(25 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ބޮޑެތިމީހުންނޭ ކިޔަނީ އެ ގަހެއްގެ ގޮފިގަނޑުގައި ކަލޭ ކަހަލަ ދަރިން އަޅައި ދޮންވެ ފައްކާވާ ގަހުގެ ގަސްގަނޑަށް."
ކުއްލިއަކަށް ރޫޕުވަތީގެ ހުނުން ހުއްޓުނެވެ. އޭނާ ރުޅިއައިސްފައި ޚޫރުޝީދާ ދިމާއަށް ބަލަމުން ބުންޏެވެ.
"އާނ. ދޮންވެ ފައްކާވާނެ. އަދި ފައްކާވީމާ މޭވާއެއް ހެން ބާޒާރަށް ގެންގޮސް ވިއްކައިލާނެ. އަހަރެން މި ދުނިޔޭގެ ހުރިހައި ބޮޑެތި މީހުންނާއި މުސްކުޅީންނަށް ނަފުރަތުކުރަން. އަހަރެން ގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރު އަހަރެންގެ އިއްޒަތް ލޫޓުވައިލެވުނު އިރު އަހަރެންގެ ބައްޕަ އަހަރެން ސަލާމަތްކުރާކަށް ނައި. އަހަރެން ކަލާ ކަހަލަ މުސްކުޅީންނަށް މާފެއް ނުކުރާނަން. އަހަރެން... އަހަރެން..."
ވާހަކަ ފުރިހަމައެއް ނުވިއެވެ. އެ ގޮތަކީ ޚޫރުޝީދު ބަލްގުރާމީ ބޯއަނބުރައިގަތެވެ. އޭނާ ހުރި ގޮތަށް ހުއްޓައި ކުރިއަށާއި ފަހަތަށް އަރިއަޅައިލިއެވެ. ދެން ރޫޕުވަތީ ގައިގައި ޖެހުނެވެ. އޭނާ ކޮންބޮޑުވެފައި ފަހަތަށް ޖެހުނެވެ. ޚޫރުޝީދަށް އެހީއެއް ނުލިބުމުން ބިންމައްޗަށް ވެއްޓުނެވެ. އޭނާގެ ހަށިގަނޑު ތުރުތުރުއަޅައެވެ. ހީވަނީ އެތެރެއަށް ބިންހެލުމެއް އައިސްފައި ވާ ހެންނެވެ. އޭނާ ތުރުތުރުއަޅައަޅައި އޮތް އަތް ރޫޕުވަތީއާ ދިމާއަށް އުފުލައިލައިފައި ބުންޏެވެ.
"މާ. މާ. މާޖިދާ! ކަލާނގެ ގަންދެން. ކަލޭގެ އިއްޒަތާ ދިމާއަށް އުފުލޭ ކޮންމެ އަތެއް އަހަރެން ކަނޑައިފައި އެއްލައިލާނަން. އެކަމަކު އަހަރެން ހުރީ ފުލުސް އޮފީހުގައި ބަންދުކޮށްފައި. އެ ތަނުން ބޭރަށް ނުކުތް އިރު ވަގުތު ފާއިތުވެއްޖެ. އަހަންނަށް މާފުކުރޭ. މާފުކުރޭ ދަރިފުޅާ..."
ރޫޕުވަތީއަށް އޭނާގެ އެންމެ ފަހު ލަފުޒު އަޑެއް ނީވުނެވެ. "ދަރިފުޅާ" މި ލަފުޒު އޭނާގެ ކަންފަތާ ހަމައަކަށް ނުފޯރިއެވެ. އެ ގޮތަކީ އޭރު ކޮޓެޖު ބޭރުން ހިންމަތު ރާއޯ އޭނާއަށް ގޮވަނީއެވެ.
