އަދީބު ފަރުވާއަށް އިންޑިޔާއަށް ވަޑައިގެންފި

އަދީބު އިންޑިޔާއަށް ފުރާވަޑައިގަތުމަށް އެއާރޕޯޓުގައި. ފޮޓޯ: ފޭސްބުކް

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ލޮލަށް ބޭސްފަރުވާ ކުރުމަށްޓަކައި މިއަދު އިންޑިޔާއަށް ވަޑައިގެންފިއެވެ.

އަދީބުގެ ލޮލުގެ ބައްޔަށް ރާއްޖެއިން އިތުރަށް ފަރުވާ ކުރެވެން ނެތުމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރު ތަކުރާރުކޮށް ލަފާ ދެއްވާފައިވާތީ ކަރެކްޝަނުން އަދީބު ފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދެއްވީ ހުސްވި ހަފުތާގައެވެ.

އަދީބު މިއަދު އިންޑިޔާއަށް ވަޑައިގެންނެވިއިރު އަރިހުގައި އާއިލާގެ ފަރާތުން ވަޑައިގެންނެވީ އަނބިކަނބަލުން ނަޝްވާއެވެ. މީގެއިތުރުން އަދީބާއެކު ފުލުހުންގެ ތިން އޮފިސަރުންނާއި ކަރެކްޝަނުގެ ތިން އޮފިޝަލުންވެސް ވަޑައިގަންނަވައެވެ.

އަދީބު ފަރުވާއަށް އިންޑިޔާއަށް ވަޑައިގަތުމުގެ ހުއްދައާއެކު އަދީބު ފިއްލެވުމުގެ ފުރުޞަތު އޮތްކަމަށް ދެކެވޭ ވާހަކަތަކަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ފިއްލެވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށާއި އަދީބު ފިއްލަވައިފިނަމަ އެއީ ސަރުކާރު ފޭލްވުންފަދަ ކަމެއް ކަމަށެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ހުންނަ ކޮންމެ މީހަކަށްވެސް ބޭސްފަރުވާގެ ފުރުޞަތު ދެއްވަންޖެހޭނެ ކަމަށާއި އަދީބާމެދުވެސް އަމަލު ކުރެއްވީ އެއުސޫލުން ކަމަށެވެ. އިމްރާން ވިދާޅުވީ އަދީބާއެކު ފުލުހުންނާއި ކަރެކްޝަނުން ވަޑައިގެންނެވި އޮފިސަރުން 24 ގަޑިއިރު އަދީބުގެ ހަރަކާތްތަކަށް ފާރަވެރިވާނެ ކަމަށެވެ.

އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމާއި ގުޅިގެން ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ޖަލުތަކާބެހޭ އެންމެ އިސްވެރިންވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށް ވަނީ އެކަމާބެހޭ ސުވާލު ކުރައްވާފައެވެ.

ހޯމް މިނިސްޓްރީން ބުނީ އަދީބުގެ ލޮލަށް ރާއްޖެއިން ފަރުވާ ދެވެން ނެތުމުން ރާއްޖެއިން ބޭރުންވެސް އެކަމަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ގެނެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތަކުންވެސް ރާއްޖެއިން އިތުރަށް ދެވޭނެ ފަރުވާއެއް ނެތުމުން ފުރާވަޑައިގަތުމުގެ ހުއްދަ ދެއްވީ ކަމަށެވެ.

އަދީބު އިންޑިޔާއަށް ވަޑައިގެންނެވީ ޓްރެވަލް ލިޔުމެއްގައެވެ. އޭނާގެ ޕާސްޕޯޓް އަދި ދޫނުކުރެއެވެ.  ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ އަދީބު މަޑު ކުރައްވަން ޑޮކްޓަރުން އިތުރަށް ލަފައެއް ނުދެއްވައިފިނަމަ ހަފްތާއެއްގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ސރުކާރުން އަދީބު ފިލަން ދޫކޮއްލާ ގޮތަށް އޯކޭ ނަމަ ފިލާނެ. އޯކޭ ނޫންނަމަ ލާހިކު ކުޅަދާނައެއް ނޫން ފިލާކަށް. އިންޑިއާގެ އިންޓެލިޖެންސްގެ ކުޅަދާނަކަން ނުދަންނަ ދިވެހީން މިހާރަކު ނޫޅޭނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.