
ރައީސުލްޖުމްހޫރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ދެކޮޅަށް މަސައްކަތް ނުކުރައްވާ ކަމަށާއި މަސައްކަތް ކުރައްވަނީ ރައީސާއި، މި ޤައުމު ސަލާމަތް ކުރައްވަން ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވީޓީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. "އަޅުގަނޑު މިއުޅެނީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަކަށް ނޫން. އަޅުގަނޑު މަސައްކަތް މިކުރަނީ އެމަނިކުފާނު ވެސް ސަލާމަތް ކުރަން މި ޤައުމުވެސް ސަލާމަތް ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށްޓަކައި ޖޭޕީން ބޭނުންވަނީ ރައްޔިތުންނަށް ހުވަފެން ނުދައްކާ ޙަގީގަތްތަކެއްގެ މައްޗަށް އެކުލެވޭ ރާއްޖެއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖުމްހޫރީޕާޓީން މަޖިލީހަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ޕާޓީން ކުރިމަތިލައިފައިވާ 46 މެމްބަރުންގެ ތެރެއިން ވީހާސް ގިނަބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވިގެންދިއުން. އަޅުގަނޑުމެން ޓިކެޓު ދީފައިވަނީ ވަރަށް ޤާބިލް ކުޅަދާނަ ވިސްންތެރި ބޭފުޅުންނަށް،"
ޤާސިމް ވިދާޅުވީ އެހެން ކަމުން މަޖިލީހަށް މިފަހަރު މެމްބަރުން އިންތިޚާބު ކުރާއިރު ވަރަށް ބޮޑަށް ވިސްނައިގެން ވޯޓު ދެއްވުމަށެވެ. ޤައުމުގެ މިނިވަން ކަމާއި އިސްތިގުލާލް އަދި ދިވެހިރާއްޖޭގައި މިއޮތް އިސްލާމްދީން މިގޮތުގައި ދެމިގެންދިޔުން މި ފަހަރުގެ އިންތިޚާބުގެ މައްޗަށް ބަރޯސާ ވެގެންދާނޭ ކަމަށާއި އެއީ ކަށަވަރު ޔަޤީން ކަމެއް ކަމަށް ވިދާޅުވިއެވެ.