(މިއީ މީގެ ފަނަަރަ ވަަރަކަށް އަހަރު ކުރީން އާފަތިސް ނޫހުގައި ޝާއިއު ކުރި ކޮލަމެކެވެ.)
އަފްޣާނިސްތާނުގެ ރޭޑިއޯ އިސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހަކާ މީގެ ހައެއްކަ އަހަރު ކުރީން އަޅުގަނޑާ ބައްދަލުވިއެވެ. އަފްޣާނިސްތާނަކީ ސާރކަށް އަލަށް ވަން ޤައުމަކަށް ވާތީ، އޭނާ ދިޔައީ ސާރކްގެ އެހެން ޤައުމުގެ މީސްމީހުންނާ ވާހަކަ ދައްކައި މަޢުލޫމާތު އޮޅުންފިލުވަމުންނެވެ. (އަޅުގަނޑާ އޭނާޔާ ބައްދަލުވީ ތާނގައި ސާރކްގެ އަށް ޤައުމުގެ މީހުން ތިއްބެވެ.
ދިވެހިރާއްޖެޔާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވުމުގެ ގޮތުން އޭނާ ކުރި އެއް ސުވާލަކީ ރާއްޖޭގެ އާބާދީއަކީ ކޮބައިތޯ ކުރި ސުވާލެވެ. ރާއްޖޭގައި އުޅެނީ ހަތަރު ލައްކައެއްހައި މީހުންނޭ ބުނީމާ އޭނާ ޙައިރާން ވިއެވެ. އަދި ހީނގެންފައި ބުންޏެވެ.
ކަލޭމެންގެ ނަސީބު ވަރަށް ރަނގަޅެވެ. އަހަރެމެންގެ ގައުމުގައި ހަރުބަހެއް އޮވެއެވެ.
"ކުކުޅު މަދުވީ ވަރަކަށް ގުއި މަދުވާނެއެވެ."
މިހެން ބުނެފައި އޭނާ އެ ހަރުބަސް އަޅުގަނޑަށް ޝަރަހަކޮށް ދިނެވެ. އޭނާ ބުނި ގޮތުގައި އޭގެ މާނައަކީ މީހުން މަދުވީ ވަރަކަށް މައްސަލަތައް މަދު ވުމެވެ.
އަޅުގަނޑު ވިސްނައިލީމެވެ. މި ހަރުބަހާއި ރާއްޖެއާ ހުރީ ކިހައި ވަރެއްގެ ގުޅުމެއް ބާވައެވެ؟ ރާއްޖޭގައި މީހުން މަދުވީމާ މައްސަލަތައް މަދު ބާވައެވެ؟
ހަމަ ގައިމުވެސް އަޅުގަނޑަށް ރާއްޖެއިން ފެންނަނީ މި ހަރުބަހާ ފުށުއަރާ ކަހަލަ މަންޒަރުތަކެކެވެ. ރާއްޖޭގައި ކުކުޅު މަދުވިޔަސް ގުއި މަދު ކަމަކަށް ނުފެނެއެވެ. އެއް ގޮތަކުން ބަލާއިރު ކުކުޅު ކިތަންމެ މަދަސް ރާއްޖެއަކީ ގުއި ގިނަ ތަނަކަށް ވާނެ ކަމަށް ފެނެއެވެ.
ރާއްޖޭގެ ސާނަވީ ސްކޫލެއްގެ މުދައްރިސަކު ވަޒީފާއިން ވަކި ކުރީމާ އެ ސްކޫލްގެ ކުދިން މުޒާހަރާ ކުރިއެވެ. އެ މުޒާހަރާގައި ބައިވެރިވެ، މައްސަލަ އިތުރަށް ހޫނުކުރުމުގެ ގޮތުން ބައެއް ސިޔާސީ ޕާޓީތަކުގެ މީހުން ސްކޫލް ދޮށަށް އައިސް ހަޅޭއްލެވިއެވެ. ސްކޫލްކުދިންގެ ކުރިމަތިން ސްކޫލްގެ އެސިސްޓަންޓް ޕްރިންސިޕަލް ނުކުމެވަޑައިގަތީމާ އޭނާގެ ގަޔަށް އަތްލައި ގަމީސް ވީދައި ހެދިއެވެ. އެތަނަށް އެއްވި ޢާއްމުންނަކީ ބެލެނިވެރިން ކަމަށް ޚަބަރު ލިބުނެވެ. އެއިން އެކަކަށްވެސް ކުދިން ގާތު، ކަލޭމެންގެ ކަމަކީ ކިޔެވުމޭ މުޒާހަރާ ކުރުމެއް ނޫނޭ، ކަލޭމެންގެ މުދައްރިސުންނާއި އެހެނިހެން ކަންތައް ހަމަޖައްސަން މަސައްކަތް ކުރާނީ އަހަރެމެންނޭ، ކަލޭމެން ގެއަށް ދާށޭ ނުބުނެއެވެ. ކުދިންނަށް އެދުވަހު ބެލެނިވެރިން ނަގައިދިނީ ވަރަށް ނުބައި ފިލާވަޅެކެވެ.
