ބަރަކާތްތެރި ރަމަޞާން މަހަށް ފަހު އީދު ދުވަހުގެ ކުރިން ދޫކުރަން އޮންނަ މިއަހަރުގެ ފިތުރު ޒަކާތް މިއަދު ރާއްޖޭގައި ދޫކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތް މިއަދު ރާއްޖޭގެ ރަށްރަށުގައި ދޫކުރަން ފެށިއިރު މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުން ޒަކާތް ދޫކުރާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއިން ކަމަށެވެ.
މާލޭގައި ޒަކާތް ދޫކުރަމުން އަންނަނީ ދެތަނަކުންނެވެ. އެއީ އިސްލާމީ މަރުކަޒުންނާއި އަރަބިއްޔާ ސްކޫލުންނެވެ. އިސްލާމީ މަރުކަޒުން ދޫކުރަމުން އަންނީ ފައިސާގެ ގޮތުގައި ދޫކުރާ ޒަކާތެވެ. އަރަބިއްޔާ ސްކޫލުން ދޫކުރަނީ ގޮދަނުގެ ގޮތުގައި ދޫކުރާ ޒަކާތެވެ.
މާލޭގައި ޒަކާތް ދޫކުރަން ފެށީ މިއަދު ހެނދުނު 9:30 ގައެވެ. ގިނަ އަދަދެއްގެ ބަޔަކު ވަނީ ފިތުރު ޒަކާތް ލިބިގަތުމަށް އެތަންތަނަށް ގޮސްފައެވެ. މާލޭގައި ޒަކާތް ދޫކުރާނީ 9:30 އިން 12:00 އަށް، 12:45 އިން 15:30 އަށް، އަދި 21:00 އިން 23:00 އަށެވެ.
އެންމެ ފަހުން ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ ލިސްޓުގައިވާ ފަރާތްތަކަށް ޒަކާތް ދޫކުރަމުން އަންނައިރު ޒަކާތް ބަލައިދާން ޖެހެނީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ހިފައިގެންނެވެ. އެގޮތުން އައިޑީ ކާޑު ނުވަތަ އުފަން ދުވަހުގެ ސެޓްފިކެޓް ނުވަތަ ޕާސްޕޯޓުވެސް ގަބޫލު ކުރާނެއެވެ.
މިއަހަރު ޒަކާތް ނަގާފައި ވަނީ މިއަހަރު ރަމަޞާން މަހު އެބަޔަކު އާންމުކޮށް ކެއުމަށް ބޭނުންކުރި ގޮވާމުގެ ބާވަތް ތަކުގެ ތެރެއިން 2.4 ކިލޯ ގެ މިންވަރެވެ. އާދައިގެ ހަނޑުލުން ޒަކާތް ނެރެން އިސްލާމިކް މިނިސްޓްރީން ހަމަޖެއްސީ ބޮލަކަށް 15 ރުފިޔާއެވެ. ތައިލެންޑު ހުދު ހަނޑުލުން ބޮލަކަށް 45 ރުފިޔާއެވެ. ބާސްމަތީ ހަނޑުލުން ބޮލަކަށް ޖެހެނީ 95 ރުފިޔާއެވެ. ރަތް ހަނޑޫ (ބްރައުން ރައިސް) އިން ނަމަ ބޮލަކަށް ޖެހެނީ 75 ރުފިޔާއެވެ. އާދައިގެ ގޮދަން ފުށުން ނަމަ 15 ރުފިޔާއެވެ. އާޓާ ފުށުން ނަމަ ބޮލަކަށް ޖެހެނީ 60 ރުފިޔާއެވެ.