ސައިކަލެއްގެ ފުރޮޅުގައި ހެދުން އޮޅުނު އަންހެނަކަށް އަނިޔާވެއްޖެ

ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުމުގެ ފަސްބައި ސައިކަލުގެ ފޮރޮޅުގައި އޮޅި ހިނގި އެކްސިޑެންޓެއްގައި އެމީހާއަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓަށްފަހު އޭނާ މިހާރުވަނީ ފަރުވާދިނުމަށް ހޮސްޕިޓަލަށް ފޮނުވާފައި ކަމަށެވެ. މިހާދިސާގައި އޭނާގެ އަތަށާއި ފަޔަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް ސައިކަލް ދުއްވަންއިން ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިރޭ 8:18 އެހައިކަންހާއިރު މާލޭ ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ.

މިހާދިސާ ހިގުމުން އެވަގުތު އެމަންޒަރު ފެނުނު މީހުންއައިސްވަނީ ސައިކަލު ފުރުޅުގައި އޮޅިފައިވާ ހެދުން ނައްޓާލައި އަންހެން މީހާ ސަލާމަތްކޮށްފައެވެ. ހެދުން ނައްޓާލެވުނީ ބައިބަޔަށް ކަފާލައިގެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިހާދިސާއަށްފަހު އެ މީހާ ހޮސްޕިޓަލަށް ފޮނުވާފައިވަނީ ޓީޝާޓެއް ލައްވައިފައެވެ.

އޭނާ ލައިގެންހުރީ އެއްކޮށްއޮތް ދިގުހެދުމެކެވެ.  ދިގުހެދުން ލައިގެން ސައިކަލް ފަހަތަށްއަރާ އަންހެނުން ފުރުޅުގައި ހެދުން ނޯޅޭނެ ގޮތަށް ސަމާލުވެ ތިބުމަށް ފުލުހުންވަނީ އިލްތިމާސް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.