
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހަނިމާދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މަސްތުވާ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށްޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެތަން ބައްލަވާލައްވައި، އެތަނުގައި ދެވޭ ފަރުވާތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދީ އެމީހުން އަލުން މުޖުތަމަޢަށް ނެރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ރައީސް ވިދާޅުވެފައިވަނީ އެކަމަށްޓަކައި ރާއްޖޭގައި އަޅާ އެންމެބޮޑު ޑްރަގްރިހެބިލިޓޭޝަން ސެންޓަރު އައްޑޫގައި އަޅުއްވައިދެއްވާނެ ކަމަށެވެ.