"ރޫޕުވަތީ! ކަލޭ ތިޔަ އުޅެނީ މި ތާނގައިތަ؟"
އޭނާ އަވަހަށް އެނބުރިފައި ބޭރަށް ނުކުތެވެ. ޚޫރުޝީދު ބަލްގުރާމީ ހިތުގައި އެއް އަތްއަޅައިފައި ތުރުތުރުއަޅަމުން އަނެއް އަތުގެ އެހީގައި ތެދުވަން މަސައްކަތްކުރަން ފެށިއެވެ. ބޭރުން ހިންމަތު ރާއޯގެ އަޑު އިވުމުން، އޭނާގެ ކުރިމަތީގައި ހުރީ މާޖިދާ ނޫންކަމާއި ރޫޕުވަތީ ނަމަކަށް ކިޔާ އަންހެނެއްކަން އެނގުނެވެ. އެކަމަކު އޭނާ ހުރީ މާޖިދާގެ ހުރިހައި ސިފައެއް ވަގަށްނަގައިގެންނެވެ. އޭނާ ޚޫރުޝީދަށް ބުނަމުން ގެންދިޔައެވެ.
"ބައްޕާ! އަޅުގަނޑު އަމިއްލައަށް މަރުނުވި ނަމަ މިއަދު ދެވަނަ ރޫޕުވަތީއެއް ހުރީސް. އެ ގޮތަކީ އަންހެނަކު އެއް ފަހަރު ވެސް ލޫޓުވައިލެވިއްޖެ ނަމަ ތަކުރާރުކޮށް ލޫޓުވުމަށް މަގުފަހިވެގެން ދާނެ. ފުރަތަމަ ފަހަރު ބައްޕަ ހުންނެވީ ފުލުސް އޮފީހުގައި. ދެ ވަނަ ފަހަރު ބައްޕަ އަޅުގަނޑާ ދުރަށް އެހެން ތާކަށް ފޮނުވައިލާނެ. ކުރިމަތިވެގެން އަންނަ ބައެއް ހާލަތްތައް އިންސާނާއަށް މަޖުބޫރުން ޣޭރަތްތެރިކަން ދޫކޮށްލާހައި ލަދުކުޑަވާނެ.
މި ދުނިޔޭގެ ކޮންމެ ގައުމެއްގައި، ކޮންމެ ރަށެއްގައި، ކޮންމެ ދެ ވަނަ ތިން ވަނަ ގޯޅިއެއްގައި ރޫޕުވަތީއަކާއި މާޖިދާއެއް އުޅޭނެ. އޭނާ އެއް ތަނެއްގައި އަމިއްލައަށް މަރުވެއްޖެ ނަމަ އަނެއް ތަނެއްގައި ދިރިހުންނާނެ. އަޅުގަނޑުގެ ބައްޕަގެ ތަހުޒީބަށް އަނގައޮރިކުރަންވެގެން ސިނގިރެޓުދުން ފޮނުވަމުން ގެންދާނެ. އަޅުގަނޑު ދިރިހުރި ނަމަ ބައްޕަ ކުރައްވާނީ ކީއްތޯ؟ އަޅުގަނޑުގެ ކަރުގައި ހިއްޕަވާނީތޯ؟ ނޫނީ މޭގައި ޖައްސައިލައްވައިފައި ކަޅު ތަހުޒީބުގެ އަނދިރީގެ ތެރެއިން ދަތުރުކުރައްވާނީތޯ؟ ބައްޕަ ކުރައްވާނެ ކަމެއް ކުރައްވާ. އަޅުގަނޑު މާޖިދާ، މިހިރީ ރޫޕުވަތީގެ ގޮތުގައި ދެ ވަނަ ފަހަރަށް އައިސް..."
އޭނާ އިން ތަނުން ތެދުވެފައި ބަލައިލިއެވެ. ރޫޕުވަތީ ފެންނާކަށް ނެތެވެ. މާޖިދާއެކޭ އެއްފަދައިން ގެއްލުނެވެ.
މިހާރު އެ ދުންތަރި މީހުންގެ ލޯތަކަށް ފޮރުވޭ ވަރެއް ނުވެއެވެ. ފަލަކިއްޔާތުގެ މާހިރުން ބޮޑެތި ހުރިހައި ގައުމުތަކަށް ރިޕޯޓު ދިނެވެ. އެ ދުންތަރި ބައިނަލްއަގުވަމީ ޑޭޓާ ލައިނުގެ މި ފަރާތަށް 21 ޑިސެންބަރުގެ ހަވީރު، ޑޭޓާ ލައިނުގެ އަނެއް ފަރާތަށް 22 ޑިސެންބަރުގެ ހަވީރު ދެ ތިން ސިކުންތަށް މީހުންގެ ލޯތަކަށް ފެންނާނެއެވެ. ދެން ބިމުގެ ދައުރުވުމުގެ ސަބަބުން ލޯތަކަށް ގެއްލޭނެއެވެ.
