ނިމިގެންދިޔަ ބޮޑު ޢީދުގެ ބަންދަކީ ކުށްމަދު ސުލްޙަވެރި ދުވަސްތަކެއްކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ޢީދުބަންދާ ދިމާކޮށް ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނާބެހޭގޮތުން ފުލުހުންގެ ވެބްސައިޓުގައި ހާމަކޮސްފައިވަނީ މިފަހަރުގެ ޢީދުބަންދުގައި ފާހަގަވެފައިވަނީ ކުށްމަދު އަމާން ދުވަސްތަކެއްކަމަށެވެ. ޢީދުބަންދާ ދިމާކޮށް މާލެ އަތޮޅުތަކުގައި ފުލުހުން ވަނީ ރައްކާތެރިކަމުގެ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގާފައިކަމަށާ، އެގޮތުން ޢާއްމުންގެ ނަފްސުގެ ރައްކާތެރިކަން ކަށަވަރުވެ މުދަލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައިކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ޢީދުގެ އެކިޙަރަކާތްތައް ކުރިއަށްގެންދިޔައިރު، ފުލުހުންގެ އެހީތެރިކަމާ އެއްބާރުލުން ރަށްރަށުގެ ކައުންސިލްތަކުންނާއި މަދަނީ ޖަމޢިއްޔާތަކުން ހޯދާފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. އަދި ނުވަ ވަރަކަށް ދުވަށް ދެމިގެންދިޔަ މި ބަންދުގެ ދުވަސްތައް ފެށުމުގެ ކުރިން ވެސް ފުލުހުންވާނީ ޢާއްމުން ހޭލުންތެރިކުރުވުމުގެ ޙަރަކާތްތައްތަކެއް ހިންގާފައިކަމަށް ފުލުހުންވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ކަމާގުޅޭ މަޢުލޫމާތުހިމެނޭ ލުއި ކަރުދާހެއް މާލޭ ސިޓީ ޕޮލިސް ގައި މަސައްކަތްކުރާ ފުލުހުން ބަހާފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އަދި ކަނޑުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ކަނޑުމަގުން ދަތުރު ކުރައްވާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި މުދަލުގެ ރައްކާތެރިކަން ދަމަހައްޓަން ނަސޭޙަތްތެރިވެ ފުލުހުން ވަނީ އިލްތިމާސް ކޮށްފައިކަމަށާ، މާލެއާއި މާލެ ހިމެނޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނޑުމަގުން ކުރެވުނު ދަތުރުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމަށް މެރިން ޕޮލިސްގެ ފަރާތުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކާ ގުޅިގެން ވަނީ ކުރިޔަށް ގެންގޮސްފައިވާކަންވެސް ފުލުހުން ފާހަގަކުރެއެވެ.