
ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖޭއާއި އިންޑިޔާގެ ޒަމާންވީ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމުން އިސްކަން ދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރައްވާނެ ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ސުޝްމާގެ އަރިހުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދެއް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި، މި ވަފްދުގެ ބޭފުޅުން ވަނީ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުންތަކުގައި ވަނީ އިންޑިޔާ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާމެދު މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.