މި ރިޕޯޓުގެ ކުރިން ސިއްރުން ކުދިބޮޑު ހުރިހައި ގައުމުތަކުގެ ސަރުކާރަށް އެންގިއެވެ. އަށާވީސް ޑިސެންބަރަކީ މި ދުނިޔޭގެ ފަހު ދުވަހެވެ. އެއްވެސް މީހަކު ފުރާނައައިގެން ސަލާމަތްވެދާނެ ކަމުގެ އުންމީދު އޮތީ ނަމަކަށެވެ. މި ކަން އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެނގިއްޖެ ނަމަ އެ ގައުމެއްގައި ފިތުނަފަސާދަ އުފެދޭނެއެވެ. މީސްތަކުންގެ ފުށުން މޮޔަ ހަރަކާތްތައް ފެންނާނެއެވެ. އެހެންކަމުން ފުލުހުންނާއި ސިފައިން ސަމާލުކޮށްފައި ބައިތިއްބުމަށް އަމުރުކުރުން ހުށްޓެވެ. މީސްތަކުން ގާނޫނަށް ބޯލެންބުމަށް ކުރެވެން ހުރި ހުރިހައި ތަދުބީރެއް ކުރުން ހުށްޓެވެ.
އަށާރަ ޑިސެންބަރާ ހަމައަށް ހުރިހައި ގައުމުތަކެއް ބޯގަތައިލައިގެން ވިސްނަމުން ގެންދިޔައެވެ. ރޭވުންތައް ރާވަމުން ގެންދިޔައެވެ. އެއަށް ފަހު ހުރިހައި ގައުމެއްގެ ނޫހުގައި ކުރު ޕެރެގުރާފެއް ޖެހުމަށް ހުއްދަ ދިނެވެ. ދުންތަރިއެއް ބިމާ ދިމާއަށް އެބަ އާދެއެވެ. އެ ތަރިއާ ބެހޭ ގޮތުން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އާންމު ރައްޔިތުންގެ ތެރޭގައި ކުރިއްސުރެން ވަނީ ނޭނގޭ ނުތަނަވަސްކަމެއް ވެރިވެފައެވެ. މި ކުޑަކުޑަ ޚަބަރުން މުޅި ދުނިޔެ ސިއްސުވައިލިއެވެ. ނޫސްތަކުގެ ޚާއްޞަ މަޒުމޫނު ޖެހުމެއް ސަރުކާރުން މަނައެއް ނުކުރެއެވެ. އެ ފަދަ މަޒުމޫނުތަކުގައި ދުންތަރިއާ ބެހޭ އާންމު މައުލޫމާތާއި އެތައް އަހަރެއްގެ ތާރީޚު ބަޔާންކޮށްފައި ހުއްޓެވެ.
ނުހަނު ފަރުވާތެރިކަމާ އެކު ރޭވުންތައް ރޭވި އިރުވެސް އެއް ކަމެއް އަތްދަށުންދިޔައެވެ. މައުލަވީންނާއި، ޕަންޑިތުންނާއި، ފާދިރީންނާއި، އެހެނިހެން ދީންތަކަށް މަގުދައްކާ މީހުން ގިޔާމަތުގެ ބިރުދައްކައި ފާފަވެރީންނަށް ލާނެތްދީ އިންޒާރުކުރަން މީސްތަކުންގެ ތެރެއަށް ނުކުންނާނެ ކަމާ މެދު އެ މީހުން ވިސްނައިފައެއް ނެތެވެ. ވިހި ޑިސެންބަރުގައި މިސްކިތްތަކާއި ފައްޅިތައް ފުރިގެން ދިޔަ މިންވަރުން ގިޔާމަތުގެ ކުރިން އަލުން އަޅުކަންކުރާނެ ތަންތަން އެ މީހުންނަށް ހެދުމުގެ ވަގުތު ފާއިތުވިއެވެ.
