ހޮންކޮންގުގައި މުޒާހަރާކުރި މީހުންނާއި ފުލުހުން ވަރުގަދަ ކުރިމަތިލުމަކަށް

ހޮންކޮންގުގައި މިއަދު ކުރި މުޒާހަރާގެ މަންޒަރެއް

ހޮންކޮންގުގައި މިއަދު މުޒާހަރާކުރި މީހުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގައި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެއްޖެއެވެ.

ގާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ކައިރިއަށް އެއްވެ އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން ދިޔައީ ކުށްވެރިން ޗައިނާއާއި ހަވާލުކުރުމާ ބެހޭ ބިލަށް މިއަދު ހޮންކޮންގުގެ ގާނޫނުހަދާ މަޖިލިސް، ލެޖިސްލޭޓިވް ކައުންސިލްގައި ބަހުސްކުރަން ހަމަޖެހިފައިވާތީ އެކަން ހުއްޓުވުމަށެވެ. މުޒާހަރާގެ ސަބަބުން މަޖިލީހުގެ ޖަލްސާ މިހާރު ވަނީ ލަސްކޮށްފައެވެ.

ސުލްހަވެރި ގޮތުގައި ފެށި މުޒާހަރާ ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ މުޒާހަރާކުރަމުން ދިޔަ މީހުން މެންދުރުފަހު 3:30 (ރާއްޖޭ ގަޑިން މެންދުރު 12:00) ހާއިރު ލެޖިސްލޭޓިވް ކައުންސިލް ކޮމްޕްލެކްސް ތެރެއަށް ވަންނަން މަސައްކަތްކުރުމުންނެވެ. ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލުކުރުމަށް ރަބަރު ވަޒަނާއި، ކަރުނަ ގޭހާއި، މިރުސް ދުން ބޭނުންކޮށްފައެވެ. ކުރިމަތިލުންތަކުގައި އާއްމުންގެ 70 މީހަކަށް އަނިޔާވެފައިވާއިރު، ފުލުހުން ބުނީ އެމީހުންގެ 21 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

މިއީ 1997 ވަނަ އަހަރު ހޮންކޮންގު ޗައިނާގެ ދަށަށް ދިޔަ ފަހުން ފެނިގެން ދިޔަ އެންމެ ވަރުގަދަ މުޒާހަރާއެވެ. ކުށްވެރިން ޗައިނާއާއި ހަވާލުކުރުމާ ހޮންކޮންގުގެ ގިނަ ބަޔަކު ދެކޮޅެވެ. މުޒާހަރާކުރަން ގިނަ ބަޔަކު ނުކުތީ އެމީހުންގެ އަޑު ނާހައި އެގާނޫނު ފާސްކުރުމާއިގެން ކުރިއަށްދާން ހޮންކޮންގުގެ ސަރުކާރުން ނިންމުމުންނެވެ. މި ހަފުތާގެ ކުރީކޮޅު މިލިޔަނަށްވުރެ ގިނަ މީހުން އެއްވެ އެކަމަށް ގޮވާލުމުންވެސް ހޮންކޮންގުގެ ޗީފް ކެރީ ލޭމް ވިދާޅުވީ އެ ގާނޫނުގެ ބިލް އަނބުރާ ނުނަންގަވާނެ ކަމަށެވެ.

މިއަދުގެ މުޒާހަރާއަށް ފަހު ޓީވީން އިއްވެވި ބަޔާނެއްގައި ކެރީ ވިދާޅުވީ މިއަދު ހިނގީ "ރާވައިގެން ހިންގި ހަމަނުޖެހުންތަކެއް" ކަމުގައެވެ.

"ސުލްހަވެރި މުޖްތަމައަށް ގެއްލުންވާގޮތަށް، ގާނޫނާއި ސުލޫކީ މިންގަނޑުތަކަށް ބެލުމެއް ނެތި ހިންގާ ހަމަނުޖެހުމުގެ ހަރަކާތްތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަނެވޭނޭ ކަމެއް ނޫން." އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.

ހޮންކޮންގަކީ ދާޚިލީ މިނިވަންކަން ދީފައި އޮތް ސަރަހައްދެއް ކަމުގައި ވިޔަސް ޗައިނާގެ މައި ސަރުކާރުން ދަނީ އެތަނުގައި ނުފޫޒު ގަދަކުރަމުންނެވެ. ހޮންކޮންގުގެ ގިނަ ބަޔަކު އެކަމާ ދެކޮޅުހަދައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.