
ރާއްޖެއަށް އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިތަކެތި އެތެރެކުރީ ކަނޑުމަގުންނެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތި އަތުކައިގަތީ އިންވެސްޓިގޭޓިވް ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެތަކެތި އަތުލައިގަތީ ގދ. ފަޅުރަށެއްގައި ވަޅުލައިފައި ހުއްޓާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންނަށް މިތަކެތި ހޯދިފައިވަނީ ފާއިތުވި 72 ގަޑިއިރު ހުއްޓުމެއްނެތި މަސައްކަތް ކޮށްގެންނެވެ. އެ ވަގުތުގައި ފުލުހުންވަނީ ގދ. އަތޮޅު ކަނޑުގެ ސަރަޙައްދާއި ފަޅުރަށްރަށުގައި މި އޮޕަރޭޝަން ހިންގައިފައެވެ.

"މި އުފާވެރި ޚަބަރު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްވާފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނަރނައިޓުގެ ތެރެއިން،" ފުލުހުން ވިދާޅުވިއެވެ.
މިއީ ރާއްޖެއިން ބޭރުން އެތެރެ ކުރި އެއްޗެކެވެ. ފުލުހުން އެތަކެތި ނަގައިފައިވަނީ ފަޅުރަށުގައި ވަޅުލާފައި ހުއްޓައެވެ. މިތަކެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުން ރާއްޖެ އެތެރެކޮށްފައިވަނީ ލޯންޗެއްގައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ލަފާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 5 މީހުން ބަންދުކޮށްފައެވެ. މި ފަސް މީހުންނަކީ ވެސް ދިވެހީންނެވެ.