ކުށްވެރިން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމާ ދެކޮޅަށް ހޮންކޮންގުގެ އެތައް ލައްކަ ބަޔަކު މުޒާހަރާކޮށްފި

ހޮންކޮންގުގައި މިއަދު ކުރިއަށް ދިޔަ މުޒާހަރާ

ހޮންކޮންގެ ކުށްވެރިން ޗައިނާއާއި ހަވާލުކުރެވޭ ގޮތަށް އެ އެ ސަރަހައްދުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހާ ދެކޮށް އެތައް ލައްކަ ބަޔަކު މުޒާހަރާކޮށްފިއެވެ. މުޒާހަރާކުރި ފަރާތްތަކުން ދެކޭ ގޮތުގައި ގާނޫނަށް ގެންނަން އުޅޭ އިސްލާހުގެ މަގްސަދަކީ ހޮންކޮންގުގެ ސަރުކާރާ ދެކޮޅު ފަރާތްތައް ޗައިނާއާއި ހަވާލުކުރުމެވެ.

1997 ވަނަ އަހަރު ޗައިނާގެ ދަށަށް ހޮންކޮންގު ދިޔަ ފަހުން ބާއްވާ އެންމެ ބޮޑު މުޒާހަރާ ކަމަށް އިންތިޒާކުރި ފަރާތުން ބުނާ ބިޔަ މުޒާހަރާ ބާއްވާފައި ވަނީ ގާނޫނަށް އިސްލާހު ގެނައުމަށް ހޮންކޮންގުގެ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރިންނެވެ. ހޮންކޮންގުގެ ސަރުކާރުން އުއްމީދުކުރަނީ  މިމަހު 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ތާއީދާއެކު އެ އިސްލާހު ފާސްވެގެން ދާނެކަމުގައެވެ.

މުޒާހަރާ އިންތިޒާމުކުރި ސިވިލް ހިއުމަން ރައިޓްސް ފްރަންޓުން ބުނާގޮތުގައި މުޒާހަރާގައި 1.3 މިލިއަން މީހުން ބައިވެރިވިއެވެ. އެހެންނަމަވެސް ފުލުހުން ބުނިގޮތުގައި މުޒާހަރާގައި ބައިވެރިވެފައި ވާނީ 2 ލައްކަ 40 ހާސް މީހުންނެވެ. އެ ފްރަންޓަކީ ޑިމޮކްރަސީއަށް ތާއީދުކުރަ ތަފާތު ގްރޫޕްތަކުގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.

"ރައްޔިތުން ބާރަކީ ގަދަފަދަ ބާރެއް. އަހަރުމެން ގަބޫލުކުރާ ގޮތުގައި އަހަރުމެން ގިނަ އަދަދަކަށް ނުކުމެ އަހަރުމެން ގަބޫލުކުރާ ގޮތް ބުނުމުން، ބަދަލު ގެނެވޭނެ. މާޒީގައިވެސް އަހަރުމެންނަށް ވަނީ އެކަން ފެނިފައި." މުޒާހަރާގައި ބައިވެރިވި އޮމާނާ ޖޯޖް ބުންޏެވެ.

ހަތް ގަޑިއިރަށް ދެމިގެން ދިޔަ ބިޔަ މުޒާހަރާގެ ސަލާމަތީ ކަންކަން ބަލަހައްޓަން 2 ހާހަށް ވުރެ ގިނަ ފުލުހުން ނެރެފައިވާ ކަމަށް ފުލުހުން ބުނި އިރު ފުލުހުންގެ ވެރިޔާ ވަނީ ރައްޔިތުން ޝުއޫރު ފާޅުކުރުމުގައި މަޑުމައިތިރިކަން އިޚްތިޔާރުކުރުމަށް ގޮވައިލައްވާފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި، ވިޔަފާރިވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވުމާއެކުވެސް ހޮންކޮންގުގެ ޗީފް އެގްޒެކެޓިވް ކެރީ ލޭމް ނިންމަވާފައި ވަނީ ގާނޫނު އިސްލާހުކުރުމާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ އިސްލާހުގެ ސަބަބުން ހޮންކޮންގުގެ ގާނޫނީ ތަންފީޒުކުރުމަށް ހުރަސްއެޅި، ސިޔާސީ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ޗައިނާއަށް ފޮނުވުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

މުޒާހަރާކުރި މީހުން ގޮވަމުން ދިޔައީ "ޗައިނާއަށް ކުށްވެރިން ފޮނުވުމަށް ނޫނެކޭ. ޝައިޠާނީ ގާނޫނަށް ނޫނެކޭ." އެވެ. އަދި މުޒާހަރާގެ ތެރޭގައި ލޭމްގެ އިސްތިއުފާއަށްވެސް ގޮވާފައި ވެއެވެ.

7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ހޮންކޮންގް ސްޕެޝަލް އެޑްމިނިސްޓްރޭޓިވް ރީޖަން އޮފް ޕީޕަލްސް ރިޕަބްލިކް ޗައިނާގެ ގޮތުގައި 1997 ވަނަ އަހަރު ޗައިނާގެ ދަށަށް ދިއުމުގެ ކުރިން އޮތީ އިނގިރޭސިވިލާތުގެ ދަށުގައެވެ. ޗައިނާއާއި އިނގިރޭސިވިލާތުގެ ދެމެދުގައި ހިނގި 'އަފިހުން ހަނގުރާމަ' ނިމިގެން 1842 ވަނަ އަހަރު ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހޮންކޮންގު އިނގިރޭސިންނަށް ލިބުނީއްސުރެ 150 އަށްވުރެ ގިނަ އަހަރު އިނގިރޭސިންގެ ތަނެއްގެ ގޮތުގައި ހޮންކޮންގު އޮތެވެ. އިނގިރޭސިން ހޮންކޮންގުގައި ގެންގުޅުނު މިނިވަން އިގްތިސާދީ ސިޔާސަތު ސަބަބުން އެތަނުން އިނގިރޭސިން ފޭބިއިރު އެތަނަކީ އޭޝިޔާގެ ވިޔަފާރީގެ އެންމެ ބޮޑު އެއް މަރުކަޒެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.