
މިއަދު މެންދުރުފަހު އަމީނިމަގު ފުރުޤާން މިސްކިތް ކައިރިން ދެކޮޅުންއައި ދެސައިކަލް ޖެހި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވި ދެމީހުންނަށެވެ.
މި އެކްސިޑެންޓު ހިނގަން މެދުވެރިވީ އެމަގުގެ ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލު "ނުބައިލޭނަށް އަރާފައި ވެހިކަލެއް އޯވަޓޭކު ކުރަން އުޅެނިކޮށް އިރުން ހުޅަގަނގަށް ދިޔަ ސައިކަލް ޖެހިގެން" ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިއެކްސިޑެންޓުގައި އޯވާޓޭކު ކުރަން އުޅުނު ސައިކަލް ދުއްވަންއިނީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުގައި އޭނާގެ ކަނާތުފައިގެ ފުންނާބު މަތިން ކަފައިގެން ގޮސްފައިވެއެވެ. އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާ ދުއްވި ސައިކަލުގެ ސައިޑުކަވަރުތައް ވެސް ވަނީ ހަލާކުވެފައެވެ. އަނެއް ސައިކަލް ދުއްވީ 31 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާގެ ކަނާތުފައިތިލަގެ މަތި ވަނީ ހަލާކުވެފައެވެ.