(14 މެއި 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ވީ އިރު ގިޔާމަތުގެ ފަހުން ލަދުގަންނަ ކަހަލަ ވާހަކަ އަހައި އަދި އަހަރެމެންނަށް ބުނަން މަޖުބޫރު ކުރުވާނީ އެއީ ކޮން ބަގުވާނެއް؟"
"އޭނ. ތިޔަ ބުނުއްވީ ކީކޭ ސާހިބާ؟ ތިޔަ ހެން ބުނުއްވުމަކީ ވެސް ފާފައެއް."
އޭނާ އެއް ނޭވާއިން ރާތަށި ހުސްކޮށްލައިފައި ބުންޏެވެ.
"އެހެން ބުނުމަކީ ވެސް ފާފައެއް. އެ ކަހަލަ ދިރިއުޅުމަކީ ވެސް ފާފައެއް. މި ރަލަކީ ވެސް ފާފައެއް. އަހަރެންގެ މި ޒުވާންކަމަކީ ވެސް ފާފައެއް. ބަގުވާން އަހަރެންނަށް މި ޒުވާންކަން ނުދިންނަމަ އެކަމުން ބަގުވާނަށް ވީހީ ކޮން ގެއްލުމެއް. އަހަރެން މަޢުސޫމު ތުއްތު ކުއްޖެއްގެ ގޮތުގައި އުޅުނަ ދިން ނަމަ އަހަރެންގެ މޫނު ކަޅުވެފައި ވާ ހެން މި ދުނިޔެ ކަޅެއް ނުވީސް."
އޭނާ ފުޅި ނަގައިފައި ހުސްވެފައިވާ ތަށި ފުރައިލަމުން ބޯހަލުވައިލައިފައި ބުންޏެވެ.
"އާނ. އާނ. ގިޔާމަތުގެ ފަހުން ބަގުވާނު ވާނީ ލަދުގަންނަ ކަހަލަ ވާހަކަތައް ހަމަ އަހަން. ބަގުވާނު ނާހައިފިނަމަ މިއަދު މޫނުމަތި އަޅައިގެން މަލާއިކަތުންނަށް ވެގެން އުޅޭ ޝައިޠާނުންގެ މޫނުމައްޗެއް ހާމައެއް ނުވާނެ. އާނ. މާތްރަސްކަލާނގެ ޙަޟްރަތުގައި، ތިމަތިމާމެންނަށް ކުރެވިފައިވާ ކަންތައްތަކުގެ ހިސާބު ބެލެވެން ޖެހޭނެ."
އޭނާ ބޯން ފެށިއެވެ. ލަޠީފު ބާބާ ބުންޏެވެ.
"ސާހިބާ. އިށީންނަވާ."
"އަހަރެން ދިނީމާ ކައިގެން ތިބޭ ތިމާގެ މީހުންނާ އަހަރެންގެ ނޯކަރުން ބުނާނެ. ދަރިފުޅާ، ކަލޭ ތިޔަހަރީ ވަރުބަލިވެފައި. އިށީނދޭ! އަހަންނާ ހިތާވާ މީހުން ބުނާނެ. އަހަރެންގެ ފުރާނަޔާ އޮށޯވޭ! ހާހާހާހާ. އަހަރެން އުފަންވެފައި މި ވަނީ ބޭނުން މީހަކު ކޮޅަށް ނަގައި، ބައިންދައި، ބާއްވަން. ގިޔާމަތުގެ ކުރިން ބަގުވާން އަހަރެންގެ އެންމެ ފަހުގެ އެދުމަކީ ކޮބައިތޯ އަހައިފި ނަމަ އަހަރެން ބުނާނަން. އަހަރެން އަނެއްކާ ވެސް މަޢުސޫމު ތުއްތު ކުއްޖަކަށް ހަދައިދޭށޭ. އެއީ ކީއްވެގެން ކަން އެނގޭތަ ބާބާ؟"
"އަހަރެން ކުޑައިރު ގޭ މީހުންނާ އަވައްޓެރީން އަހަރެން އުނގަށް ލައިގެން ލޯބިކުރޭ. އޭރު އަހަރެންގެ ރީތި ކަމެއް ފަހަރެއްގައި ވެސް އަހަންނަކަށް އިހުސާސެއް ނުކުރެވޭ. އަހަރެން ބޭނުމީ މުޅި ދުނިޔެ ވެސް އެ ގޮތަށް އަހަންނާ ލޯބިކުރަން. އެކަމަކު އެހެންނެއް ނުވި. އަދި ކޮބާ، ވީ ގޮތަކީ ލޯބިކުރާ މީހުންގެ ގޮތްގަނޑު މަޑުމަޑުން ބަދަލުވާން ފެށީ. އަދި އެ މީހެއްގެ ގޮތުގައި، އަހަރެން މިއީ ކުޑަ ކުއްޖެއް ނޫންކަން ވިސްނައިދޭން ފެށީ. އެއް ދުވަހަކު އަވައްޓެރީންގެ ތެރެއިން ޗާޗާޖީ އަހަރެންގެ ރީތިކަމަށް ތާރީފުކުރަމުން ލޯބިކޮށްލީމާ އަހަރެން ހާސްވި. އޭނާގެ އަތުގެ ތެރެއިން ފޮޅުވިގަނެގެން އަވަހަށް އަނެއް ކޮޓަރިއަށް ދިޔައިން."
