ޖިއްދާގައި 'ހަލާލު ޑިސްކޯ'އެއް ހުޅުވަނީ

ވައިޓް ދުބާއީ ނައިޓް ކްލަބް ހިންގާ ކުންފުނިން އާއްމުކޮށްފަވާ 'ވައިޓް ޖިއްދާ'ގެ މަންޒަރެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީ އާއި ލެބެނާންގެ ބެއީރޫތުގައި ވައިޓް ނައިޓް ކްލަބް ހިންގާ ކުންފުނިން ސައޫދީ އަރަބިއްޔާގެ ޖިއްދާގައި 'ހަލާލު ޑިސްކޯ'އެއް ހުޅުވަން ނިންމައިފިއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި މިރޭ (ހުކުރުވިލޭރޭ) ގެ ވަގުތެއްގައި މިތަން ހުޅުވޭނެއެވެ. މިތަން ހުޅުވުމުގެ ހަފްލާގައި ލަވަކިޔަން އެމެރިކާގެ މަޝްހޫރު އާރްއެންބީ ލަވަކިޔުންތެރިޔާ ނެ-ޔޯ ގެންނަން ވަނީ ނިންމާފައެވެ.

އެޑްމައިންޑް ހޮސްޕިޓަލިޓީ ގްރޫޕުން ބުނީ ޖިއްދާ ބީޗް ފްރަންޓުގައި 'ވައިޓް ޖިއްދާ" ގެ ނަމުގައި ހުޅުވާ ޑިސްކޯއަކީ ކެފޭއެއްގައި ހަދާ 'ޑާންސިންގެ ފްލޯއެއް ކަމުގައެވެ. އެތަނުގައި ބަނގުރަލުގެ ބާވަތްތައް ނުވިއްކާނެ ކަމަށެވެ.

ބީބީސީއާ ވާހަކަދައްވަމުން އެ ކުންފުނީގެ ސާޖް ޓްރެޑް ވިދާޅުވީ "އެ ޑިސްކޯ ސައޫދީ ޝަރުއީ ހުރިހާ ގަވާއިދަކަށް ފެތޭނެ" ކަމަށާއި، އެތަނަށް 'ނައިޓް ކްލަބް' ނުކިޔާނެ" ކަމަށާ "އެތަނަށް ކިޔާނީ 'ކެފޭ'" ކަމަށެވެ.

އެޑްމައިންޑުން ބުނެފައިވާ ގޮތުގައި ޖިއްދާގައި ހުޅުވާ ޑިސްކޯ ވެގެން ދާނީ އާއިލާތަކަށް އެކުގައި ދެވޭ "އިހްތިރާމު ލިބިގެންވާ ޑިސްކޯ"އަކަށެވެ. އެންމެ ފަހުގެ އީޑީއެމް (އިލެކްޓްރޯނިކް ޑާންސް މިއުޒިކް)، ކޮމާޝަން މިއުޒިކް، އާރްއެންބީ (ރިދަމް އެންޑް ބްލޫސް) އަދި ހިޕްހޮޕް ފަދަ ޒަމާނީ މިއުޒިކަށް ފައި ހަމަކޮށް އަންހެނުންނަށާއި ފިރިހެނުންނަށް ވަކިން އެތަނުގައި ނެށޭނެއެވެ. ޓިކެޓް އަގު ހުންނާނީ 500 ރިޔާލު (133 އެމެރިކާ ޑޮލަރު) އާއި 1000 ރިޔާލު (375 އެމެރިކާ ޑޮލަރު) އާއި ދެމެދުގައެވެ.

'ހަލާލު ޑިސްކޯ' ޖިއްދާގައި ހުޅުވާ ޚަބަރާއެކު މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނުގެ ވިޝަން 2030 ތަސައްވަރުގައި ވަނީ ސައޫދީ އަރަބިއްޔާއަކީ ދުބާއީ ފަދަ ޒަމާނީ މުނިފޫހިފިލުވުގެ ވަސީލަތްތައް ތަރައްގީކުރެވިފައިވާ ގައުމަކަށް ހެދުން ހިމެނެއެވެ. މި ތަސައްވަރުގެ ދަށުން މިހާރު ސައޫދީ އަރަބިއްޔާގައި ވަނީ ސިނަމާތައް ވެސް ހުޅުވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ނިކަމެތި އަޅާ ހިތަށް އަރަނީ ހަލާލު ޕްރޮސްޓިޓިއުޝަން ފެށުމުގެ ކުރިން ސައުދީގެ އަޚުންގެ ސިކުނޑި ތަޣައްރު ވުމަކީ ރަގަޅު ކަމެކޭ. ﷲއަކްބަރު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.