މައުލަވީން މީހުންނާ ސުވާލުކުރިއެވެ. "މިހާރު ދެން ތިޔަ އައީ ކީއްކުރަން؟ މިހާރު ކަލާނގެ މަތިން ހަނދާންވީ ކީއްވެގެން؟ ފާފައިގެ އަނދިރީގައި މަގު ގެއްލިފައިވާ މީހުންނޭ! މިހާރު ކަލޭމެންގެ އިބުރަތްހުރި ނިމުން ކަލޭމެންގެ ކުރިމައްޗަށް އެބަ އާދޭ."
ދީނުގެ ޢިލްމުވެރީން ތިބީ ހިމޭނުންނެވެ. އެ ގޮތަކީ ފޮތްފަތުގައި ބަޔާންކޮށްފައި ހުރި ގިޔާމަތުގެ އަލާމާތްތަކެއް އަދި ފާޅެއް ނުވެއެވެ. ކޮންމެވެސް ވަރަކަށް ދިމާވާ ހަމައެކަނި ކަމަކީ އިންސާނުން ބޮލުން ފެށިގެން ފައާ ހަމައަށް ފާފައަށް ގެނބިގެންދާނެ ކަމަށް ބުނާ ބުނުމެވެ. ބިމަށް ފާފައިގެ ބުރަ ބަރުދާސް ނުކުރެވޭނެކަމަށް ބުނާ ބުނުމެވެ. އެކަމަކު ބިން އަދި ގެންދަނީ އެ ކަން ބަރުދާސްކުރަމުންނެވެ. އެހެނީ މާޖިދާ ފަދައިން މޫނު ފޮރުވައިގެން ދުނިޔޭގެ މީސްތަކުންނަށް ލަދުގެ މާނަ ވިސްނައިދޭ ކިތަންމެ އަންހެންކުދީންނެއް އެބަ ތިއްބެވެ. ޝަންކަރު ފަދައިން ފާފަވެރި ބައްޕައަށް ޓަކައި އަމިއްލަ ހިތުން ލޭ އޮހޮރުވައިލައި، ލޯބިވެރިޔާގެ ގުޅުން އުވައިލައި، އަމިއްލަ ހިތުގައި ކެތްތެރިކަމުގެ ސިލުޖަހައި "މަންމައަށް ސަލާން" ފޮނުވާ ކިތަންމެ ޒުވާނުންނެއް އެބަ ތިއްބެވެ.
ސައިންސުވެރީން ދުނިޔެއަށް ގިޔާމަތް މި ގެންނަ ގޮތަށް ގިޔާމަތް ނުވާނެކަމަށް ދީނުގެ ދަންނަބޭކަލުންގެ ހިތުގައި އީމާނާއި އިއުތިގާދު ވަރުގަދައެވެ. އެ މީހުން ހިމޭނުން ތިބީ އެންމެ ސަބަބަކާ ހުރެއެވެ. މި ގޮތުން ވެސް މީހުން ފާފައިން ތައުބާވެ ސީދާ މަގުން ހިނގަން ފަށައިފާނެތީއެވެ.
އެއާ ޚިލާފަށް ޢީސާއީ ދީނުގެ ބައެއް ދަންނަބޭކަލުންގެ ދައުވާއަކީ ގިޔާމަތުގެ ކުރިން، އާދެ އަށާވީސް ޑިސެންބަރުގެ ކުރިން ފަންސަވީސް ޑިސެންބަރުގައި ޢީސާގެފާނު ދެ ވަނަ ފަހަރަށް ދުނިޔެއަށް ވަޑައިގަންނަވާނެ ކަމުގައެވެ. އެ މީހުންގެ މި ބުނުމުން އާންމުންގެ މެދުގައި ހަލަބޮލިކަން އުފެދުނެވެ. ގިޔާމަތުގެ ކުރިން ޢީސާގެފާނު ދުނިޔެއަށް ވަޑައިގަންނަވާނެކަން އެއީ އިސްލާމުން ވެސް ގަބޫލުކުރާ ކަމެކެވެ. އެހެންކަމުން ވަރަށް ގިނަ މުސްލިމުން ވެސް މި ވާހަކަ ގަބޫލުކުރިއެވެ. މީހަކު ޔަގީންކަމާ އެކު ވާހަކައެއް ބުނެފިއްޔާ އަޑުއަހާ މީހާއަށް އެ ވާހަކައަކުން ބޮޑަށް އަސަރުފޯރައެވެ. މި ގޮތުން މީހުންގެ މެދުގައި ކެތްތެރިކަން ކުޑަވަމުން ދާ އިރު ހީވަނީ ދެންމެ ދެންމެ ކަމެއް ވެދާނެހެންނެވެ.
