(މިއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީން ލިޔުއްވައި ފޮނުއްވައިފައިވާ ރިޕޯޓެކެވެ.)
މިއަދަކީ ދުނިޔޭގެ އޯޒޯން ދުވަހެވެ. މިދުވަހަކީ، އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުމާއި، އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ދުނިޔޭގެ ހުރިހާ ގައުމުތަކުން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.
މިއަހަރުގެ އޯޒޯން ދުވަހުގެ ޝިއާރަކީ “އޯޒޯން ފަށަލަ ރައްކާތެރިކުރުމާއިި މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ބައިނަލްއަގްވާމީ އެއްބައިވަންތަކަން” މިއެވެ. މިޝިއާރުގެ އަމާޒަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެދުވާ ގުޅުން ފާހަގަކޮށް، މިމައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ގައުމުތަކުން ކުރަންޖެހޭ މަސައްކަތްތަކަށް އަލިއެޅުވުމެވެ.
މިގޮތުން 1987 އިން ފެށިގެން އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް މަދުކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރި މަސައްކަތުން އޯޒޯން ފަށަލާގައި އުފެދިފައިވާ ބާގަނޑު ކުޑަވަމުންދާކަމުގެ ނިޝާންތައް ފަހުގެ އިލްމީ ދިރާސާތަކުން ދައްކައެވެ. މޮންޓްރިއަލް ޕްރޮޓޮކޯލް އަމާޒުކޮށްފައިވަނީ އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް މަދުކުރުމަށެވެ. ނަމަވެސް މިމުއާހަދާގެ ދަށުން ކުރަމުންދާ މަސައްކަތުން މޫސުމަށް ބަދަލު ގެނުވާ ވިހަ މާއްދާތައް ޖައްވަށް ދޫކުރާ މިންވަރު މަދުކުރުމަށް ނުސީދާގޮތުން އެހީތެރިވެއެވެ.
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ކުރެވެމުންދާ މަސައްކަތުގައި ދިވެހިރާއްޖެއަކީ ނަމޫނާ ގައުމެކެވެ. މިގޮތުން ކްލޯރޯ ފްލޯރޯ ކާބަން (ސީ.އެފް.ސީ) ގޭސް ބޭނުނކުރުން ހުއްޓާލުމަށް ގައުމުތަކުން އެއްބަސްވެފައިވާ ތާރީހުގެ ދެ އަހަރު ކުރިން، 2008 ވަނަ އަހަރު ރާއްޖެއިންވަނީ ސީ.އެފް.ސީ ބޭނުންކުރުން ހުއްޓާލައި، މިލަނޑުދަނޑި ހާސިލްކުރި ފުރަތަމަ ގައުމުގެ ޝަރަފު ހޯދާފައިއެވެ. މިއާއި ވިދިގެން، ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރަމުންދާ “ހައިޑްރޯ ކްލޮރޯ ފްލޮރޯ ކާބަން”(އެޗް.ސީ.އެފް.ސީ) ގޭސް ބޭނުންކުރުން ހުއްޓާލުމަށް ޕްލޭންއެއް ރާއްޖެއިންވަނީ އެކުލަވާލާފައިއެވެ. އަދި މިޕްލޭން ފާސްވެ، ތަންފީޒުކުރުމަށް މޮންޓްރިއަލް ޕްރޮޓޮކޯލްގެ މަލްޓިލެޓެރަލް ފަންޑުން އެހީ ލިބުނު ފުރަތަމަ ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރެވެއެވެ. މި ޕްލޭންގެ ދަށުން 2020 ވަނަ އަހަރާ ހަމައިން މުޅި ދިވެހިރާއްޖެެއިން އެޗް.ސީ.އެފް.ސީ ބޭނުން ކުރުން ހުއްޓާލުމަށް ވަނީ އަޒުމް ކަނޑައަޅާފައިއެވެ. މިގޮތުން 2011 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުންވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި މިކަމަށް މަގުފަހިކުރުމުގެ ގޮތުން އެޗް.ސީ.އެފް.ސީ ގޭސް އެކުލެވޭ އާލާތްތައް ރާއްޖެ އެތެރެކުރުން 31 މެއި 2016 އިން ފެށިގެން ވަނީ މަނާކުރެވިފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު އެކަމެއްގެ މައްޗަށް ބިނާވެފައި އޮންނަ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މި ގޭސް ބޭނުން ކުރުން މަދުކުރުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާގައި ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރެވެމުންދާ އެޗް.ސީ،އެފް.ސީ ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން މިދާއިރާގައި މިވަގުތު އެޗް.ސީ.އެފް.ސީ ބޭނުން ކުރާ އާލާތްތައް، އޯޒޯން ފަށަލައަށް ގެއްލުންނުދޭ މާއްދާއަކަށް ބަދަލުކުރުމަށް އެހީތެރިވުމުގެ ގޮތުން މިދާއިރާގައި މަސައްކަތްކުރާ 6 ކުންފުންޏަކަށް ސަރުކާރުންވަނީ މާލީ އެހީ ދީފައެވެ.
އޯޒޯން ފަށަލައަކީ ދުނިޔޭގެ ސަތަހައިން ފެށިގެން 10 ކިލޯމީޓަރާއި 50 ކިލޯމީޓަރާއި ދެމެދުވާ ފަށަލައެކެވެ. ނުރައްކާތެރި “އަލްޓްރާ ވައިލެޓް ޜޭޑިއޭޝަން” އެކުލެވޭ އިރުގެ ދޯދިތައް ބިމާ ހަމައަށް ވާސިލްވުމަށް ހުރަސްއަޅަނީ މި ފަށަލައެވެ. ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަ ކުރަނީ އޯޒޯން ފަށަލަ ރައްކާތެރިކުރުމުގެ މަގުސަދުގައި އެކުލަވާލައި އަމަލުކުރަމުންދާ ބައިނަލްއަގްވާމީ މުޢާހަދާ، “މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޑް ޑިޕްލީޓް ދި އޯޒޯން ލޭއަރ” ގައި ސޮއި ކުރެވުނު ތާރީހާއި ގުޅުވައިގެންނެވެ. މިމުއާހަދާ ތަސްދީގުކޮށްފައިވަނީ 16 ސެޕްޓެމްބަރު 1987 ވަނަ އަހަރުގައެވެ. މި މުއާހަދާއަކީ ތިމާވެށި ހިމާޔަތްކުރުމުގެ މަޤްޞަދުގައި ބައިނަލްއަގްވާމީ ފެންވަރުގައި އެކުލަވާލައި އަމަލުކުރަމުންދާ އެންމެ ކާމިޔާބު، އަދި އެންމެ ގިނަ ގައުމުތަކުން ބައިވެރިވެފައިވާ މުޢާހަދާއެވެ. މި މުޢާހަދާގައި މިހާތަނަށް 197 ގައުމު ބައިވެރިވެފައިވެއެވެ. އަދި މިމުއާހަދާގެ ސަބަބުން އިންސާނުންގެ ސިއްހަތާއި، ގަސްގަހާގެއްސާއި، އެހެނިހެން ދިރޭތަކެއްޗަށް ލިބެމުންދާ ގެއްލުންތައް މަދުކުރުމަށް އެހީއަކަށް ވަނީ ވެފައެވެ. ދިވެހިރާއްޖެއިން މި މުއާހަދާގައި ބައިވެރިވެފައިވަނީ 1989 ވަނަ އަހަރުއެވެ.