މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިނަދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މަސްތުވާތަކެތީގެ ވިޔަފާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.
ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ގެއަކަށްވަދެ އެ ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މި މީހުންގެ ތެރެއިން 30 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އަދި 26 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެކޮޓަރީގެ ފާހާނާތެރެއިންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުން އެވަގުތު ތިބި ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރީ ފާހާނާތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި ސެލޯފިންކޮޅެއްގެ އިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ޕެކެޓެއް ފެނިފައިވެއެވެ. މީގެއިތުރުން 30 އަހަރުގެ މީހާ ބަލައިފާސްކުރިއިރު އޭނާގެ އަތުން ގިނަ ޢަދަދެއްގެ ދިވެހި ރުފިޔާވެސް ފެނިފައިވެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.