ރޯދައިގެ ފިލާވަޅު 13: ރަމަޟާންމަހު ޞަދަޤާތްދިނުމުގެ މާތްކަން

އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ސުވާލުދެންނެވުނެވެ. ރަމަޟާން މަހުގެ ރޯދަ ފިޔަވައި އެންމެ މާތް ރޯދައަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ޝަޢުބާން (މަހުގެ ރޯދަ) އެވެ. ރަމްޟާން މަހުގެ މާތްކަމަށްޓަކައެވެ. ދެން ދެންނެވުނެވެ. އެންމެ މާތް ޞަދަޤާތަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވި އެވެ. ރަމަޟާން މަހުގައި ކުރެވޭ ޞަދަޤާތެވެ. (ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 663)

ރަމަޟާން މަހަކީ ހެޔޮ ޢަމަލުތައް އިތުރުކޮށް، ހެޔޮކަންތަކުގައި ވާދަކޮށް ކުރިއަރައިދާންވީ މައްސަރެވެ. އެމަހުގައި ކުރެވޭ ޢަމަލުތަކުގެ ދަރުމަ އެތައް ގުނައަކަށް އިތުކޮށްދެއްވައެވެ. އެހެންކަމުން އެމައްސަރުގައި ހެޔޮ ޢަމަލު ގިނަކުރުމަކީ މުސްލިމުން ކުރަންޖެހޭ ކަމެކެވެ.  

މާތް ﷲގެ މަގުގައި މުދަލުން ހޭދަކޮށް ޞަދަޤާތްކުރުމަކީ މުއުމިނަކަށް ކުރެވޭނޭ އެންމެ މަތިވެރި އެއް ހެޔޮކަމެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ މި ޙަދީޘުން އެނގިގެންދާ ގޮތުގައި އެންމެ ހެޔޮކަން ބޮޑު، އެންމެ މާތް ޞަދަޤާތަކީ ރަމަޟާން މަހުގައި ކުރެވޭ ޞަދަޤާތެވެ. ޞަދަޤާތް ކުރެވޭ ވަގުތު މާތްވުމުގެ އިތުރަށް އެޞަދަޤާތަކީ ބޭނުން ޖެހިފައިވާ ރޯދަވެރިންނަށް ދެވޭ އެހީތެރިކަމަކަށް ވާތީއެވެ.

ރަމަޟާންމަހުގައި ކުރެވޭ ޞަދަޤާތުގެ ދަރުމަ ހަތްދިހަ ގުނައާއި ހަމައަށް އިތުރުކޮށްްދެއްވާއިރު، ތަފާތު ގޮތަކަށް ދަރުމަދެއްވާ ޞަދަޤާތެއް ވެސް އެމައްސަރުގައި ވެއެވެ. އެއީ ރޯދައަށް ހުރި މީހަކު ރޯދަވިއްލާނެ ތަކެތި ދިނުމެވެ. މި ޞަދަޤާތުގެ ދަރުމައަކީ ރަމަޟާން މަހުގެ ރޯދައެއްގެ ދަރުމައެވެ.

ރަމަޞާން މަހާއި ގުޅުވައިގެން ކުރެވޭ މަތިވެރި އެހެން ޞަދަޤާތެއްވެސް ވެއެެވެ. އެއީ ފިޠުރު ޒަކާތެވެ. އެއީ ރަމަޟާން މަހު ރޯދައަށް ތިބި މުސްލިމުންގެ ތެރެއިން ނިކަމެތިން އީދުގެ އުފަލުގައި ބައިވެރި ކުރުމަށް ދެވޭ ޒަކާތެވެ.

އެހެން ހުރިހާ މައްސަރުތަކަށްވުރެ ބޮޑަށް ރަމަޟާން މަހުގައި ރަސޫލުﷲ صلى الله عليه وسلم ދީލަތިވެވަޑައިގަތުމަކީ ވެސް އެެމަހުގައި ޞަދަޤާތް ދިނުމުގެ މަތިވެރިކަމާއި، މާތްކަން ދޭހަކޮށްދޭ ކަމެކެވެ. އެހެންކަމުން، ނަބަވީ މަދަރުސާއިން ފިލާވަޅު ލިިބިގަނެ، މި މަތިވެރި މައްސަރުގައި އެމީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން ތިމާގެ މުސްލިމް އަޚުންގެ މައްޗަށް ދީލަތިވަމާތޯއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.