ރާއްޖޭގައި ކުކުޅު މަދުވީމާ ގުއި އެބަ މަދުވޭތޯއެވެ؟
ރާއްޖޭގައި "ފަތްބޯ" ކުދިން ދަނީ ގިނަވަމުންނެވެ. އެކަން ހުއްޓުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އެއް ބަޔަކު އަނެއް ބަޔަކު ބަދުނާމު ކުރުން އަޅުގަނޑުމެން ވަނީ އާދަޔަކަށް ހަދާފައެވެ. މައިންބަފައިން އެމީހުންގެ ތަރުބިއްޔަތުގެ ޒިންމާ އަދާނުކުރެވުނު ކަމަކަށް ގަބޫލެއް ނުކުރެއެވެ. ޓީޗަރުން އެމީހުންގެ އުނގަންނައިދިނުމުގެ ޒިންމާ އަދާނުކުރެވުނު ކަމަކަށް ގަބޫލެއް ނުކުރެއެވެ. ސަރުކާރުން އެމީހުންގެ ފިޔަވަޅު އެޅުމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވުނު ކަމަކަށް ގަބޫލެއް ނުކުރެއެވެ.
ރާއްޖޭގައި ކުކުޅު މަދުވީމާ ގުއި އެބަ މަދުވޭތޯއެވެ؟
ދީނުގެ ނަމުގައި ހަރުކަށި ޚިޔާލު ނެރެގެން އުޅޭ މީހުން ދީން ރަނގަޅަކަށް ނުދަނެއެވެ. ދީން އެނގިގެން ދީނުގައި އުޅެން އަންގާފައިވާ ގޮތަށް އުޅޭ ހެޔޮ މުސްލިމުން ހަރުކަށިކަމެއް ނުދައްކައެވެ. އެކަމަކު އަޅުގަނޑުމެން މީޑިއާއިންނާއި، ދެންވެސް އަޑެއް އޮތް އެންމެން ވެގެން މިދެބައި މަސްހުނިކޮށް އޮޅުވާލައިފިއެވެ. ނަތީޖާއަކީ ޖިހާދުގެ ނަމުގައި ވިޔާނުދާ ޢަމަލުތައް ހިންގުމާއި ތެދުވެރި ތަގުވާވެރި މުސްލިމުން ބަދުނާމު ވުމެވެ. ޢިލްމުވެރިން ޖާހިލުންނަށް ހަދައި ޖާހިލުން ޢިލްމުވެރިންނަށް ހަދަން ފެށުމެވެ.
ރާއްޖޭގައި ކުކުޅު މަދުވީމާ ގުއި އެބަ މަދުވޭތޯއެވެ؟
ކަނޑައެޅިގެން ޤާނޫނާ ޚިލާފުވުމާއި، އަމުރަށް ނުކިޔަމަންތެރިވުން އެއީ އާދައަކަށް ވެއްޖެއެވެ. މީގައި ކުޑައެއް، ބޮޑެއް ނެތެވެ. އަމުރެއް ކުރާ ކޮންމެ މީހަކީ ނުބައި މީހެކެވެ. އެމީހަކާ ޒުވާބުކޮށް ދެކޮޅުވެރިވާ މީހަކީ ބަޠަލެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޖަލްސާއެއް އޮތް ދުވަހަކު އެތާނގައި ހިނގި ހަމަނުޖެހުމެއް މައިތިރި ކުރަން އައި ފުލުހުން ބައެއް މީހުން ހައްޔަރު ކުރިއެވެ. އެތާނގައި އާފަތިހުގެ ސީނިއަރ އެސިސްޓަންޓް އެޑިޓަރ މޫނިސާ ޢީސާ ހުންނެވިއެވެ. ހައްޔަރު ކުރި ކުދިންގެ ތެރެއިން އެއް ކުއްޖަކީ މޫނިސާ ދަންނަ ރައްޓެއްސަކަށް ވާތީ ކިހިނެއްވީތޯ އޭނާޔާ ސުވާލު ކުރިއެވެ. މޫނިސާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ބުންޏެވެ. "އަހަރެން މިއަދު ވަރަށް ބޮޑަށް އުފާ ވެއްޖެއެވެ." އާދެ، އެކި ކަންކަމުގައި ފުލުހަށް ގެންދިއުމަކީ މިހާރުގެ ބައެއް ޒުވާނުން ފަޚުރުވެރިވާ ކަމެކެވެ. އުފާކުރާ ކަމެކެވެ.
