ޑައެޓް: ފުރިހަމަ ކާނާއާއި، ކެންސަރުން ރައްކާތެރިވުން

ގާތްތިމާގެ މީހެއް ނުވަތަ ގާތް ރައްޓެއްސެއް ވިޔަސް އެމީހަކީ ކެންސަރުބަލީގެ ޝިކާރައަކަށް ވެފައިވާ މީހެކޭ ބުނެފިނަމަ، ތިމާގެ ހިތަށް އެތައް ބައިވަރު ޚިޔާލު ތަކެއް އަތުވެދާނެއެވެ. މިގޮތުން ކެންސަރު ބަލި އެމީހަކަށް ޖެހުނު ސަބަބާމެދު ބައެއް ފަހަރު ވިސްނިގެން ދެއެވެ. އެހެން ދިމާވީ އާޢިލީ ވާރުތަވުމަކުންތޯ ނޫނީ އޭނާގެ ކެއުން ބުއިމުގެ އާދަތަކުގެ ސަބަބުންތޯ ނުވަތަ އޭނާގެ ހަށިގަނޑު ނުރައްކާތެރި އެއްޗަކަށް ހުށަހެޅިގެންތޯ ފަދަ ސުވާލުތައް ތިމާގެ ހިތުގެ ތެރޭގައި އުފެދިގެން ދާފަހަރު އާދެއެވެ.

ފައިދާހުރި ކާނާ އާއި ކެއުމުގެ ރަނގަޅު އާދަތަކަކީ ކެންސަރުން ސަލާމަތްވުމަށް އޮތް މަގެއް ކަން އެނގިލައްވާތޯއެވެ؟ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީއާއި، ނެޝަނަލް ކެންސަރ އިންސްޓިޓިއުޓް އަދި އެމެރިކާގެ ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތު ގުޅިގެން ވަނީ ކެއުމުގެ އުސޫލުތަކާއި ކެންސަރާއި ހުރި ގުޅުމާއި ބެހޭ ގޮތުން އިލްމީ ދިރާސާތަކެއް ކޮށްފައެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އާއްމު ކެއުމުގެ އުސޫލުތައް ބެހެއްޓުމަށް އެހީތެރިވުމަށާއި ކެންސަރާއި ވީހާވެސް އާއްމުން ދުރުކުރުމެވެ.

މި ދިރާސާ ތައްޔާރުކުރުމުގައި ތަރައްޤީ ވެފައިވާ ޤައުމުތަކާއި ތަރައްޤީ ވަމުން އަންނަ ޤައުމު ތަކުގެ އާއްމު ކެއުމުގެ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި ތަފާތު ވައްތަރުގެ ކެންސަރުބަލި ކަމަށްވާ، ކާނާ ދަތުރުކުރާ ހޮޅީގެ ކެންސަރު، އުރަމަތީގެ ކެންސަރު، ރަޙިމުގެ ކެންސަރު، ގޮހޮރުގެ އަދި ކިޑްނީއަށް ޖެހޭ ކެންސަރު ބަލި ހިމެނެއެވެ. ބަޔާން މިކުރެވުނު ކެންސަރުބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރާކަމަށް ފާހަގަ ކުރެވިފައިވަނީ ނިސްބަތުން ފަލަ މީހުނަށެވެ. މި ދިރާސާ ކުރުމުގައި އިސްކޮޅާއި ބަރުދަނާއި ހުރި ގުޅުމާއި، އަދި ކުޑައިރުއްސުރެ ފަލަވާ ފަލަވުން ފަދަ މުހިއްމު މަޢުލޫމާތުތަކަށް އަލި އަޅުވާލައިފައިވެއެވެ.

ކެއުމުގެ އުސޫލުތަކުގެ އިތުރުން، ގަވާއިދުން ބަނގުރަލުގެ އަސަރު ހުންނަ ބުއިންތައް ބުއިމުގެ ސަބަބުންވެސް ގިނަ ބާވަތުގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދެއެވެ. މިގޮތުން ފާހަގަ ކޮށްލެވެނީ އަނގައިގެ ކެންސަރު، އުރަމަތި އަދި ފުރަމޭގެ ކެންސަރެވެ.  އަފްލަޓޮކްސިން (ދަނޑު ގޮވާމުގެ އުފެއްދުންތަކުގައި އުފެދޭ ވިހައެއް) ހިމެނޭ ކާނާއާއި ލޮނު ގިނައިން ބޭނުންކުރާ ފަރާތްތަކަށްވެސް ކެންސަރުގެ ނުރައްކަލަށް ހުށަހެޅޭ ކަމަށް މި ދިރާސާގެ ނަތީޖާ އިން ދައްކައެވެ. ހަމަ މިއާއިއެކު ތައްޔާރީ މަހާއި، އެއްގަމު ރަތް މަހަކީ ވެސް މާ ގިނައިން ކާނަމަ ކެންސަރަށް މަގުފަހިވާނެ ކޮށްދޭ އެއްޗެއް ކަމަށް މި ދިރާސާގެ އަލީގައި ފާހަގަ ކުރެވިގެން ދިޔައެވެ.

ރަނގަޅު ކެއުމުގެ އާދަ ތަކުގެ ތެރޭގައި، އާއްމު މީހެއްގެ ދުވާލުގެ ކެއުމުގައި 400 ގުރާމުގެ މޭވާއާއި ތަރުކާރީ ހިމެނުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ހަމަ މިއާއިއެކު ގަވައިދުން ކަސްރަތު ކުރުމަކީވެސް އުރަމަތީގެ ކެންސަރާއި ގޮހޮރުގެ ކެންސަރު ފަދަ ބަލިތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެކެވެ. ތައްޔާރީ ކާނާ ބޭނުންކުރުމުގެ ބަދަލުގައި ގޭގައި، ތާޒާ ސާމާނު ބޭނުން ކޮށްގެން ކެއުން ތައްޔާރުކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.

        ލިޔުނީ: ބެޗްލާރ އޮފް ސައިންސްގެ ދަރިވަރު، ޖުމާނާ ޚަލީލް

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.