ކަޝްމީރުގައި ކުޑަ އަންހެން ކުއްޖެއްގެ އިއްފަތް ފޭރުމަށް ފަހު މަރާލި 3 މީހަކު އުމުރަށް ޖަލަށް

އާސިފާ ބާނޫގެ އިއްފަތް ފޭރުމަށް ފަހު މަރާލުމުގައި އިސްކޮށް ހުރި ސަންޖީރާމް. އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައި

ކަޝްމީރުގެ އިންޑިޔާ ފަޅީގެ ކަތުއާގައި 8 އަހަރުގެ މުސްލިމް އަންހެން ކުއްޖެއްގެ އިއްފަތް ފޭރުމަށް ފަހު މަރާލި މައްސަލައިގެ ހުކުމް އިންޑިޔާ ކޯޓަކުން ރޭ އިއްވައިފިއެވެ.

ޕަޓާންކޯޓުގެ ސްޕެޝަލް ކޯޓުން ވަނީ 3 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އެއީ، ސަންޖީ ރާމް، ދީޕަކް ކަޖޫރިޔާ އަދި ޕަރްވޭޝް ކުމާރެވެ. އަދި ތިލަކް ރާޖް، އާނަންދް ދައްތާގެ އިތުރަށް ސުރެންދަރް ވަރްމާ 5 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހު ކަތުއާގެ ރަސާނާ އަވަށުގައި އާސިފާ ބާނޫގެ އިއްފަތް ފޭރުމުގެ ކުށުގައި އުމުރަށް ޖަލަށްލާން ހުކުމްކުރި ސަންޖީ ރާމަކީ އަވަށުގެ ވެރިޔާ އަދި ރެވެނިއު އޮފިޝަލަށް ވުމުގެ އިތުރަށް އަންހެންކުއްޖާގެ އިއްފަތް އެތަނެއްގައި ފޭރިގަތް ފައްޅި ބަލަހައްޓަން ހުރި މީހާއެވެ. ދީފަކު ކަޖޫރިޔާއަކީ އަކީ ސްޕެޝަލް ޕޮލިސް އޮފިސަރެކެވެ. ޕަރްވޭޝް ކުމާރަކީ އެކަމުގައި ބައިވެރިވި އާއްމު މީހެކެވެ. މިމައްސަލައިގެ މުހިއްމު ހެކިތަކެއް ނައްތާލުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލާން ހުކުމްކުރި ޕޮލިސް ކޮންސްޓެބްލް ތިލަކް ރާޖްއާއި ސަބް އިންސްޕެކްޓަރު އާނަންދް ދައްތާއަކީ މައްސަލަ ތަހުގީގުކުރި ދެ ފުލުހުންނެވެ. އަދި ސުރެންދަރް ވަރްމާއަކީ ސްޕެޝަލް ޕޮލިސް އޮފިސަރެކެވެ.

ގާތް ގަނޑަކަށް އަހަރަކަށް ދިގުދެމިގެން ދިޔަ މި މިމައްސަލައިގައި، މިކަމުގެ މުގުލުގައި ހުރި ސަންޖީ ރާމްގެ ދަރި ވިޝާލް ޖަންގޯތުރާ ކުށްވެރިނުވާކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.

އުމުރަށް ޖަލަށް ލާން ހުކުމްކުރި ތިން މީހުންގެ މައްޗަށް ދައުލަތުގެ ޕްރޮސެކިއުޓަރުން އެދުނީ މަރުގެ ހުކުމް އިއްވުމަށެވެ. އެހެންނަމަވެސް، ކޯޓުން ހުކުމްކުރީ ތިން މީހުން އުމުރަށް ޖަލަށްލުމުގެ އިތުރަށް ކޮންމެ މީހަކު އެއް ލައްކަ ރުޕީސް (1440 އެމެރިކާ ޑޮލަރު) އިން ޖުރުމާނާ ކުރުމަށެވެ. އުމުރު ދުވަހުގެ ޖަލު ހުކުމުގެ މުއްދަތަކީ 25 އަހަރެވެ.

'ކަތުއާ އިއްފަތް ފޭރުމުގެ މައްސަލަ'އިގެ ގޮތުގައި މުޅި އިންޑިޔާއަށް މަޝްހޫރުވެ، އެކަންކުރި ބަޔަކު ހޯދައި އަދަބު ދިނުމަށް މުޅި އިންޑިޔާގައި އިހުތިޖާޖުތައް ކުރިއަށް ދިޔަ ޖަރީމާ ހިންގާފައި ވަނީ ކަޝްމީރުގެ ކަތުއާ ސަރަހައްދުގެ ރަސާނާ އަވަށުގެ ކުޑަ ފައްޅިއެއްގައެވެ. 2018 ޖަނަވަރީ މަހު 10 ވަނަ ދުވަހު އުމުރުން އެންމެ 8 އަހަރުގެ އާސިފާ ބާނޫ ވަގަށް ނެގުމަށް ފަހު ފައްޅިއަށް ގެންގޮސް 4 ދުވަސް ވަންދެން ހޭނައްތާފައި ބާއްވައިގެން އެ ކުއްޖާގެ އިއްފަތް ފޭރުނެވެ. އެ ކުއްޖާ ރަހުމްކުޑަ ގޮތަކަށް މާރާލުމަށް ފަހު ޖަންގަލީގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިފައި ވަނީ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ކުރެވުނު ދައުވާގައި ބުނެފައި ވަނީ، އިއްފަތް ފޭރުމުގެ މި އަމަލަކީ އެ ސަރަހައްދު ދޫކޮށްދާން މުސްލިމުންނަށް މަޖުބޫރުކުރުމުގެ މަގްސަދުގައި ކުރިން ރާވައިގެން ހިންގާފައިވާ އަމަލެއް ކަމުގައެވެ.     

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.