ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ގުނާނަ (ކައުންޓްޑައުން) ބުރާސްފަތި ދުވަހު ފަށައިފިއެވެ. ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ގުނާނަ ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބުރާސްފަތި ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވަޑައިގެންނެވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ވެރިކަމަށް އައީ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދާއެކުއެވެ. މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ވާހަކަ ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ. އަދި މިއަދަކީ މަސަރުކާރުގެ މަސައްކަތު ފުރަތަމަ 90ވަނަ ދުވަސް ކަމުގައި ރައީސް ވިދާޅުވިއެވެ.
ސަރުކާރު ފެށިގެން އައީ ރައްޔިތުންނަށް ވަރަށް ބޮޑެތި އުއްމީދުތަކެއް ދެމުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ އުއްމީދުތައް ހަގީގަތަކަށް ވުމުގެ އިންތިޒާރުގައި ރައްޔިތުން ފަސް އަހަރު ވަންދެން ތިބުމަކީ އެމަނިކުފާނަށް ގަބޫލުފުޅު ކުރެވޭ ކަމެއް ނޫން ކަމުގައެވެ. އަދި އެއީ ހެޔޮވެރިކަމެއްގެ ސިފައެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނު ބޭނުންފުޅުވީ ރައްޔިތުން ބޭނުންވި ކަންކަން ކުރު މުއްދަތެއްގެ ތެރޭގައި ކޮށްދެއްވާން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޖުމްލަ 160 ވައުދެއް ހިމެނޭ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެ ވައުދުތަކުގެ ތެރެއިން މިއަދާއި ހަމައަށް 83 އިންސައްތަ ވައުފު ފުއްދިފައިވާ ކަން އެމަނިކުފާޏު ފާހަގަކުރެއްވިއެވެ. އަދި ދެން ހުރި ވައުދުތައް ފުއްދފުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާޏު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޅީން ޚަރާބު ވެފައި އޮތް ނިޒާމެއްގެ ތެރެއަށް ވަދެ ކަންކަން އިޞްލާޙު ކުރަނަ ބޭނުންވާ ބަޔަކަށް 100 ދުވަހަކީ ވަރަށް ކުރު މުއްދަތެއް ކަމުގައެވެ. އެހައި ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތިންގެ ހެވާއި ލާބަޔަށްޓަކައި ގިނަ ކަންތައްތަކެއް އެހައި ގިނަ ކަންތައް ކޮށްދެއްވި ކަމަށްޓަކައި ވަޒީރުންގެ މަޖިލީހަށް އެމަނިކުފާޏު ޝުކުރު އަދާކުރެއްވިއެވެ.
ކުރު މުއްދަތެއްގ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެވިއްޖެ ކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ. އަދި ދެން ނުކުރެވި ހުރި ކަންކަމަކީ ދައުލަތުގެ އެހެން މުއައްސަސާތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ގާނޫނޫ އޮނިގަނޑަށް ބަދަލުގެނެސްގެން ކުރަންޖެހޭ ކަންތައްތަކާއި ޖުޑީޝަރީ އާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަކާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަންކަން ހުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރަށް މަސައްކަތު 100 ދުވަސް ހަމަވާނީ އަންނަ އޭޕްރީލް މަހުގެ 12ވަނަ ދުވަހަށެވެ.