބުނެފާނެއެވެ. ޝަރްޠަކާނުލައި އެކަން ކުރުން ހުއްދަވާނެއެވެ. ކީރިތި ރަސޫލާ ވަނީ މީހަކު އަތުން ޅަ ޖަމަލެއް ދަރަންޏަށް ނަންގަވައިފައި އެ ދަރަނި ދިން ފަރާތަށް އެއަށް ވުރެ ބޮޑު ޖަމަލެއް ދެއްވައިފައެވެ. އެކަމަކު ބޭންކްގެ ޢަމަލަށް ބަލައިއިރު މިއީ ވަރަށް ދުރުކަމެކެވެ. ބެންކުން ވަނީ މި އިނާމުގެ ވާހަކަ އިސްވެ އިޢުލާން ކޮށްފައެވެ. ބެންކުން މި ކަން ކުރަނީ ދިގު މުއްދަތަކަށް އެކައުންޓްގައި ފައިސާ ބަހައްޓަން ހިތްވަރު ދިނުމަށް ޓަކައެވެ. މިއީ ރަތްލައި ޖެހި ރިބާއެވެ.
އިންވެސްޓްމެންޓް އެކައުންޓްތައް
އިންވެސްޓްމެންޓް އެކައުންޓްތަކުގެ ވެރިން ބޭންކަށް ފައިސާ ލަނީ މުޟާރަބާގެ އުޞޫލުންނެވެ. އެއީ އެއިން ފައިދާއާއި ގެއްލުން ލިބެން ޖެހޭނެ މުޢާމަލާތެކެވެ. ބެންކަކީ މުޟާރިބެވެ. އެކައުންޓްގެ ވެރި ފަރާތަކީ މުދަލުގެ ވެރިޔާ (ރައްބުލްމާލް) އެވެ. ފައިދާ ބަހާނީ އެ ދެފަރާތުން އެއްބަސްވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ. މިފަދަ އެކައުންޓްތައް އޮންނާނީ އެ އެކައުންޓުން ބޭނުން އިރަކު ފައިސާ ނެގޭ ސޭވިންގް އެކައުންޓެއްގެ ގޮތުގައެވެ. ނުވަތަ ވަކި މުއްދަތެއް ހަމަނުވަނިސް އެ އެކައުންޓުން ފައިސާ ނުނެގޭ ސޭވިންގް އެކައުންޓެއްގެ ގޮތގައެވެ. މި ދެ ޙާލަތުގައއިވެސް ބޭންކުން ދާނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް މި ފައިސާ އިންވެސްޓް ކުރަމުންނެވެ.އެހެންކަމުން ބޭންކުން މި ފަދަ އެކައުންޓްތަކުގެ ވެރިންނަށް އިނާމު ދިނުމަކީ މުޟާރިބު (ބޭންކް) ރައްބުލްމާލިއަށް (އެކައުންޓްގެ ވެރިޔާއަށް) އިނާމެއް ދިނުމެވެ. މިކަމުގައި މަނާކަމެއް އޮތްކަމަކަށް ނުފެނެއެވެ، އެކަމަކު ބޭންކްގެ ޢާއްމު ފައިދާއިން މި އިނާމު ދީގެން ނުވާނެއެވެ. އެއީ ބޭންކަށް ލައިފައިވާ މީހުންނާއި އިންވެސްޓަރުންގެ ޙައްޤު މި ފައިދާގައި ހިމެނޭތީއެވެ. މި އިނާމު ދޭން ޖެހޭނީ ބޭންކްގެ ރައުސުލްމާލުގެ ޙިއްޞާދާރުންގެ ފައިސާއިންނެވެ.
ނަދްވަތުލްބަރަކާ" މަހާސިންތާގެ ނިންމުންތައް ބުނާ ގޮތުގައި އިންވެސްޓްމެންޓް އެކައުންޓްތަކުގެ ވެރިންނަށް އިނާމު ދިނުން ހުއްދަވާނެއެވެ. އެހެނީ މި އެކައުންޓްތަކުގެ އެސެޓްތަކަކީ އެމީހުންގެ އެއްޗެކެވެ. ބެންކަކީ އެމީހުންގެ ފައިސާއިން ވިޔަފާރި ކުރާ މުޟާރިބެވެ. އެކަމަކު މި އިނާމުތައް މުޟާރަބާގެ ރައުސުލްމާލުގެ ޖާމިނުވުމުން ދީގެން ނުވާނެއެވެ. މި އިނާމު ދޭންޖެހޭނީ ބޭންކްގެ މުދަލުންނެވެ. އިންވެސްޓަރުންގެ ފައިދާއަކުން ނޫނެވެ. މުޟާރިބަށް މުޟާރަބާ މުދަލުން އެއްޗެއް ތަބައްރުޢެއް ނުކުރެވޭނެއެވެ.
