އާފަތިސް ބަދިގެ: ގެރި މަހު ބިރިޔާނީ

ބޭނުންވާނެ ބާވަތްތައް:

100 މިލިލީޓަރު ފުލްކްރީމް ކިރު

1 ސައިސަމުސާ ކުކުން (ސެފްރޯން)

1 ކިލޯ ގެރި މަސް، ކިއުބްސް ގޮތަށް ކޮށާފައި

4 ފިޔާ

4 ލޮނުމެދު

25 ގުރާމު އިނގުރު ރާޅުކޮށް ކޮށާފައި

2 ރަތް މިރުސް، ކޮށާފައި

5 ކަރަންފޫ

2 ސައިސަމުސާ ދިރި

2 ސައިސަމުސާ ކޮތަނބިރި

1 ¼ އިންޗި ފޮނިތޮށި

12 ކާފޫރުތޮޅި

2 ½ ސައިސަމުސާ ލޮނު

½ ތަކޫވައް، ގާނާފައި

135 މިލިލީޓަރު ސަންފްލާވަރ ތެޔޮ

200 މިލިލީޓަރު ޔޯގަޓު

2 ބޭ ލީވްސް

2 ސައިސަމުސާ ހަކުރު

325 ގުރާމު ބާސްމަތީ ހަނޑޫ

4 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް

50 ގުރާމު ބަޓަރު

ސާވްކުރުމަށް ބޭނުންވާނެ ތަކެތި:

50 ގުރާމު މޭބިސްކަދުރު

40 ގުރާމު އަލްމަންޑް

3 ކުކުޅު ބިސް

އަސޭމިރުސް

ކޮތަނބިރި ފަތް

ތައްޔާރުކުރާނެ ގޮތް:

ކުޑަ ތެއްޔަކަށް ކިރާއި ކުކުން އެޅުމަށްފަހު ހޫނު ކުރާށެވެ. ދެން އުނދުންމަތިން ބޭލުމަށްފަހު 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ބަހައްޓާށެވެ ބޮޑަށް ރަނގަޅީ 12ގަޑިއިރު ބެހެއްޓުމެވެ.

ގެރި މަސް ސާފުކުރުމަށްފަހު ހަފައިލެވޭވަރަށް ކޮށާށެވެ. ދެން އުނދުންމައްޗަށް ތަވައެއް އުދައި ދެ މޭޒުމަތީ ސަމުސާ ތެޔޮ ހޫނުކުރާށެވެ. ލޮނުކޮޅަކާއި އަސޭމިރުހާއެކު ގެރި މަސް ސީޒަންކުރާށެވެ. ދެން ހޫނުމިން މަޑުގިނީގައި ބަހައްޓައިގެން ބޭރު ރަނގަޅަށް ރޯފިލަންދެން ފުށުން ޖަހަމުން ތެލުލާށެވެ. އެއަށްފަހު ބޮޑު ތެއްޔަކަށް ހުސްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ.

ގެރިމަސް ތެލުލާން އުދާފައި ފިޔާ ކޮށާށެވެ. ފިޔައާއި ލޮނުމެދާއި މިރުސް އަދި އިނގުރު ކޮށުމަށްފަހު ބައި ޖޯޑު ފެން އަޅައިގެން ބްލެންޑަރުން ހިމުންކޮށް ފުނޑާށެވެ.

ދެން ކަރަންފޫ، ދިރި، ކޮތަނބިރި، ފޮނިތޮށި، ދޮޅު ސަމުސާ ލޮނު އަދި ކާފޫރުތޮޅީގެ އޮށް ހިމުންކޮށް މުގުރާށެވެ. ދެން އޭގެ ތެރެއަށް ތަކޫވައް އެއްކުރުމަށްފަހު ފިޔާ ގަނޑުގެ ތެރެއަށް އަޅައި ހުރިހާ ބާވަތެއް ރަނގަޅަށް އެއްކުރާށެވެ.

ދެން ގެރިމަސް ތެލުލީ ތަވައަށް އިތުރު ތިން ސަމުސާ ތެޔޮ އެޅުމަށްފަހު ހޫނުމިން މަޑުގިނީގައި ބަހައްޓައިގެން ތައްޔާރުކުރި ޕޭސްޓު ތެލުލާށެވެ. ދިހަވަރަކަށް މިނެޓު ހޫނުކުރުމަށްފަހު ގެރި މަސްހުރި ތެއްޔަށް އަޅާށެވެ. ދެން އޭގެ ތެރެއަށް ޔޯގަޓާއި ދެ ޖޯޑު ފެނާއި ބޭ ލީވްސް އެއްކުރާށެވެ. ދެން މަޑުގިނީގައި ކައްކާށެވެ. ދެން ހޫނުމަޑުކުރުމަށްފަހު ދޮޅުގަޑިއިރު މަތިޖަހައިގެން ކައްކާށެވެ. ދޭތެރެއަކުން ހަލުވައިލާށެވެ. ދޮޅުގަނޑިއިރުވާއިރު ގެރި މަސް ހުންނާނީ މަޑުވެފައެވެ.

