ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނުވަތަ ނާއިބު ރައީސްގެ މަޤާމުން އަންހެން ބޭފުޅަކު ފެނުމަކީ ދުނިޔެއަށް ދައްކުވައިދޭނެ ރީތި ނަމޫނާއެއް ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ނާއިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވަމުން ގެންދަވާއިރު އޭގެ ތެރޭގައި އަންހެން ދެ ބޭފުޅަކު ވެސް ހިމެނިވަޑައި ގަންނަވައެވެ. އެ ދެ ބޭފުޅުންނަށް ވެސް މިނިސްޓަރ ވަނީ ކާމިޔާބީއަށް އެދި ވަޑައިގެންފައެވެ.
"ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަޤާމުގައި އަންހެން މެންބަރަކު ފެނިގެން ދިޔުމަކީ ބައިނަލްއަޤުވާމީ ދުނިޔެއަށް ދެއްކޭނެ ނަމޫނާއެއް. ޝައުޤުވެރިކަން ފާޅުކުރައްވައިފައިވާ 2 މެންބަރުންނަށް ވެސް ކާމިޔާބަށް އެދެން،" މިނިސްޓަރ ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ނަވާރަވަނަ މަޖިލިހުގެ ރައީސް ކަމަށް އާއްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ރޮޒެއިނާ އާދަމް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ ޢަބްދުﷲ ވަނީ ނާއިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ.
ނިމިގެން ދިޔަ މަޖިލީސް އިންތިޚާބުގައި މަޖިލީހަށް އިންތިޚާބުވި އަންހެން ބޭފުޅުންގެ ޢަދަދު މަދުވުމުން ޖެންޑަރ މިނިސްޓަރ ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.