ދުންތަރިން ގެއްލުމެއް ލިބިދާނެކަމުގެ ބިރު އޮތީ އެކެއް އިންސައްތައަށް ކަމުގައި، ސަރުކާރުން ނޫސްތަކާއި ރޭޑިއޯގެ ޒަރީއާއިން ވަރަށް އޮމާންކަމާ އެކު ވިސްނައިދެމުން ގެންދެއެވެ. ޚަބަރުފަތުރާ ގޮތުގައި މިހައި ތަނަށް ލިބުނު މައުލޫމާތުގެ މައްޗަށް ބަލާއިރު އެ ދުންތަރި ބިމުގައި ނުޖެހޭނެކަން ނުވަދިހަ ނުވައެއް އިންސައްތަ ޔަގީނެވެ. އެ ވެއްޓޭނީ ކަނޑަށެވެ.
އެކަމަކު އެއީ ދޮގު ހިތްހަމަޖައްސައިދިނުމެއްކަން މީސްތަކުންނަށް ރަނގަޅަށް ވިސްނެއެވެ. އެ މީހުން ނޫސްތަކުގައި ހުރި މަޒުމޫނުތައް ވަނީ ކިޔައިފައެވެ. އެ މަޒުމޫނުތަކުގައި ވާ ގޮތުން އެ ދުންތަރި ބިމަށް ވުރެން އެތައް ގުނައެއް ބޮޑެވެ. އެ ވެއްޓޭނީ ހަމައެކަނި ކަނޑަކަށް ނޫނެވެ. ހިކިފަސް ތަނަށް ވެސް ވެއްޓޭނެއެވެ. މިހާރު މީސްތަކުން އެބައިމީހުންގެ ގޭގެއަށް އެތައް މަހެއްގެ ކާޑު އެއްކުރަން ފަށައިފިއެވެ. އެއީ ދުންތަރިން ޖެހުމުގެ ތެރޭގައި އެއްވެސް ގޮތަކުން ސަލާމަތްވެއްޖެނަމަ ބަނޑަށްމަރުވާން ޖެހުނަ ނުދިނުމަށް ޓަކައެވެ.
އެއްކޮޅުން ބާޒާރުތަކުން ކޮންމެހެން ބޭނުންވާ ތަކެތި ވިކުން އިތުރުވަނީއެވެ. އަނެއްކޮޅުން އިސްޓޮކު އެކުސްޗޭންޖަށް ހުއްޓުން އަރަނީއެވެ. މުދަލުގެ އިސްޓޮކު ގަންނަ މީހަކު ނެތެވެ. ވިޔަފާރީގެ ލިއުންތައް ރަހުނެއް ނުކުރެވެއެވެ. ބޮޑެތި ކުންފުނިތަކުން ހިއްސާގެ އަގު ދަށްކުރިއަސް އެއްވެސް މީހަކު ހިއްސާއެއް ނުގަނެއެވެ. އަނެއްކޮޅުން ވެރިކަމުގެ ފަރާތްތަކަށް ވެސް ގޯސް ހަދަން މަޖުބޫރުވިއެވެ. ހަލާކު ކުރިމަތިން ފެނުމުން ބިނާކުރުމުގެ މަޝްރޫޢުތައް ހުއްޓައިލިއެވެ. މި ގޮތުން ބޮޑެތި އިންވެސްޓަރުން ވެސް ފަހަތަކަށް ނުޖެހެއެވެ. އެ މީހުން ތަރައްގީގެ އާ މަޝްރޫޢުތަކަށް އިންވެސްޓުކުރުން ހުއްޓައިލިއެވެ.
