
ރިޔާސީ ވަޢުދުތައް ތަންފީޒު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.
ނ. މަނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަޙުމަދު ހާރޫނުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް އެންމެބޮޑަށް މަސައްކަތް ކުރައްވާނީ އެމްޑީޕީ ކެންޑިޑޭޓުން ކަމަށާއި އެޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވައިގެން ގެއްލުން ވުމުގެ ބަދަލުގައި ވާނީ ފައިދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީ، އެމްއާރުއެމް، ޖޭޕީ އަދި ޢަދާލަތު ޕާޓީގެ ވަރަށްބޮޑު ތާއީދާއެކުގައެވެ. އެހެންނަމަވެސް މަޖިލީސް އިންތިޚާބުގައި އެމްޑީޕީން ވަކީން ނުކުތުމުން ޕާޓީތަކުގެ މެދުގައިވަނީ ނުތަނަވަސްކަން އުފެދިފައެވެ. ރައީސް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަކީ ތަފާތު ޚިޔާލުތަކުގެ މީހުންނާއެކު މަސައްކަތް ކުރެއްވޭނެ ބޭފުޅެއް ކަމަށާއި ސިޔާސީ ގޮތުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވި އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ނުވާނެކަމަށެވެ.
މިދަތުރުފުޅުގައި ރައީސް މަނަދޫ ހޮސްޕިޓަލަށް ވަޑައިގެން ބަލި މީހުންނާ ބައްދލު ކުރައްވައި ޙާލު އަޙުވާލު ބައްލަވައިފައެވެ.