"އޭނާ އެ ކޮޓަރިއަށް އައުމުން އަހަރެން އޭނާއާ ދިމާއަށް އެއްޗިހިކިޔައިގަތިން. އޭނާ އަވަސް އަވަހަށް އެނބުރި ދިޔަ. އަހަރެމެންގެ އާއިލާއަކީ ވަރަށް ބޮޑު އާއިލާއެއް. އެކަމަކު އެ ވަގުތު ގޭގައި އެކަކުވެސް ނެތް. އޭރު އަހަރެން ނުދެނަހުރިން، ރޭވުމެއްގެ މަތިން އަހަރެން އެކަނި ގޭގައި ބަހައްޓައިފައި ހުރީ ކަމެއް. މަންމަ ވަނީ މަރުވެފައި. ބައްޕައަކީ ރާބޯ މީހެއް. ދޮށީ ބޭބެއަކީ މަސައްކަތެއް ނުކުރާ މީހެއް. ކަމަކީ އަބަދު ފަހަރި ގޮވާ އެއްޗެހި އަޑުއެހުން. ދޮށީ ދައްތަ އިނީ ހުވަފަތް ވެފައި. ދެން އިން ޒުވާން ދައްތަ ރައްޓެހި ކުދީންގެ ގެއަށް ދާން ގިނަގިނައިން ގެއިން ނުކުންނާނެ. އެނބުރި އަންނަ އިރު ކާޑު ގަންނަން ނޫނީ ގޭގެ ކުލި ދައްކަން ލާރި ގެންނާނެ. ފިރިހެން ކޮއްކޮއަކީ ޖީބުކަނޑާ މީހެއް. އަހަރެންގެ ޅަ ދުވަސް އަހަންނާ ވަކިވީ އެ ކަހަލަ ތިމާވެށްޓެއްގައި."
އޭނާ ރާތަށިން ކުޑައިރުގެ ކޯވަރެއް ހުސްކޮށްލަމުން ބުންޏެވެ.
"ހަވީރު ފަހަރި އައިސް ރުޅި އައިސްފައި އެހި. "ރޫޕާ! ކަލޭ ޗާޗާޖީއަށް ހަޑިހުތުރު އެއްޗެހި ގޮވީތަ؟"
އަހަރެން ބުނިން. "އާނ. އެއްޗެހިގޮވިން. އެއީ ޗާޗާއެއް ނޫން. ޝައިޠާނެއް. އޭނާ އަހަންނާ ލޯބިކުރީ."
"ލޯބިކުރިއްޔާ ވާނީ ކީއް؟ ބައެއް ފަހަރަށް އަހަރެމެންގެ ކެއިންބުއިމަށް، އަނެއްބައި ފަހަރަށް ކަލޭގެ ބައްޕައަށް ރާބޯން ޗާޗާ ފައިސާއެއް ނުދޭތަ؟"
"އޭ! ފަހަރީ! އޭނާ ފައިސާ ދެންޏާ ފަހަރި ގޮސް ލޯބިކުރޭ. އަހަރެން ގާތު ތިޔަ ކަހަލަ ވާހަކަދައްކަންޏާ އަހަރެން ފަހަރީގެ މޫނު ނޮޅައިލަފާނަން."
ފަހަރި ގުންފައިޖަހައިފައި ހިނގައްޖެ. ކުޑަ އިރުކޮޅެއް ފަހުން މެދަށް ހުރި ދައްތަ އަތުވެއްޖެ. އޭނާ ފުރަތަމަ އެތެރެއިން ދޮރު ތަންޑު އެޅި. ދެން އަހަންނާ ކަރާކަރުޖައްސައިލައިފައި ބުނެފި.