އެކާވީހާއި ބާވީސް ޑިސެންބަރުގެ އިރު އޮއްސުނު ވަގުތު، އިރުއޮއްސުމުގެ އެއް މިނެޓު ފަހުން ހުޅަނގު އުދަރެހުން ރަތްކުލައިގެ ތިއްކެއް ހެން އެ ދުންތަރި ފެނުނެވެ. އަދި ދެ ތިން ސިކުންތަށް ފަހު ލޯތަކަށް ގެއްލުނެވެ. ބައެއް މީހުންނަށް އެ ދުންތަރި ފެނުނެވެ. އަނެއް ބައަކަށް އެ ދުންތަރިއެއް ނުފެނެއެވެ. އެ ގޮތަކީ މިވެނި ދުވަހެއްގެ ހަވީރު އެ ދުންތަރި ފެންނާނެކަމަށް އާންމުކޮށް އަންގައިފައެއް ނެތެވެ. އެހެންކަމުން އިއްތިފާގުން ފެނުނު މީހަކު ހަޅޭއްލަވައިގެންފައި ދެ ވަނަ މީހަކު ގާތު ބުނީއެވެ. ދެ ވަނަ މީހާ ތިންވަނަ މީހަކަށް ދެއްކީއެވެ. އެކަމަކު އެ ތަރި މަދުބައެއްގެ ލޯތަކަށް ފެނިފައި ގެއްލުނީއެވެ.
ކޮންމެއަކަސް ދުންތަރި ދުށީ ވަރަށް މަދު ބައެކެވެ. އެކަމަކު ވަރަށް ގިނަ މީހުން ޔަގީންކުރިއެވެ. އެހެނީ ކަންތައް އޮތީ އެ ކަހަލަ ވާހަކައަކީ ތެދެއްކަމަށް ގަބޫލުކުރާ ހިސާބުގައެވެ. ދިމާއަށް ފެންނަ ކަމެއް ބަޔާންކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިއަދު އިރު އޮއްސުނު އިރު ފެނުނިއްޔާ މާދަމާ އިރުއޮއްސޭ އިރު ވެސް ފެންނާނެއެވެ. މާދަމާ އޮތީ ދުރަކު ނޫނެވެ.
އެހެންކަމުން ތޭވީސް ޑިސެންބަރުގެ ހަވީރު ވަރަށް މުހިންމުވިއެވެ. އެއީ މަރަކީ ހަގީގަތެއްކަން މުޅި ދުނިޔެއަށް ޔަގީންކޮށްދޭނެ ހަވީރެވެ. އެހެނީ މަރުގެ އެއްވެސް ތިމާގެ މީހަކު ނުހުރެއެވެ. އެހެންވީމާ މަރު އެއްވެސް މީހަކާ ގާތްކަމެއް ނުބަހައްޓާނެއެވެ. ހުރިހައި އެންމެން އޮބައިގަންނާނެއެވެ. އެ ހަވީރު ވާން އުޅޭނީ ކޮން ގޮތެއް ކަމެއް ނޭނގެއެވެ. އެހެންކަމުން ބޭރަށް ނުކުތުން މަނާކުރާ ގާނޫނު ކުރިއްސުރެން ހިންގުނެވެ. މަގުތަކުގައާއި ބާޒާރުމަތީގައި ހަތިޔާރުއެޅި ސިފައިން ފޯރިމަރަން ފެށިއެވެ. އެއްވެސް ތަނެއްގައި ދެ މީހުންނަށްވުރެ ގިނަ މީހުން އެއް ތަނެއްގައި ތިބުމާއި އެކީގައި ހިނގުން މަނާކުރިއެވެ. ސަރުކާރުތަކާއި ބޭންކުތަކުން ލޯނު އިސްކީމު ހުއްޓައިލާނެކަން އިއުލާންކުރިއެވެ. ހުއްދަ އޮތީ ޗެކުގެ ޒަރީއާއިން މަދު އަދަދަކަށް ފައިސާ ނެގުމަށެވެ. އިސްޓޮކު އެކުސްޗޭންޖު މުޅިން ބަންދުކުރިއެވެ.
(ނުނިމޭ)