ލޭމަދުވުމުގެ މައްސަލަ ދިމާވޭތަ؟

ލޭމަދުވުމަކީ ކޮބާ؟

ލޭމަދުވުމަކީ ހަށިގަނޑަށް ބޭނުންވާ ކާނާއާ ގުޅޭގޮތުން ރާއްޖޭގައި މީހުންނަށް ދިމާވާ އެންމެ ޢާއްމު އެއް މައްސަލައެވެ. 2003 ވަނަ އަހަރު ހެލްތް މިނިސްޓްރީން ކޮށްފައިވާ ސާރވޭއަކުން ދައްކަގޮތުގައި %55 މާބަނޑުމީހުންގެ ލޭ މަދުކަމަށް ފާހަގަކުރެވެއެވެ. މިކަން މިހެންދިމާވަނީ ދަގަނޑުގެބައި މަދުވުމުންނެވެ. މީގެއިތުރުން ހަށިގަނޑުގައި ލޭ ދައުރުކުރާ ސެލްގެ ބައްޓަމަށް އައިސްފައިހުންނަ އައިބަކުންވެސް ހަށިގަނޑުގައި ލޭ މަދުވާން ދިމާވެދާނެއެވެ. (މިސާލަކަށް ތެލްސީމިއާ ބަލި މީހުންނާއި ތެލްސީމިއާބަލި ވާރުތަކުރާގޮތް ހުންނަ މީހުން)

ލޭގައި ދަގަނޑުގެބައި މަދުވެއްޖެނަމަ ހަށިގަނޑަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ހަށިގަނޑުގައި ދައުރުކޮށެއްނުދޭނެއެވެ. އެހެންނަމަވެސް ފުރިހަމައަށް މަސައްކަތްކުރުމަށްޓަކައި ހަށިގަނޑަށް އޮކްސިޖަން ބޭނުންވެއެވެ.

ލޭމަދުވުމުން މީހާގެ ގައިގެ ވަރުދެރަވެ ހަކަތަނެތިދަނީ އެހެންވީމައެވެ.

ގައިގެ ލޭ މަދުކަން ދެނެގަތުމަށް އަމިއްލަށް ބެލިދާނެ އެއްގޮތަކީ، ލޮލުގެ ތިރީކައިރީގައި އިނގިލިޖައްސާފައި ތިރިއަށް ދަމާލުމެވެ. އެހެން ހެދުމުން ލޮލުގެ އެތެރެއިން ފެންނަން ހުންނަބައިގެކުލަ ރަތްކުލައިގެ ބަދަލުގައި ވަރަށް ހުދުކޮށް ނުވަތަ ފިޔާތޮށި ކުލައެއްގައި ހުރެއްޖެނަމަ ލޭ މަދީއެވެ.

 

ޢާއްމުކޮށް ލޭމަދުވާކަމަށް ފާހަގަވަނީ ކޮންބައެއްގެ؟

މާބަނޑު މީހުން، ބުރަމަސައްކަތްކުރާ މީހުން، ހަތަރުފަސް އަހަރުގެ ކުޑަކުދިން.

 

ލޭމަދުވުމަކީ ސިއްޙީގޮތުން އެހާ ނުރައްކާތެރި މައްސަލައަކަށްވަނީ ކީއްވެ؟

ދަގަނޑުގެބައި ކާނާއިން ނުލިބޭނަމަ ހެދިބޮޑުވުމަށް މައްސަލަ ޖެހޭނެއެވެ. ލޭ މަދުވެފައިވާ މީހަކަށް އެންމެފުރިހަމައަށް އޭނާގެ މަސައްކަތެއް ނުކުރެވޭނެއެވެ.

