މިފަހަރު ބޮޑު ޢީދުނަމާދު ބޮޑުޖަމާޢަތުގައި!

މިފަހަރުގެ ޢީދުނަމާދު މާލޭގެ މާފަންނު ސްޑޭޑިއަމުގައި ބޮޑު ޖަމާޢަތުގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ބޮޑު ޖަމާޢަތުގެ އިންތިޒާމު ހަމަޖައްސަވާފައިވާގޮތަށް ބަލާއިރު، ޖަމާޢަތަށް ހާޒިރުވާ ފިރިހެނުން ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ނަމާދުކުރުމަށް އިންތިޒާމުކުރެވިފައިވާއިރު، އަންހެނުން ތިބުމަށް ހަމަޖެހިފައިވަނީ ޓާފް ދަނޑާ އިންވެގެން އޮންނަ ފުޓްސަލް ކުޅޭ ސަރައްދުގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މަޢުލުމާތުދެއްވައެވެ.

މީގެ އިތުރުން ނަމާދަށް ދާ އަންހެނުން ކަނޑައެޅިފައިވާ ސަރަހައްދަށް ވަނުމަަށް ހާއްސަ ގޭޓުތަކެއް ކަނޑައަޅާފައި ހުންނާނެކަމަސްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި އެވަގުތަކީ ކުޑަކުދިންނާއެކު ގިނަ ޢަދަދެއްގެ ބަޔަކު އެސަރަޙައްދަށް ޖަމާވާނެ ވަގުތަކަށް ވާތީ، ޓްރެފިކްގެ އުނދަގުލުން ސަލާމަތް ވުމަށް ފައިމަގުގައި ޢީދުނަމާދަށް ދިޔުމަށް އެދޭ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ބޮޑު ޖަމާޢަތުގައި ހާމަ މައިދާނެެއްގައި ޢީދުނަމާދުކުރުމަކީ ސުންނަތެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ފަހަކަށް އައިސް ދިވެހިންގެ ބޮޑު މަޤުބޫލުކަމެއް މިކަމަށް ވަނީ ލިބިފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް މިސުންނަތް ތަންފިޒުކުރުމަށް މަސައްކަތްކުރާތަން ފެނެއެވެ.

އެހެންނަމަވެސް މިދިޔަ ކުޑައީދު ނަމާދު މާލޭގައި، ހާމަ މައިދާނެއްގައި ކުރެވޭގޮތެއް ނުވިއެވެ. ވިއްސާރަ ވުމުގެ ސަބަބުން މިދިޔަ ކުޑައީދުގެ ބޮޑު ޖަމާޢަތް ބޭއްވީ އިސްލާމީ މަރުކަޒުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.