
ހުޅުމާލޭ ރީތިގަސް މަގުން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް އެމަގުގެ ވާތްފަރާތުގައި ހުރި ގަހެއްގައި ޖެހި ކާރަށް ބޮޑެތި ގެއްލުން ވެއްޖެއެވެ.
މި އެކްސިޑެންޓުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 4:41 އެހައިކަންހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން މަޢުލޫމާތު ދެއްވިއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ޑްރައިވަރަށް ނިދިޖެހިގެން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެކްސިޑެންޓް ހިނގި ވަގުތު އެސަރަހައްދުގައި އިތުރު ވެހިކަލެއް ނެތް ކަމަށް މަންޒަރުދުށް މީހުންނާ ޙަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓުގައި ވަނީ ކާރުގެ ކުރީކޮޅު ވަރަށްބޮޑަށް ހަލާކުވެ އިންޖީންއެތެރެއަށް ވަދެފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓުވީއިރު ކާރުގައި ތިބީ ޑްރައިވަރާއި ޗައިނާގެ އަންހެނަކާއި ފިރިހެނެކެވެ. އެކްސިޑެންޓުގައި ޑްރައިވަރުގެ މެއަށް ތަދުވެފައިވާ ކަމަށާއި އަނެއް ދެމީހުންގެ އަތަށާއި ފަޔަށް ތަދުވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.