
ކުރީގެ ދެ ޑިފެންސް މިނިސްޓަރުންކަމަށްވާ، އަމީން ފައިސަލާއި، މޫސާ ޢަލީ ޖަލީލް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް އެ ދެބޭފުޅުންނަށް ފުލުހުން ޗިޓް ފޮނުވައިފިއެވެ.
ބައެއް މީޑިއާތަކަށް މަޢުލުމާތުދެއްވަމުން ފުލުހުން ހާމަކޮށްފައިވާގޮތުގައި، އެދެބޭފުޅުން ހާޒިރުކުރަނީ ފުލުހުން ބަލަމުންދާ މައްސަލައަކާގުޅިގެން މަޢުލުމާތު ސާފުކުރުމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކުރީގެ ދެ މިނިސްޓަރުންގެ ތެރެއިން އަމީން ފައިސަލް ފުލުހުންގެ އިދާރާއަށް ޙާޒިރުވުމަށް އަންގާފައިވަނީ މިރޭ 20:00 އަށެވެ. މޫސާ ޢަލީޖަލީލަށް އަންގާފައިވަނީ މިއަދު ހަވީރު 17:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށެވެ.
އަމީންފައިސަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެއީ އެމްޑީޕީގެ އިސްސަފުގައި ޙަރަކާތްތެރިވެފައިވާ ބޭފުޅެކެވެ. މޫސާ ޢަލީޖަލީލަކީ މިހާރުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުލެކެވެ.