ޢަދުލު އިންސާފު ޤާއިމް ނުކުރެވެނީ ވެރިން އަތްބާނާތީ: ޤާސިމް

ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމް ނުކުރެވިގެން އުޅެނީ އޭރު ވެރިކަމުގައި ތިއްބަވާ ބޭފުޅުން ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އަތްބާނާތީ ކަމަށް ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހީމް މިހެން ވިދާޅުވީ ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމުގައި މިރޭ ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ކެރިހުރެގެން ދަންނަވައިފާނަން، އިޖުތިމާޢީ ޢަދާލަތު ރާއްޖޭގައި ޤާއިމު ނުވެގެން އުޅެނީ، ޝަރުޢީ ދާއިރާ ރަނގަޅު ނުކުރެވިގެން އުޅެނީ ދިވެހިރާއްޖޭގެ ވެރިކަމުގައި ތިއްބަވާ ބޭފުޅުން އޭގެތެރެއަށް އަތްބާނަން ބޭނުންވާތީ،" ޤާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އޭގެ އިތުރަށް ސަރުކާރުތަކުން ތަފާތު ވައްތަރުގެ ނުފޫޒާއި، ބާރުވެރިކަން ޝަރުޢީ ނިޒާމުގެ ތެރެއަށް  ފޯރުވަމުން ގެންދަވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރަކީ ޤާނޫނު އަސާސީން މެންޑޭޓުދީފައިވާ ވަރަށް ބާރުވެރިފަރާތެއް ކަމަށާއި އެހެންނަމަވެސް ސަރުކާރު ހިންގާ ފަރާތަކަށް ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ ލިބިގެންދިޔައިމާ ދެން ކުރެވޭނެ ހަމަ އެއްކަމެއް ވެސް ނޯންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖުޑިޝަރީ ރަނގަޅު ނުކުރެވިގެން އުޅެނީ ނުވަތަ ޢަދުލުއިންސާފުވެރިކަމާއެކު ޝަރީޢަތް ނުކުރެވިގެން އުޅެނީ އިހަށްދުވަހާއި އިއްޔެއަށް އަޅުގަނޑުމެން ބަލާލީމާ އެނގިގެންދޭ ކީއްވެގެންކަން. ވެރިކަމުގެ ފަރާތުން ބޭނުންވާ ގޮތަށް ޝަރީޢަތް ނުނިންމާތީ،" ޤާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާފުވެރިކޮށް ކަންތައްތައް ދާނީ ނުފޫޒެއްނެތި އިންސާފުގެ އުސޫލުން ކަންތައްތައް ކުރަން ޝަރޫޢީ ދާއިރާއަށް ފުރުސަތު ދީގެން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.