"ރޫޕާ! ކޮއްކޮ ޒުވާންވީ ކީއްކުރަން! އަހަރެންގެ ކޮއްކޯ! މި ތަނުގައި އަހަންނެކޭ އެއްގޮތަށް ކޮއްކޮގެ ދިރިއުޅުން ވެސް ބަރުބާދުވެދާނެ."
"ދައްތަގެ ވާހަކަ އަހަންނަކަށް ނުވިސްނުނު. އަހަންނަށް ހެޔޮ އެދޭ ދައްތަގެ ދިރިއުޅުން ބަރުބާދުވަމުން ދާ ގޮތެއް އަހަންނަށް އެނގިފައެއް ނެތް. ދައްތަ އަހަންނަށް މަޝްވަރާދިނީ އަހަރެންގެ އިއްޒަތް ސަލާމަތްކުރުމަށް ޓަކައި ގެއިން ފިލަން. އަހަރެން ރުޅިއައިސްފައި ބުނިން."
"ދައްތާ! ތިޔަ ކަހަލަ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟ އިއްޒަތަށް ޓަކައި އަންހެން ކުދީންނެއް ގެއަކުން ނުނުކުންނާނެ. އެކަމަކު ދައްތަ އަހަރެން ގާތު ތިޔަ ބުނަނީ ގެއިން ފިލަން."
"ރޫޕާ! އަހަރެމެންގެ ރަށުގައި ތަކެތީގެ އަގު ބޮޑުވެފައި ވާ ވަރުން ގޭގައި ތިބޭ އަންހެން ކޮއްކޮއިންނާއި އަންހެންދަރީންގެ އަގު ހެޔޮވެއްޖެ. މިހާރު ގޭތެރެއަކު ވެސް އިއްޒަތް ރައްކައުތެރިވެފައެއް ނޯވޭ. ބޭރަށް ނުކުތުމުން ތަގުދީރު ރަނގަޅިއްޔާ އެހީވާނެ މީހަކާ ދިމާވެދާނެ. މި މަގުގައި އުޅޭ ވިޓަލް ސުވާމީ ރޫޕާ ދެކެ ލޯބިވާކަން އަހަރެން ދަންނަން. އޭނާއަކީ ޒުވާނެއް. އޭނާ ރޫޕާ ގޮވައިގެން ފިލައިފާނެ. ރޫޕާ ނުފިލިއްޔާ ބައްޕަ ދުވަހަކުވެސް ރޫޕާގެ ކައިވެނި ވިޔަކަ ނުދޭނެ."
"އަހަރެންގެ ބައްޕައަކީ އެ ކަހަލަ މީހެއް ނޫން. އަހަރެން ދެކެ ނުލާހިކު ލޯބިވޭ. ދައްތަ ދެއްކި ވާހަކަތައް އަހަރެންނަށް ކަމަކު ނުދިޔަ. އަހަރެން ގޮސް ބައްޕަ ގާތު އެ ވާހަކަ ދެއްކިން. ބައްޕަ ދައްތައާ ދިމާއަށް ވަރަށް އެއްޗެހި ގޮވި. ބޭބެ އޭނާ ކޮޓަރީގައި ބަންދުކޮށްގެން ވަރަށް ހާނީއްކަކުރި. އެއީ އެ ނުކިޔަމަންތެރި ދަރި ބައްޕަ ނުބައިކުރީތީ. ބައްޕަ އަހަރެންގެ ބޮލުގައި އަތް ބާއްވައިލައިފައި ބުނި."
"އަހަރެންގެ ދަރިފުޅު ވަރަށް ރަނގަޅު. ވަރަށް ރީތި. ބައްޕަ ބުނާ ބަސް އަހާ. އަހަރެން ހަމަ މިހާރު ދަރިފުޅު ސާކަސް ދައްކަން ގެންދާނަން. ޅީ ދަރިފުޅާ! މި ތަނަށް އައިސްބަލަ. ރޫޕާ ރަނގަޅަށް ނަލަ ހައްދާ. އޭނާ އެއްކަލަ ބަނާރަސީ ސާޅި އަޅުވާ. އަހަރެންގެ ރޫޕާ ހީވާނީ ހަމަ އަލަތު އަތްނބެއް ހެން."
ރޫޕުވަތީ ތަށީގައި ހުރި ރަލަށް ބަލަން ފެށިއެވެ. މާކަރީ ހޮޅިބުރީގެ އަލީގައި އޭނާގެ ކުރަނގި ދެ ލޯ ރަތް އަނގުރު ގަނޑަކަށް ވަނީ އެވެ. އޭނާ ވިހަ ގޮތަކަށް ހިނިތުން ވެލައިފައި ބުންޏެވެ.
(ނުނިމޭ)