ބޮޑެތި ޚިޔާނާތްތަކާއި ބައެއް މަރުތަކުގެ ފަހަތުގައި ވާކަމަށް ތުޙުމަތު ކުރެވޭ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަދިން މައްސަލަގައި ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގައި ބަހުސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމްއެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކުރީ 56 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. މައްސަލަޔާ ދެކޮޅަށް ދެ މެމްބަރުން ވޯޓް ދެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް އަދީބު ރާއްޖެއިން ބޭރަށް ގޮސް ފިލިޔަ ނުދިނުމަށް އެޅިފައިވާ ފިޔަވަޅުތައް އޮޅުން ފިލުވުމަށް ވެސް ކުއްލި މައްސަލައިގައި ހުށަހަޅުއްވައިފައި ވެއެވެ. އަޙުމަދު އަދީބަކީ އަފްރާޝީމް ޢަލީ މަރާލުމުގަ އާއި ކުރީގެ ނޫސްވެރިޔާ ރިލްވާން ގެއްލު ވާލި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ވަގަށް ރާއްޖެއިން ބޭރަށް ފުރުވާލުމަށްވެސް އަދީބު މެދުވެރި ވެފައިވާކަމަށް ކުއްލި މައްސަލައިގައި ތުހުމަތު ކުރައްވައިފައެވެ. މައްސަލައިގެ ބަހުސް ގައި މީކާއީލް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި މަރުތަކުގެ ކޮމިޝަނަށް އަދީބު ހާޒިރުކޮށް ބަޔާންނަގައިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
ކުއްލި ގޮތަކަށް އަދީބުގެ މައްސަލަތައް ކޯޓުން ނިންމަވައިފައި ވުމާއި އަދި ޗުއްޓީގައި ހުންނެވި ހައިކޯޓްގެ ފަނޑިޔާރަކު މައްސަލަ ބައްލަވައި 77 މިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައިން ވެސް އޭނާ ބަރީއަ ކޮށްފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި މާދަމާއިން ފެށިގެން މިނިވަން ވެގެންދާއިރު ކުއްލި ގޮތަކަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދެއްވުމަކީ މަޖިލީހުގެ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމެއްކަމަށް ދެކެވަޑައި ގަންނަވާކަމަށް ވިދާޅުވިއެވެ.
އަދީބު ރާއްޖެއިން ބޭރަށް ފުރުވާލުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށާއި އޭނާ ފިލައިގެން ގޮސްފިނަމަ ތުޙުމަތު ކުރެވޭ މަރުގެ މައްސަލަތަކުގެ ހަޤީގަތް ނުހޯދޭނެކަމަށް މީކާއީލް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރ އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ އަދީބުގެ މައްސަލައަކީ ހުރިހާ ކަމަކަށްވުރެ އިސްކޮށް މިވަގުތު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރައްވަންޖެހޭކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމުގައެވެ. އަދީބު ރާއްޖެއިން ބޭރަށް ފުރުވާލުމަކީ ޤައުމީ ސަލާމަތައް ނުރައްކާވާނެކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވެސް ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެންބަރު އަދި ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މުޤައްރަރު އިބްރާހީމް ޝަރީފު ވިދާޅުވީ ކުއްލި ޖަލްސާއެއް ބާއްވާ ހާޒިރު ކުރަން ޖެހޭ އެންމެހާ ފަރާތްތައް ހާޒިރުކޮށް އެމައްސަލައިގައި ސުވާލު ކުރައްވާނެކަމަށެވެ. އަދި ކިތަންމެ ބޮޑު ކުށްވެރިއެއް ކަމުގައި ވިއަސް ރާއްޖެއިން ލިބެން ނެތް ފަރުވާ ރާއްޖެއިން ބޭރުންވިޔަސް ލިބެންޖެހޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. ޖަލު ތަކުގެ އޮޑިޓް ރިޕޯރޓްގެ ބަހުސްގައިވެސް މެމްބަރުން އެކަން ފާހަގަކޮށްފައިވާކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ.
ކުށްވެރިއެއްކަމުގައި ވިއަސް ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް ރާއްޖެއިން ފަރުވާހޯދަން ޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.
އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދަ ދިނުމާ ގުޅިގެން ބާއްވާ ޤައުމީ ސަލާމަތާބެހޭ ކޮމެޓީގެ ބައްދަލުވުމެއް މިއަދުގެ 11:30 ށް ވަނީ ތާވަލް ކުރައްވައިފައެވެ.