މާބަނޑު ދުވަސްވަރު އެހެންދުވަސްވަރާ ޚިލާފަށް ލޭގައި ދަނގަނޑުގެބައި މަދުވުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެއިތުރުން ލޭ މަދުނަމަ (ބަނޑުބޮޑު މީހަކު) ބަނޑުގައިވާ ދަރިފުޅު ހެދިބޮޑުވާން ބޭނުންވާ ވަރަށް ހަކަތަ ލިއްބައި ނުދެވޭނެއެވެ. މައިމީހާގެ ހަށިގަނޑު ދެރަވެ ވަރުބަލިވެ އެކިއެކި ބަލިތައް ޖެހުމާ ގާތްވާނެއެވެ.

އެހެންވެ މާބަނޑު ދުވަސްވަރު ލޭގެ ސެލް އިތުރުކުރުމަށާއި، ރަޙިމް ވަރުގަދަކުރުމަށާއި މަސްއުފެއްދުމަށް އަދި ކުޑަދަރިފުޅުގެ ލޭ ހިނގާ ނިޒާމު އުފެދުމަށް ދަގަނޑުގެބައި އިތުރަށް ބޭނުންވެއެވެ. ލޭ މަދުވެފައިވާ އަންހެނުންނަށް ވިހެއުމުގެ ތެރޭގައި ނުރައްކާތެރިގޮތްތައް ދިމާވުން ވަރަށް ގާތެވެ. އޭގެތެރޭގައި މަސްތުރަނުވުން، ވެހެއުމުގެތެރޭގައި ގިނައިން ލޭފޭބުންފަދަ ފުރާނައަށް ނުރައްކާވާ ކަންކަން ހިމެނެއެވެ. ލޭމަދުމައިން ވިހާ ދަރިފުޅު ވިހެއުމުގެތެރޭގައި މަރުވުމަކީވެސް ވަރަށް ގާތް ކަމެކެވެ.

 

ލޭމަދުވުމުން ރައްކާތެރިވާނީ ކިހިނެތް؟

ޢާއިލާގެ ހުރިހާ މެމްބަރުންވެސް ދަގަނޑުގެބައި ހުންނަ ކާނާ އެކަށީގެންވާ މިންވަރަށް ކާންޖެހެއެވެ. "ދަގަނޑު މުއްސަނދި ކާނާ" ކެއުމުން ލޭމަދުވުމުން ވަރަށް ފަސޭހައިން ރައްކާތެރިވެވިދާނެއެވެ. އަދި ފަނިވުމުން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން، ލޭމަދުވުމުން ރައްކާތެރިވުމަށް ވަރަށް މުހިންމުވާނެއެވެ.

 

ހަނދާން ބަހައްޓަންޖެހޭ ބައެއްކަންކަން:

  • ލޭމަދުވުމަކީ ވަރަށް ފަސޭހައިން ރައްކާތެރިވެވިދާނެ ކަމެއްކަން.
  • ދަގަނޑުގެބައި މުއްސަނދި ކާނާ ކެއުމަށް ސަމާލުކަން ދިނުން.
  • ފަނިވެއްޖެނަމަ އެކަމަށް ފަރުވާ ހޯދުން.
  • މާބަނޑުމީހުން ޤަވާއިދުން ޑޮކްޓަރަށްދެއްކުން.

 

ފަރުވާއަކީ ކޮބާ؟

ލޭމަދުވާކަމަށް އަމިއްލައަށް ލަފާކުރެވޭނަމަ ނުވަތަ އެކަމުގެ އިޙުސާސް ކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ. އަދި ދަނގަޑުގެބައި ގިނައިން ހުންނަ ކާނާ ބޭނުންކުރާށެވެ.

ކާނާގެ އިތުރުން ދަގަނޑުގެބައި ލިއްބައިދޭ ބޭސް ބޮޑެތިމީހުންނާ ކުޑަކުދިންނަށްވެސް، ޚާއްސަކުރެވިފައި ހުރެއެވެ. އެހެންނަމަވެސް އެމީހަކަށް ބޭނުންވަނީ ކޮންބާވަތެއްގެ ބޭހެއްތޯ ދެނެގަތުމަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމުކަމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.