އޭޓީއެމް ބޭނުންކުރާ މީހުންނަށް ދޭ އިނާމުތައް
އިސްލާމީ ބައެއް ބޭންކްތަކުން އެ ބޭންކްތަކުގެ އޭޓީއެމް މެޝިން ބޭނުންކުރާ ކަސްޓަމަރުންނަށް އިނާމުތައް ދެއެވެ. މި ފަދަ އިނާމުތައް ހުއްދަވާނެއެވެ. އެއީ ބޭންކް އިޝްތިހާރު ކުރުމަށާއި މާރުކެޓް ކުރުމަށް ޓަކައި ކުރާ މަސައްކަތަކަށް ވާތީއެވެ. އެކަމުގައި ޝަރްޢު މަނާކުރާ ކަމެއް ނުހިމެނޭތީއެވެ. އެކަމަކު ބޭންކުން މި ފަދަ އިނާމުތައް ދިނުމަށް ޓަކައި ކަސްޓަމަރުން އަތުން އެއްޗެއް ނަގައިގެން ނުވާނެއެވެ. ނަގައިފިނަމަ އެ އިނާމު ހުއްދައެއް ނުވާނެއެވެ. އޭރުން އެކަން ވަނީ ޤުމާރަށެވެ. ނުވަތަ ޖުވާއަށެވެ. ނަދްވަތުލް ބަރަކާގެ 23 ވަނަ ބައްދަލުވުމުގައި އޭޓީއެމްއާ ބެހޭގޮތުން ބަހުސް ކުރައްވައިފައި ވެއެވެ. މި ނަދްވާއިން ނެރުނު ޤަރާރު ބުނާގޮތުގައި،ވަކި މުއްދަތެއްގެ ތެރޭގައި އޭޓީއެމް މެދުވެރިކޮށް ފައިސާ ނަގައި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ބަޔަކަށް އިނާމު ދިނުމަކީ ހުއްދަ ކަމެކެވެ. އެކަމަކު އެއީ ދެ ޝަރްޠެއްގެ މަތިންނެވެ.
މި ކަމުގައި ބައިވެރިވުމަށް ކަސްޓަމަރުންގެ އަތުން އެއްވެސް އެއްޗެއް ނުނެގުން. އެއްޗެއް ނަގައިފިނަމަ އެކަން ވާނީ ޖުވާއަށެވެ.
މި މުއްދަތުގެ ތެރޭގައި އޭޓީއެމުން ނަގައި ފައިސާއަށް އިތުރު ޗާޖެއް ނުނެގުން.
އިސްލާމީ ބޭންކުތަކުން ކްރެޑިޓް ކާޑުން ފައިސާ ނެގުމަށް ހިތްވަރު ދިނުމަށް ޓަކައި ކްރެޑިޓް ކާޑްގެ ކަސްޓަމަރުންނަށް ވެސް އިނާމު ދެއެވެ. މިކަންވެސް ކުރަން ޖެހޭނީ ގުރުއަތުލައިގެންނެވެ.
ބެންކުން އެ ބެންކުގެ ކްރެޑިޓް ކާޑް ހޯލްޑަރުންނަށް އިނާމު ދިނުމުގެ ޙުކުން ގުޅިފައިވަނީ ބެންކާ ކާޑް ހޯލްޑަރާ ދެމެދުގައިވާ ގުޅުމާއެވެ. އެއީ ޙަވާލާއެއް ކަމަށް ބަލައިފި ނަމަ ބޭންކު ވާނީ ދަރަނިދޭ ފަރާތަށެވެ. އޭރުން އިނާމަކީ މުޤްރިޟު (ދަރަނިދޭ ފަރާތް) މުޤްތަރިޟަށް (ދަރަނިނަގާ ފަރާތް) ދޭ އެއްޗެކެވެ. މިއީ ހުއްދަ ކަމެކެވެ. އެކަމަކު މުޤްތަރިޟު ދޭ އެއްޗެއް ނަމަ މި އިނާމު ހުއްދަ ނުވާނެއެވެ. ބެންކާ ކާޑް ހޯލްޑަރާ ދެމެދުގައިވާ ގުޅުމަކީ ކަފާލަތެއްނަމަ ބެންކަކީ (ޖާމިނުވުން ދޭ ފަރާތް) ކަފީލެވެ.މި ޙާލަތުގައި އިނާމު ވާނީ ކަފީލު މަކްފޫލަށް (ޖާމިނުވުން ދޭ ފަރާތް) ދޭ އެއްޗަކަށެވެ. މިއީ ޝަރްޢު މަނާކުރާ ކަމެއް ނޫނެވެ. މިކަމުގައި ހުއްދަ ނުވާނީ މަކްފޫލު ކަފީލަށް ދިނުމެވެ.