އިސްލާމް ދީން ޖާގަ އެއް ނުދޭނެ އެކަކު އަނެކަކަށް ލާދީނީ އޭ ބުނާކަށް: ރައީސް ނަޝީދް

ފޮޓޯ: އެމްޑީޕީ ސެކްރެޓޭރިއެޓް، ޓުވިޓަރ

އިސްލާމް ދީން އެއްބަޔެއް އަނެއް ބަޔަކަށް ލާދީނީ އޭ ބުނަން ޖާގަ ނުދޭ ކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދް ނަޝީދް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބުރާސްފަތި ދުވަހުގެރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެބޭފުޅުންގެ ވާދަވެރީން ތާ އަބަދު ރައްދުގައި ދީނުގެ ވާހަކަ ދައްކަވަމުން ގެންދަވާ ކަަމަަށެވެ. ނަމަވެސް ދިވެހީންގެ ހިތްތަކުގައި އެންމެ މަތިވެރި މަގާމެއް ދެވިފައި އޮންނަނީ އިސްލާމް ދީނަށް ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އެހެންކަމުން ދިވެހީންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ލީޑަރުން އިސްލާމް ދީނުގެ ނަމުގައި ވާހަކަ ފަތުރަމުން ދާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ރައްދު ދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅު އަމާޒުކުރެއްވީ ދާދިފަހުން ޖޭޕީ އިން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި އެމްޑީޕީ އަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިެއްޖެ ނަމަ ދިވެހިރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވި ވިދާޅުވުމަށެވެ. އެވާހަކައަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވަނީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ ވާދަވެރީން ތާ އަބަދު އަޅުގަނަޑުމެންނަށް ރައްދުގަ ދީނުގެ ވާހަކަ ދައްކަމުންދޭ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދިވެހީންގެ ހިތްތަކުގައި އެންމެ މަތިވވެރި މަގާމެއް ދެވިފައި އޮންނަނީ މާތްވެގެންވާ އިސްލާމް ދީނަށް. ދިވެހީންގެ ހިތުގައި ނަފްރަތު އުފެއްދުމަށް ސިޔާސީ ލިޑަރުން އިސްލާމް ދިނުގެ ނަމުގައި ވާހަކަ ފަތުރަމުންދޭ. އަޅުގަނޑުމެންގެ ވެރިކަމެއްގައި ބުދުފައްޅި މިތާ، މި ރާއްޖޭގައި އަޅާނެ ކަމަަށް، ލަދެއް ނެތި އެބަ ވިދާޅުވޭ. އަޅުގަނޑުމެންގެ ސަރުކާރަކީ 47 މިސްކިތް، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 47 މިސްކިތް  ބިނާކުރި. ދިވެހިރާއްޖޭގެ އެހެން އެއްވެސް ސަރުކާރެއްގައި 47 މިސްކިތެއް ބިނައެއް ނުކުރޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެމްޑީޕީން ބުދު ފައްޅި އަޅާ ވާހަކަ ދައްކަވާއިރު ގާސިމް އިބްރާހީމްގެ ރިސޯޓުގައި ހުރީ ބުދު ބަހައްޓާފައި ކަމަށާއި މިހާރުވެސް ބުދަށް އަޅުކަން ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ގާސިމް އިބްރާހީމް ފައިދާ ހޯއްދަވަނީ ބަނގުރަލާއި އޫރު މަސް ވިއްކަވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ބޭފުޅުން އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ބުދު ފައްޅި އަޅަން އުޅޭ ވާހަކަ ދައްކަވާއިރުގައި، އެބޭފުޅާގެ ރިސޯޓުގައި ހުރީ ބުދު ބަހައްޓާފައި، މިހާރުވެސް. އެބޭފުޅާގެ ރިސޯޓުގައި މިހާރުވެސް ބުދަށް އަޅުކަން ކުރޭ. އަޅުގަނޑުމެން ލާދީނީ އޭ ވިދާޅުވާ އިރުގައި އެބޭފުޅާ ފައިދާ ހޯއްދަވަނީ ބަނގުރަލާއި އޫރުމަސް ވިއްކައިގެން. ދެން އައިސް އަޅުގަނޑުމެން ގާތުގައި ވިދާޅުވަނީ އަޑު އަހަރުކޮށް އަޅުގަނޑުމެން ލާދީނީ އޭ. އިސްލާމް ދީން ޖާގަ އެއް ނުދޭނެ އަކަކު އަނެކަކަށް ލާދީނި އޭ ބުނާކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ އެއް ނޯންނާނެ ކަމަށެވެ. އަދި އެއީ ދިވެހީން އެދޭ ގޮތް ނޫން ކަމަށާއި ރާއްޖޭގައި ބުދުފައްޅި އަޅާ ވާހަކަ ދައްކަމުން ހިނގާނެ ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަކީ މައިންބަފައިން ލޯބިން ބޮޑެތިކޮށްދީފައި ތިބި ކުދީން. ގުރުއާން ކިޔަވައި، އުމުރުން ހަތް އަހަރުވީމައި ޚަތިމް ކޮށްދީފައި، ނަމާދުކުރަން ދަސްކޮށްދީފައި، ރޯދަ ހިފަން މަޖުބޫރުކޮށް، ޒަކާތް ދޭ މީހުން. އަޅުގަނޑުމެންނަކީ އިސްލާމުން. ދިވެހިރާއްޖޭގައި، އެމްޑީޕީގެ ސަރުކާރެއްްގައި، އެހެން އެއްވެސް ދީނަކަށް ޖާގަ އެއް ނޯންނާނެ. އެއީ ދިވެހިން އެދޭ ގޮތެއްނޫން. މިތަނުގައި ބުދު ފައްޅި ހަދާ ވާހަކަ ދައްކަމުން ހިނގާނެ ކަމެއް ނެތް" އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ވޯޓު ގަނެ ވިއްކުމަށް އިޝާރާތް ކުރައްވައި ވެސް ވާހަކަފުޅު ދައްކާވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރިޝްވަތު ނެގުމާއި ރިޝްވަތު ހިފުމަކީ މާތް ރަސްކަލާނގެ ނަފީ ކުރައްވާފައިވާ ކަންކަން ކަމަށާއި އެއީ އެއް މިންވަރުގެ ދެ ފާފަ ކަމަށެވެ.

"ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ އެއީ އެއް މިންވަރުގެ ދެ ފާފަ. މާތް ރަސްކަލާނގެ ނަހީ ކުރައްވާ ކަންކަން. ވޯޓު ގަންނަން އުޅުއްވާނެ ކަމެއް ނެތް. އަދި ވޯޓު ވިއްކާން ވެސް އެއްވެސް ބޭފުޅަކު އުޅުއްވައިގެން ނުވާނެ. ވޯޓެއް ވިއްކައިގެން ދެކޮޅެއްވެސް ނުވެސް ނެތް، ވިޔަފާރީގެ ގޮތުން ޖެއްސޭކަށް ވެސް" އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެޖެންޑާ ނަވާރަ އެއަށްވުރެ މާ ބޮޑު ތަނުން ވެސް އަގު ބޮޑު ކަމަށެވެ. ޕާޓީގެ ފަރާތުން ހުށަހަޅަނީ ފަސް އަހަރުގެ އެޖެންޑާއެއް ކަމަށާއި އެޖެންޑާ ނަވާރަ އަކީ ސރުކާރުގެ ވައުދުތައް ފުއްދުމަށް އޮތް ވަސީލަތެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެޖެންޑާ ނަވާރަ އަކީ ގާނޫނީ އޮނިގަނޑެއް ކަމަށާއި އެީ ތަރަހައެއް ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ބޭނުމަކީ އެ ތަރަހައިގެ މައްޗަށް ބިނާކޮށް މަޖިލީހުގެ މަސައްކަތް ކުރަމުންދާ ގޮތް ބަދަލުކުރުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. Fhalhlhi alhaa ne ye kiyaa ne ennu Christian dheen fathuraa thee deport Kelli mee haku genes maa kairi koggen uley thee Anekkaa thi kaley ge bunefa eba guru secular dheen gennan vee kamah saudhee ga onna mee bodhaa dheen kamah moden islaam dheen gennan vee kamah reygndu nidhi naima rasoolaage hadeese quraan ge aayathe kiyumuge badhaluga ehen gothe hoadhan vejje kama mifadha vaahaka dhakkafa huri meehakee laa dhee nee mee hekey bunevey mee dhotha

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.