އެމްޑީޕީ އާއި ޢަދާލަތަކު ރައީސެއް ނެތް!

އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީގައި މިވަގުތު ރައީސަކު ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ލިސްޓެއް ފޮނުވައިދޭން އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގަ މިއަދު އެކޮމިޝަނުން ވިދާޅުވެފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ދެޕާޓީގެ ރައީސްކަމުގެ މަޤާމު ހުސްވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހާ ގުޅިގެންކަމަށެވެ.

ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެއްވެސް މީހަކަށް ލިބިގެނެއް ނުވާކަމަށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް މިދިޔައަހަރު ގެނެސްފައިވާ އިސްލާޙުގައި ވެއެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސްގެގޮތުގައި ހުންނަވަނިކޮށް މުޙަންމަދު ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުޙުކުމެއް އިއްވާފައެވެ.

މީގެއިތުރުން ޢަދާލަތުޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ގެ މައްޗަށްވެސް ވަނީ 12 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.