ޙޫޘީން އެމީހުންގެ 31 ހަނގުރާމަވެރިއަކަށް މަރުގެ އަދަބުދީފި

ދާޚިލީ ހަނގުރާމައިގެ ސަބަބުން ޔަމަނުގައި ހާލުގައި ޖެހިފައިވާ އާއިލާތަކެއް

ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނު ސަރުކާރާއި ހަނގުރާމަކުރަމުންދާ ޙޫޘީން އެމީހުންގެ 31 ހަނގުރާމަވެރިއަކަށް މަރުގެ އަދަބުދީފިއެވެ. ޙޫޘީންނަކީ މައިގަނޑުގޮތެއްގައި ސުންނީ ޔަމަނުގެ ވެރިކަން އަތުލުމަށް ހަނގުރާމަކުރަމުންދާ ޝީޢީ ޖަމާއަތެކެވެ.

ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނުން ހިސާރުކޮށްފައިވާ ދުރައިހަމީގައި މަރުގެ އަދަބުދިން މީހުންނަކީ ކޯލިޝަނަށް އަމާންދޭން އެއްބަސްވި މީހުންނެވެ.

އަލްޢަމާލިޤާ ބްރިގޭޑްސްގެ ތަރުޖަމާނު ވައްޟާޙު އައްދަބީޝް ބުނިގޮތުގައި އައްދުރައިހަމީގައި ހިސާރުވެފައި ތިބި ޙޫޘީ ހަނގުރާމަވެރިންގެ ބަޔަކު ވަނީ އަރަބި ކޯލިޝަނުގެ އަސްކަރީ ކޮމާންޑަރުންނާއި އަމާން ދިނުމާ ބެހޭގޮތުން ދުވަސްތަކެއް ކުރިން ވާހަކަދައްކާފައެވެ.

ޙޫޘީ ޖަމާއަތުގެ އަސްކަރީ ވެރިންނަށް މިކަން އެނގުމާއެކު އަމާންދިނުމަށް ވާހަކަދެއްކި 31 ހަނގުރާމަވެރިންގެ ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ނިންމައި އެމީހުންނަށް މަރުގެ އަދަބުދިނީއެވެ. އަދި އެ އެންމެން ވަނީ މަދަރުސާއެއްގެ ގޯތިތެރޭގައި ވަޅުލާފައެވެ.

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ އެތައް ލައްކަ ބަޔަކު ބަނޑަށް ޖެހިފައިވާއިރު، އަދިވެސް ހަނގުރާމަ އަވަހަކަށް ނިމިދާނޭ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. ސަރަހައްދީ ބާރުތަކުން ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ސަބަބުން ހަނގުރާ އިތުރަށް ފުޅާވެ ވަރުގަދަވުމުގެ ސަބުބުން، ޔަމަނުގެ ބޮޑު ބައެއް ދަނީ ސުންނާފަތި ވަމުންނެވެ.

ޝީޢީ ޙޫޘީންނަށް އީރާނުން އަސްކަރީގޮތުން އެހީވަމުން ދާއިރު، ސުންނީ ސަރުކާރުގެ ދިފާއުގައި ސައޫދީއަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ދަނީ ހަނގުރާމަކުރަމުންނެވެ.

މި ހަނގުރާމައިގައި މިހާތަނަށް 60 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހިގެން 85 ހާހަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ބައިނަލް އަގްވާމީ އެހީދޭ ޖަމާއަތްތަކުން ލަފާކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.