ރާއްޖޭގައި ކުކުޅު މަދުވީމާ ގުއި އެބަ މަދުވޭތޯއެވެ؟
މިހާރުގެ ދުނިޔެއަކީ މީސްމީޑިއާއެވެ. އެ ދުނިޔޭގައި ނޫޅޭ މީހަކީ މަރުވެއްޖެ މީހެކެވެ. ޝަރީޢަތް ހިނގަނީ އެ ދުނިޔޭގައެވެ. ފައިސަލާ ކުރަނީ އެ ދުނިޔޭގައެވެ. ތަހުގީގު ކުރަނީ އެ ދުނިޔޭގައެވެ. އެ ދުނިޔޭގެ ރައްޔިތެއްގެ ނަން ގެންފި މީހަކަށްވެސް ސަލާމަތެއް ނޯންނާާނެއެވެ. އެމީހަކު ކިނބި ހިންޏަކަށް ހަދާފައި ނޫނީ ދުލެއް ނުކުރާނެއެވެ.
ރާއްޖޭގައި ކުކުޅު މަދުވީމާ ގުއި އެބަ މަދުވޭތޯއެވެ؟
މިހެން ގޮސް ދައްކާފައި ނުދައްކާނޭ ވާހަކައެއް ނެތެވެ. ބެލި ކޮންމެ ދިމާއަކުން މައްސަލައެވެ. ހައްލެއް ހޯދައިދޭން އުޅޭ މީހަކު ނުފެނެއެވެ. ރަނގަޅު ގޮތް ކިޔައިދޭ މީހަކު ނުފެނެއެވެ. ރާއްޖެ އޮވެގެން ކުރިއަށް އެބަދާކަމަށްވެސް ކިޔައެވެ. ދަނީ ކޮން ދިމާއަކަށްތޯ ބަލާ މީހަކު ނެތެވެ.
ރާއްޖޭގައި ކުކުޅު މަދުވިޔަސް ގުއި ގިނައެވެ. އެއީ ކީއްވެގެންތޯއެވެ؟ އޭގެ ކިތަންމެ ސަބަބެއް އެބަހުއްޓެވެ. ކުކުޅުތަކަށް ދޭ ކާނާ ނުބައިވުމުގެ ސަބަބުން ބޭރަށް ހިންގަން ފަށައިފި ނަމަ ގުއި ގިނަވާނެއެވެ. ގުއި މަދުކުރަން ބޭނުމިއްޔާ ކުކުޅަށް ދޭ ކާނާ ރަނގަޅު ކުރަން އެބަޖެހެއެވެ. ކުކުޅުތައް ރަނގަޅަށް ބަލަހައްޓަން އެބަޖެހެއެވެ. ބައެއް ކުކުޅަށް ގަދަނުވާ ކަހަލަ ބަލިޖެހުހުނީމާ ދެން ހުރި ކުކުޅުތަކުގެ ސަލާމަތަށްޓަކައި އެކުކުޅުތައް ކޮށިކޮށްޓަށް ލައި ބަންދު ކުރަން އެބަޖެހެއެވެ. ކުކުޅުތައް ގެންގުޅޭ މާޙަވްލުވެސް ރަނގަޅު ކުރަން އެބަޖެހެއެވެ. ކޮށިތައް ދެރައިއްޔާ ކޮށި ރަނގަޅު ކުރަން އެބަޖެހެއެވެ. ކުކުޅު ގެންގުޅޭ މީހުންވެސް ވިސްނުންތެރިކަމާއެކު ކުކުޅު ގެންގުޅެވޭތޯ ބަލަން އެބަޖެހެއެވެ.
އެހެންނޫނީ ކިތަންމެ ކުކުޅު މަދަސް، ގުއި މަދެއް ނުކުރެވޭނެއެވެ.