އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިލޭ އެހީގެ ތެރެއިން، ބ. ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ފޮރިން މިނިސްޓްރީން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފެހެންދޫގެ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ފެހެންދޫގެ ސްކޫލް ބަންދުކުރުމާ ގުޅިގެން، ފެހެންދޫގެ ކިޔަވާކުދިން ތައުލީމު ޙާސިލު ކުރުމަށް ދަނީ އެރަށާއެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގައި ކަމަށާއި، މިވަގުތު އެކުދިން ދަތުރު ކުރަމުންދާ ޑިންގީ ހަމަޖައްސާފައި ވަނީ ފެހެންދޫ ކައުންސިލާއި ދަރިވަރުންގެ ބެލެނިވެރިން ގުޅިގެން ކަމަށެވެ.
"އެހެންނަމަވެސް މިހާރު ބޭނުން ކުރަމުންދާ ޑިންގީ ބާވެ، ހަލާކުވަމުން ދިއުމާއެކު ދަރިވަރުންގެ ކިޔެވުމަށް ބުރޫ އަރާފާނެ ކަމަށް ބެލެވެއެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފެހެންދޫ ކިޔަވާ ކުދިން ގޮއިދޫއަށް ތައުލީމް ޙާސިލު ކުރުމަށް ގޮސް، އައިސް އުޅުމަށްޓަކައި އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މިޕްރޮޖެކްޓުގެ ދަށުން މިމައްސަލައަށް ދާއިމީ ރަނގަޅު ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ސްކޫލަށް ދެވޭނެ މަގު ފަހިވެގެން ދާނެކަމަށެވެ.
ފެހެންދޫ ކައުންސިލުންވެސް ދާދިފަހުން ވަނީ އެރަށު ކިޔަވާކުދިން ގޮއިދޫއަށް ދާންޖެހޭ ދަތިޙާލަތު ސަރުކާރުގެ އެންމެ އިސްވެރިންގެ ސަމާލު ކަމަށް ގެނެސްފައެވެ. އެގޮތުން ފެހެންދޫ ކައުންސިލް މެމްބަރުން ވަނީ ހުސްވި އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙްއާވެސް ބައްދަލު ކުރައްވާފައެވެ. ރައީސް އޮފީހުގައި އޮތް އެބައްދަލު ކުރެއްވުމުގައިވެސް ފެހެންދޫ ކައުންސިލު މެމްބަރުންގެ ފަރާތުން ރައީސަށް ހުށަހެޅުއްވި އެންމެ ބޮޑު ކަމެއްގެ ގޮތުގައި ވެގެންދިޔައީ އެރަށު ކިޔަވާކުދިން ގޮއިދޫއަށް ކުޑަކުޑަ ޑިންގީއެއްގައި ބެލެނިވެރިންނާއެކު ދަތުރު ކުރަންޖެހިފައި އޮތް ދަތި ޙާލަތެވެ. އެ ބައްދަލު ކުރެއްވުމުގައި ފެހެންދޫ ކައުންސިލް މެމްބަރުންނަށް ރައީސް ވަނީ އެކަމުގައި ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ފެހެންދޫ ސްކޫލް ބަންދު ކުރުމާއި ގުޅިގެން އެރަށުގައި ދިރިއުޅޭ ކުދިންގެ ތެރެއިން ގޮއިދޫ ސްކޫލަށް ކިޔަވަންދާ ކުދިން ކުޑަ ޑިންގީއެއްގައި ދަތުރުކުރާތާ މިހާރު ވަނީ އެތައް ދުވަހެއް ވެފައެވެ. މި ޑިންގީއަކީ ހިޔާވެސް ނުކޮށް އޮތް ވަރަށް ކުޑަ ޑިންގީއެކެވެ. އެހެންވެ ހޫނު ދުވަހެއް ވިޔަސް ވިއްސާރަ ދުވަހެއް ވިޔަސް ފެހެންދޫ ކުދިންނާއި ބެލެނިވެރިންނަށް މަޖުބޫރު ވެފައި ވަނީ މި ޑިންގީގައި ކޮންމެ ދުވަހަކު ގޮއިދޫއަށް ދަތުރު ކުރުމެވެ. މިކަމަށް ރަނގަޅު ޙައްލެއް ލިބޭތޯ ފެހެންދޫ ކައުންސިލާއި ބެލެނިވެރިން ދަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.