ސްކޫލްކުރިން އެންމެ އިސްކަމެއް ދޭންވީ އަޚުލާގަށް – ޑރ.ޝަމީމް

މުޖުތަމަޢު އިސްލާޙުކުރުމަށްޓަކައި ސްކޫލްތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރުން ރަނގަޅު އަޚުލާގެއްގެ މަތީގައި ބިނާކުރަންޖެހޭކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝަމީމް ވިދާޅުވީ ސްކޫލުތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރަކީ މުޖުތަމަޢަށް ފައިދާހުރު ޤައުމަށް ވަފާތެރި ބަޔަކަށް ވާންޖެހޭކަމަށާ، އެކަން ކުރުމަށް ރަނގަޅު ހަރުދަނާ އަޚުލާޤެއްގެ މުހިންމުކަން ވަރަށް ބޮދުކަމަށެވެ.

މަޖީދިއްޔާ ސްކޫލުގެ ތާރީޚަށް ބައްލަވައިލައްވައި ވާހަކަފުޅުދައްކަވަމުން، ޑރ.ޝަމީމް ވިދާޅުވީ އެންމެފުރަތަމަ އެސްކޫލުގައި ކިޔަވައިދިން މާއްދާތަކައި، ފޮތްތަކުގައި އަޚުލާޤަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާފައިވާކަމަށެވެ. އެގޮތުން ކުރިން މަދީއްޔާ ސްކޫލުގައި ކިޔަވައިދެއްވި ފޮތެއްކަމަށްވާ، މުޙަންމަދު އަމީން ލިއުއްވާފައިވާ ހަރުދަނާ "އަޚުލާގެއް ލިބިގަންނާނީ ކިހިނެތް؟" މި ފޮތް ޝަމީމްވަނީ ރޭޖެ ޖަލްސާގެ ހާޒިރީންނަށް ދައްކަވާލައްވާފައެވެ. އަދި އެފޮތުގައި އަޚުލާޤާމެދު ލިޔުއްވާފައިވާ ފިލާވަޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

ރޭޖެ ޖަލްސާގެ ޙާޒިރީންނަށް އިސްކޫރެއް ދައްކަވާލައްވަމުން މިސާލުދައްކަވައި، ޝަމީން ވިދާޅުވީ ދަރިވަރުން ވާންވަނީ އިސްކުރެއްފަދަ އެއްޗކަށް ކަމަށެވެ. އިސްކުރުގެ ވަށައިގެން ހުރި ތްރެޑްތައް ރަނގަޅަށް އިސްކޫރުގައި ހަރުލާފައި ހުންނަ އެއްޗަކަށް ވާން ޖެހޭ ކަމަށާ، އެއަށް ކަނޑައެޅިފައިވާ ގޮތް އެގެންގޮތަކަށް ހަރުކުރަން އުޅެފިނަމަ އިސްކުރު ހަލާކުވާނެކަމަށެވެ.

އިސްކޫރަކީ ތަކެތި ވެސގުޅުވައި ބާރުކުރުމަށް ބޭނުންކުރާ އެއްޗެއްކަމަށާ އިސްކޫރެއް ފަދައިން ރަނގަޅު ކުއްޖަކު ސްކޫލުތަކުން ނުކުމެއްޖެނަމަ މުޖުތަމައު އެކުވެރިކުރުވާ ހަރުދަނާ ޝަޚުސިއްޔަތަކަށް އެއްކުއްޖާ ވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.