ތެލީގެ މަތި ނަގައި އޭގެ ތެރެއަށް ހަކުރު ކޮޅު އަޅާށެވެ. އަދި ހޫނު ގަދަ ކުރުމަށްފަހު ދިހަ މިނެޓު ކައްކާށެވެ. ދެން ލޮނު ރަހަ ހެޔޮވަރުކުރާށެވެ. ބޭނުން ނަމަ އަސޭމިރުސް ކޮޅެއް ވެސް އަޅާށެވެ.

ދެން ތަތްނުލަވާ ތަވައެއްގައި އަލްމަންޑް ރޯސްޓުކުރުމަށްފަހު 4 މިނެޓު ނުވަތަ 6 މިނެޓު އުނދުންމަތީގައި ބަހައްޓާށެވެ. ދެން އޭގެ ތެރެއަށް ހިކި މޭބިންކަދުރާ އަޅައި ކުޑަކޮށް ހޫނުކުރާށެވެ. ދެް އުނދުންމަތިން ބޭލުމަށްފަހު ހިހޫކުރަން ބަހައްޓާށެވެ.

ބާކީ އިތް ދެ ފިޔާ ތުނިކޮށް ކޮށާށެވެ. ދެން ފިޔާ މީރުކުރާށެވެ.

އެއަށްފަހު 180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރާށެވެ.

ބޮޑުތެއްޔެއްގެ ދެބައިކުޅަ އެއްބަޔަށް ފެން އަޅާށެވެ. އަދި ލޮނު ސަމުސަލެއް އަޅައިގެން ކައްކާށެވެ. ހަނޑޫ ދޮވެފައި ކެކި ހުރި ފެނުގެ ތެރެއަށް އަޅައި ފަސް މިނެޓު ކައްކާށެވެ. ދެން ފެން އޮއްސާލުމަށްފަހު ކޮތަނބިރި ފަތް އަޅާށެވެ.

ގެރި މަހުގެ ދެބައިކުޅަ އެއްބައި އަވަންޕްރޫފް ތަށްޓަކަށް އަޅާށެވެ. ގެރި މަހުގެ މަތިން ހަނޑުލުގެ ފަށަލައެއް ލާށެވެ. އަދި އޭގެ މައްޗަށް ކިރާއެކު ކުކުން ކޮޅެއް އޮއްސާލާށެވެ. އޭގެ މަތިން ފިޔާ ފަށަލައެއް ލާށެވެ. އަނެއްކާވެސް ގެރިމަހުގެ ފަށަލައާއެކު ބަތް، ފިޔާ، ކުކުން ފަށަލައެއް ލާށެވެ. ދެން ތަށީގެ މަތީގައި ފޮއިލް އަޅައި ބަންދުކޮށް ބައިގަޑިއިރު ފިހެލާށެވެ.

ދެން ބިސް ކެއްކުމަށްފަހު ކޮންމެ ބިހެއް ހަތަރުފަޅި ކުރާށެވެ.

އަވަނުްނ ތަށި ނެގުމަށްފަހު ފޮއިލް ނަގާށެވެ. އަދި އުލަކުން ކުޑަކޮށް ބަތްގަނޑު ހާވައިލާށެވެ. ދެން މަތީގައި ބިސް އަތުރައި، ރޯސްޓުކުރި އަލްމަންޑާއި ހިކިމޭބިސްކަދުރުން ގާނިޝްކުރާާށެވެ. އަދި ކޮތަނބިރި ފަތްކޮޅެއް ވެސް މައްޗަށް ބުރުވައިލާށެވެ.

މި ރެސިޕީ އިން 6 މީހަކަށްވާ ވަރަށް ބިރިޔާނީ ތައްޔާރު ކުރެވޭނެއެވެ. ކައްކަން ހޭދަވާނީ ދޮޅުގަޑިއިރެވެ. އެއްރޭ ކުރިން ކުކުން ތައްޔާރުކުރެވިދާނެއެވެ.

މިއީ ޑޭވިޑް މާޔާރސް އަދި ސައިމަން ކިންގް ގެ ރެސިޕީ އެކެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.