
އެމްޑީޕީން އެކުލަވާލައިފައިވާ އެޖެންޑާ19 ގައިވާ ކަންކަން ތަންފީޒު ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުން އެއް ވިސްނުމެއްގައި މަސައްކަތް ކުރުމަށް ފަސް ކޮމިޓީއެއް އުފައްދައިފިއެވެ.
އެ ފަސް ކޮމިޓީއަކީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ފަސް ދާއިރާ ކަމުގައިވާ، އިންޞާފު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްޠިޞާދު ގެ މައްޗަށް އެކުލަވާލާފައިވާ 5 ކޮމިޓީ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އެކޮމިޓީތަކުގެ މައިގަނޑު މަސައްކަތަކީ، އެ 5 ދާއިރާއިން ވެފައިވާ ވައުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމާއި، ވައުދުތައް ފުއްދުމަށް ސަރުކާރުން ހިންގާންޖެހޭ މަޝްރޫޢުތައް ދެނެގަނެ އެމަޝްރޫޢުތައް ހިންގާނޭ އުޞޫލުތައް ދެނެގަތުންކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ.
އެ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ، ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މިޕާޓީގެ މެންބަރުންނާއި، ސަރުކާރު ހިއްޞާވާ ކުންފުނިތަކުގެ ބޭފުޅުންނާއި، ފަންނީ މާހިރުން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީން ރިޔާސީ އިންތިޚާބަށް ކުރިމަތިލީ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ކަންކަން ފުއްދުމަށް ވައުދުވަމުންނެވެ. އެޖެންޑާ 19 އަކީ އެވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރާނެ ކަންކަން ބަޔާންކޮށް އެކުލަވާލައިފައިވާ ޤާނުނީ އޮނިގަނޑެވެ.