ޖައްވު ތަޣައްޔަރުވެ ވައި ނުސާފުވުމުގެ ސަބަބުން 2017 ވަނަ އަހަރު އިންޑިޔާގައި މަރުވި މީހުންގެ އަދަދު 1.2 މިލިއަނަށް އަރާކަމަށް އަރާކަމަށް ބައިނަލްއަގްވާމީ ރިޕޯޓަކުން ދައްކައިފިއެވެ. ޗައިނާގައި ވެސް 1.2 މިލިއަން މީހުން ނުސާފު ވައިގެ ސަބަބުން މަރުވެފައިވާއިރު، މިއީ މިކަމުގެ ސަބަބުން 2017 ވަނަ އަހަރު މުޅި ދުނިޔޭގައި މަރުވި މީހުން ދެބައިކުޅަ އެއްބައެވެ.
އެމެރިކާގެ ހެލްތް އެފެކްޓްސް އިންސްޓިޓިއުޓް (އެޗްއީއައި) އިން 'ސްޓޭޓް އޮފް ގްލޯބަލް އެއާ 2019' ގެ ނަމުގައި ނެރުނު ރިޕޯޓުގައި ބުނާގޮތުން ގޭތެރޭގައްޔާއި، ގެއިން ބޭރުގައި ނުސާފު ވަޔަށް ނޭވާލުމުގެ ނަތީޖާއެއްގެ ގޮތުން ސްޓްރޯކާއި، ހިތް ހުއްޓުމާއި، ފުއްޕާމޭގެ ކެންސަރާއި، ފުއްޕާމޭގެ ބޮޑެތި ބަލިތަކުގައި ޖުމްލަ ގޮތެއްގައި 2017 ވަނަ އަހަރު މުޅި ދެނިޔެއިން 5 މިލިއަން މީހުން މަރުވެފައި ވެއެވެ.
"މީގެ ތެރެއިން 3 މިލިއަން މީހުން މަރުވީ ސީދާ ޕީއެމް 2.5 ގެ ސަބަބުންނެވެ. (ޕީއެމް 2.5 އަކީ ވައިގެ ތެރޭގައި ދުމާއެކު ޖައްވުގެ ތެރެއަށް ބޭރުވާ ލޮލަށް ނުފެންނަ ވަރުގެ ކުދި އެތިކޮޅުތަކެވެ.)
އިންޑިޔާގައި ސިއްހަތަށް ކުރިމަތިވާ ނުރައްކާތަކަށް ބަލާއިރު، ވައިނުސާފުވުމަކީ 3 ވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބެވެ. ދުންފަތުގެ އިސްތިއުމާލުކުރުންވެސް އޮތީ 4 ވަނައިގައެވެ.
ޖައްވު ތަޣައްޔަރުވެ ވައި ނުސާފުވުމުގެ މައްސަލަ އިންޑިޔާއަށް ކުރިމަތިވެފައިވާއިރު މި އޭޕްރީލް މަހުގައި ބާއްވާ އާއްމު އިންތިޚާބަށް އިދިކޮޅު ކޮންގްރެސް ޕާޓީން ނެރެފައިވާ މެނިފެސްޓޯގައި ވައި ނުސާފުވުމުގެ މައްސަލައަށް އިޝާރާތްކޮށްފައި ވެއެވެ.
"ވައި ނުސާފުވުމަކީ ސިއްހީގޮތުން ގައުމު ކުއްލި ހާލަތަކަށް އަންނަންޖެހޭ ކަމެއް ކަމުގައި ކޮންގްރެސްއިން ގަބޫލުކުރެއެވެ. ވައި ނުސާފުމުވުގެ މައްސަލަ އަވަސް ގޮތެއްގައި ހައްލުކުރުމަށް، އަހަރުމެން ގައުމީ ސާފު ވައިގެ ޕްރޮގްރާމު ވަރުގަދަކުރާނަމެވެ." ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި ވެއެވެ.
ވައި ނުސާފުވުން އިތުރުވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމުގައި ތިމާވެށްޓާބެހޭ ތަޖުރިބާކާރުން ބުނެއެވެ.
"ވައި ނުސާފުވުމުގެ މައްސަލަ ސީރިއަސްވެ މީހުން މަރުވަމުންދާ ކަމުގެ ހެކިތައް އަހަރުމެންނަށް މިދަނީ ކޮންމެ ދުވަހަކު ލިބެމުން. އެހެންކަމުން، ޖައްވުގެ ތެރެއަށް ދޫކުރެވޭ ވައިނުސާފުކުރާ މާއްދާތައް މަދުކުރަން މަސައްކަތްކުރަން ޖެހޭ....... މަސައްކަތްކުރަން ހަނގުރާމައެއްގައި މަސައްކަތްކުރާ ފަދައިން." އަނަޑޯލޫ ނިއުސް އެޖެންސީއާ ވާހަކަދައްކަވަމުން، ދިއްލީގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އެޓްމޮސްފެރިކް ސައިންޓިސްޓް ޕްރޮފެސަރ މަންޖޫ މޯހަން ވިދާޅުވިއެވެ.
އެޗްއީއައިގެ މި ރިޕޯޓާ ގުޅިގެން އިންޑިޔާގެ ދަހިންދޫ ނޫހަށް ދެއްވީ ބަސްދީގަތުމެއްގައި އެ އިންސްޓިޓިއުޓްގެ ނާއިބު ރައީސު ރޮބަޜް އޯ'ކީފް ވަނީ ވައި ނުސާފުވުމުގެ މައްސަލަ ހައްލުކުރަން އިންޑިޔާއިން ކުރާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އޭނާ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އުޅަނދުތަކަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި، ވައި ސާފުކުރުމަށް ހިންގާ ކްލީން އެއާ ޕްރޮގްރާމް ހިމެނެއެވެ.